މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކޮށްގެން ކާބޯތަކެތި ހަދަމުންގެންދާ ކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު ބަންދުކުރި ފެންޓަސީ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ ނުދެނީސް އެތަން ހުޅުވައިގެން އާއްމުންނަށް ހިދުމަތް ދެމުން ގެންދާ ކަމަށް ބުނެ އެ ބޭކަރީ ބަންދުކޮށް ދިނުމަށް އެދި މާލާ ސިޓީ ކައުންސިލުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ސުޖާއު މިއަދު ވިދާޅުވީ ފެންޓަސީ ބޭކަރީ އެ ކައުންސިލްގެ ހުއްދައެއް ނުހޯދައި ހުޅުވައިގެން ހިދުމަތް ދެމުން ގެންދާ މައްސަލާގައި އެ ބޭކަރީ ބަންދުކޮށް ދިނުމަށް އެދި މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. އަދި ފެންޓަސީގެ މައްސަލައާ ގުޅިގެން މިހާތަނަށް މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ މަޝްވަރާތަކަށް ފަހު އެ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ ދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ހުއްދަ އަލުން ދެވޭނީ އެ ކައުންސިލުން ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ފަހު ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮންނާނީ ފެންޓަސީގެ ވެރިންނަށް އަންގާފައި އޭގެ ހައްލު ހޯދޭނެ ގޮތްތައް. ނަމަވެސް މިހާރު ހުޅުވާފައި އެވަނީ އަޅުގަނޑުމެންގެ ހުއްދަ ނެތި ކަމުގައިވާ އިރު އަޅުގަނޑުމެން ބިރުގަނޭ އޭގެން ނުކުމެދާނެ ނަތީޖާއަކަށް. ސިޓީ ކައުންސިލްގެ ބާރުގެ ދަށުން ނޫން ގޮތަކަށް ހިނގާ ކަންކަމުގައި އަޅުގަނޑުމެންނަކަށް ޒިންމާއެއް ނުނެގޭނެ،" ސުޖާއު ވިދާޅުވި އެވެ.

ފެންޓަސީ ބޭކަރީ މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފައިވަނިކޮށް އެތަން އަލުން ހުޅުވައިގެން ހުއްދަ ދިނުމުގެ ހުއްދަ އެބޭކަރީ އަށް ދީފައި ވަނީ އިކޮނޮމިކް މިނިސްޓްރީންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

ފެންޓަސީ ބޭކަރީ އަލުން ހުޅުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުން ވެސް އެތަން ހުޅުވުމަށް މާލޭ ސިޓީ ކަންސިލުން ހުއްދަ ނުދިނުމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅާނެ ކަމަށް ފެންޓަސީ އިން ވަނީ ބުނެފަ އެވެ.