ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ޑީޑޮސްގެ ގިނަ ހަމަލާތަކެއް ދެމުން ގެންދާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާތަކުގެ ސަބަބުން އިންޓަނެޓް ބޭނުން ކުރުމަށް ދަތިތަކަކާ ކުރިމަތި ވާނެ ކަމަށެވެ. އަދި ބުނީ މިހަމަލާތައް ބޮޑަށް އަމާޒުވެފައި ވަނީ ދިރާގުގެ ވެބަސައިޓަކާއި ރާއްޖޭގެ ހަބަރު ގެނެސްދޭ ވެބް ސައިޓްތަކަށް ކަމަށެވެ.

"މިގޮތަށް ބަޔަކު ގަސްތުގައި ކެނޑިނޭޅި ހަމަލާ ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން އިންޓާނެޓް ހިދުމަތް ބޭނުންކުރާ އާންމުގެ ގިނަ ފަރާތްތަކެއް މިކަމުގެ ދަތިތައް ކުރިމަތި ލާންޖެހުމަކީ އަޅުގަނޑުމެން ނުހަނު ހިތާމަކުރާކަމެއް،" ދިރާގުގެ އެބަޔާނުގައިވެ އެވެ.

އެމައްސަލަ ހައްލުކުރުމަށް ޓަކައި ދިރާގުގެ ޓެކުނިކަލް ޓީމުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ނެޓްވޯކަށް ދޭ ޑީޑޮސްގެ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ހަބަރު ފަތުރާ ސައިޓްތަކަށް ވަނުމަށް ދަނީ ދަތިތަކަކާ ކުރިމަތި ވަމުންނެވެ. އެގޮތުން ސަންގެ ސައިޓަށް ވެސް އެ މައްސަލަތައް ވަރަށް ބޮޑަށް އަންނަނީ ދިމާވަމުންނެވެ.