ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބާ ވާދަކޮށް ޕޮލިސް ކުލަބުން ޗެމްޕިއަންކަން ހޯދީ ތިން ސެޓު ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އިއްޔެ ފައިނަލް މެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާގޮތަށް ބަލާ އިރު، މެޗުގެ ފުރަތަމަ ސެޓް 25-21 އިން ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. ދެ ވަނަ ސެޓް 25-16 އިން ކާމިޔާބު ކުރީ އެސްޓީއޯ އެވެ. އަދި މެޗުގެ ތިން ވަނަ ސެޓް 25-14 އިން ކާމިޔާބު ކުރީ ވެސް އެސްޓީއޯ އެވެ. އެހެން ނަމަވެސް މެޗުގެ ހަތަރު ވަނަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ހަތަރު ވަނަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-12 އިނެވެ. އަދި މެޗުގެ ފަހު ސެޓް ޕޮލިހުން ކާމިޔާބު ކުރީ 16-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެވެ.

އިއްޔެގެ ފައިނަލް މެޗަށް ފަހު މުބާރާތުން އެކިއެކި ވަނަތައް ހާސިލް ކުރި ކުޅުންތެރިން ވަނީ ހޮވައިފަ އެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޕޮލިސް ކުލަބުގެ އަގީލާ ހަމީދު ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ވެސް ޕޮލިސް ކުލަބުގެ ސުހާނާ އަހުމަދެވެ. އަދި އެންމެ މޮޅު ސްޕައިކަރަކަށް އެސްޓީއޯގެ އައިޝަތު ނާޒިމާ ހޮވުނު އިރު، އެންމެ މޮޅު ބްލޮކަރަކަށް ހޮވުނީ ވެސް އެ ޓީމުގެ އައިޝަތު ފަޒީލާ އެވެ. މުބާރާތުގެ އެންމެ މޮޅު ލިބެރޯ ކުޅުންތެރިއަކަށް ރަނަރަޕް އެސްޓީއޯ ޓީމުގެ މަރިޔަމް ހަލީމް ހޮވުނު އިރު، ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ވެސް އެސްޓިއޯ ޓީމުގެ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޕޮލިހުގެ މަރިޔަމް އަޒީފާ ހޮވުނު އިރު، 19 އަހަރުން ދަށުގެ އެންމެ އުންމީ ކުޅުންތެރިއަކަށް ހޮވުނީ އަމިކާ ސްޕޯޓްސް ކުލަބުގެ ހައްވާ ސަހާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ސާވާ އަކަށް މާބައިދޫ ޓީމުގެ ފާތިމަތު މަޖިއްޔާ ހޮވުނު އިރު، މުބާރާތުގެ މޮޅު ކޯޗަކަށް ހޮވުނީ ޗެމެޕިއަން ޕޮލިސް ކުލަބުގެ މުހައްމަދު ނަދީމެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން، ޖުމްލަ ހަތް ޓީމް ވާދަކުރާ މި މުބާރާތުގެ ގްރޫޕް އޭ ފަޅީގައި ވާދަކުރި ޓީމްތަކަކީ ޕޮލިހާއި އޯޝަން ކުލަބާއި އަމިކާ ސްޕޯޓްސް ކުލަބް އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. އަދި ގުރޫޕް ބީގައި ހިމެނޭ ޓީމް ތަކަކީ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި އެމްއެސް ހެލްޕިން ހޭންޑް އަދި ކްލަބް ޕޯލް ސްޓާ އެވެ.