މަރަށް މަރު ހިފުމަށް މީގެ ކުރިން އެދެމުން އައީ މަދު މީސްކޮޅެކެވެ. އެ ވާހަކަ އެންމެ ގަދަޔަށް ދެކެވިގެން ދިޔަ އެއް ދުވަސްވަރަކީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. އެ ދުވަސްވަރު ރާއްޖޭގެ ރައީސް ކަމަށް ކެމްޕޭންކުރެއްވި އިރު މިހާރު ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ރާއްޖޭގައި މީހުން މެރުމާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވޭނީ މަރަށް މަރު ހިފައިގެން ކަމަވެ. ނަމަވެސް އުމަރުގެ އެ ވާހަކަތަކަށް އޭރު އެހާބޮޑު ތާއީދެއް ނުލިބުނެވެ. އޭރު އެކަމަށް ތާއީދު ކުރީ އުމަރަށް ތާއީދު ކުރާ މަދު މީސްކޮޅެކެވެ. ނަމަވެސް މިފަހަކަށް އައިސް މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގިނަ ބަޔަކު މިދަނީ ގޮވަމުންނެވެ. އެއީ މި އަހަރުގެ މިހާތަނަށް ގިނަ ބަޔަކު މަރާލާފައިވާތީ ކަމަށް ގަބޫލުކުރެވެ އެވެ. ދާދިފަހުން މަރާލި ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ މަރަށް ފަހު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މެރި މީހުންގެ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ.

މީހުން މަރާ މީހުންގެ މައްޗަށް ޝަރީއަތް ކުރެވި ޝަރީއަތުން މީގެ ކުރިން ވަނީ އެތަކެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވި ގޮތުގައި އެމަނިކުފާނު ހަނދާންވާ ގޮތުގައި 10 މީހެއްގެ މައްޗަށް މީގެ ކުރިން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެ، މެރުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ހުކުމެއް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ޝަރުއީ ކޯޓުތަކަކީ ހުކުމް ކުރަން އޮންނަ ތަނެކެވެ. އެ ހުކުމް ތަންފީޒު ކުރުމަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ މަސްއޫލިއްޔަތެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުން އެތަކެއް މަސައްކަތުން ފާސްކޮށް އަދި މިހާރު އަމަލުކުރަމުން މިދާ ފެހި ގާނޫނު އަސާސީގައި ބުނަނީ ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކަށް ތަބާވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. އެހެންކަމަށްވާ އިރު މީހަކު މަރާލިކަން ސާބިތުވެ މެރުމަށް ކޯޓުން ހުކުމް ކުރުމުން ގާނޫނީ ބާރު ނެތް ކަމަށް ބުނެ އެ ހުކުމް ތަންފީޒު ނުކުރުމަކީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ކޯޓުތަކުން މަރަށް މަރު ހިފުމަށް މިހާތަނަށް ކޮށްފައިވާ ހުކުމްތަކަށް ތަންފީޒީ އިދާރާ އިން ތަބާވެފައި ނުވާ ކަމަށާއި މަރަށް މަރު ހިފުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"ރާއްޖޭގައި ގާނޫނީ ނިޒާމް ބައްޓަންވެފައި އޮންނަ ގޮތުން މި އޮންނަނީ ކޯޓުތަކުން އުގޫބާތް ކަނޑައެޅުނީމާ، ތަންފީޒު ކުރުން ތަންފީޒީ ބާރުގައި. އެހެންވީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކި ބާވާތެއްގެ ހުކުމެއް ނޫން ތަންފީޒުކުރަން ޖެހެނީ. ހުރިހާ ބާތެއްގެ ހުކުމެއް ވެސް ތަންފީޒު ކުރުން ވަރަށް މުހިންމު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ނުކުރަނީ ބޭރު ގައުމުތަކުގެ ޕްރެޝަރު އޮންނާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެކަން އޮވެގެންވާނެ ގޮތެއް ނޫން ކަމަށާއި މަރަށް ހުކުމް ކުރަނީ މަރުވި މީހާގެ ވާރުތަވެރިން ބޭނުންވެގެން ކަމަށް ވާތީ އެ ހުކުމް ތަންފީޒު ނުކޮށް ދޫކޮށްލުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ.

"ޝަރުއީ ކޯޓަކުން މީހަކު މަރަން ހުކުމް މިކުރަނީ މަރުވި މީހާގެ ހުރިހާ ވާރުތަވެރިން އެކަމަށް އެއްބަސްވާ ނަމަ. އެހެންވީމަ ކޯޓުތަކުން މަރަށް ހުކުމް ކުރީމާ އެ ހުކުމް ތަންފީޒުނުކޮށް ދޫކޮށްލުމުގެ ބާރެއް ސަރުކާރަކަށް ވެސް ލިބިގެން ނުވާނެ. އިސްލާމީ ޝަރީއަތުގައިވާ ގޮތުން ގާތިލަށް މާފްކުރުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި މަރުވި މީހާގެ ވާރުތަވެރިންނަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ކޯޓުތަކުން ކުރާ މަރުގެ ހުކުމްތައް، ތަންފީޒީ އިދާރާ، ސަރުކާރުން ތަންފީޒު ނުކުރާ ކަމަށް ޝަރުއީ ދާއިރާ އިން ބުނާ އިރު، ގާނޫނު ހަދާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވެސް އެ ތުހުމަތުގެ އިނގިލި ދިއްކުރަނީ ސަރުކާރާ ދިމާލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި ގޮތުގައި ކޮންމެ ކަމެއް ކުރުމުގައި ވެސް އެކަމެއް ކުރަން ޖެހޭ އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހެ އެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރަންވީ އުސޫލެއް ވީހާ ވެސް އަވަހަކަށް ސަރުކާރުން އެކުލަވާލައި އެއްވެސް ޝައްކެއް ނެތް މިންވަރަށް މަރުގެ މައްސަލައެއް ސާބިތުވެ މަރަށް ހުކުމްކޮށްފި ނަމަ އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ އެވެ. އޭނާ ވިދާޅުވީ "މަރަށް މަރުހިފާނެ އުސޫލެއް ސަރުކާރުން އަވަހަކަށް ކަނޑައެޅުމަށް ފަހު އެފަދަ ހުކުމްތައް ތަންފީޒު ކުރަން" އަވަސް ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެ އެމީހެއްގެ ހުކުމް ތަންފީޒު ކުރުމަށް 25 އަހަރަށް ޖަލަށް ލުމުން އެ ހުކުމް ތަންފީޒު ނުކުރެވޭ ކަމަށާއި މެރުމަށް ކޯޓުން ކުރާ ހުކުމް ތަންފީޒު ކުރި ކަމަށް ބެލެވޭނީ އެމީހަކު މެރުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީހަކު މެރުމަށް ކޯޓުން ކުރާ ހުކުމަކީ ސައްހަ ހުކުމެއް ކަމަށްވާ ނަމަ އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ އެވެ.

"ގަސްތުގައި މީހަކު މެރިކަން ޝަރީއަތަށް ސާބިތުވެ މެރުމަށް ހުކުމް ކުރުމުން އެމީހަކު 25 އަހަރަށް ޖަލަށް ލުމަކީ އެއީ އެހުކުމް ތަންފީޒުވީ ކަމަށް ނުބެލެވޭނެ. އެ ހުކުމް ތަންފީޒުވީ ކަމަށް ބެލެވޭނީ އެމީހަކު މެރުމުން. މީހަކު މެރުމަށް ކޯޓުން ހުކުމެއް ކޮށްފި ނަމަ އެބަޖެހޭ އެ މީހަކު މަރަން،" އާމިރު ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ނުކުރެވިގެން އުޅެނީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ފުރިހަމަ ނުވެގެން ނޫނެވެ. އެކަން ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ "8 ފެބްރުއަރީގައި ރައީސް ކަމާ ހަވާލުވި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު"ގެ ސަރުކާރުންނެވެ.

ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވިދާޅުވީ ކުރީގައި ރާއްޖޭގެ ޝަރުއީ ނިޒާމް އޮންނަ ގޮތުން މީހުން މަރަށް ހުކުމް ކުރީމާ އެ ހުކުމަށް ބަދަލުގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބުނު ކަމަށް ވިއަސް މިހާރު އެ ބާރު ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ މަރަށް ކޯޓުން ހުކުމްކޮށްފި ނަމަ މި ސަރުކާރުން އެ ހުކުމް ތަންފީޒު ކުރާނެކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

"ސަރުކާރަށް މަޖުބޫރުވާނެ މަރަށް ހުކުމް ކުރީމާ އެ ހުކުމް ތަންފީޒު ކުރަން. އަޅުގަނޑަށް ޔަގީން ސަރުކާރުން އެ ހުކުމް ތަންފީޒު ކުރާނެކަން،" ރިޔާޒު ވިދާޅުވި އެވެ.

މަރުގެ ހުކުމްތައް ތަންފީޒު ނުކުރެވެނީ ސަރުކާރުގެ "އިހުމާލަކުން" ކަމަށް އަދުލުއިންސާފުގެ ދާއިރާ އިންނާއި ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން ތުހުމަތު ކުރާ އިރު، މި ސަރުކާރުގެ ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޝަރުއީ ކޯޓަކުން ހުކުމެއްކޮށް، އެ ހުކުމް ތަންފީޒު ކުރަން އެމަނިކުފާނާ ހަވާލުކޮށްފި ނަމަ އެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.
"ކޯޓުން ހުކުމެއްކޮށް އަޅުގަނޑާ ހަމަޔަށް އަތުވެއްޖެ ނަމަ [އެ ހުކުމެއް] ތަންފީޒު ކުރާނަން." ޖަމީލު ވިދާޅުވި އެވެ.

އެހެން ކަމަށްވާ ނަމަ އެކަން ޓެސްޓް ކުރުމުގެ "ބޯޅަ" އަނެއްކާ ވެސް ފޮރުޅާލެވިފައި ވަނީ ޝަރުއީ ދާއިރާއާ ދިމާލަށެވެ. ނަޖީބުގެ ގާތިލުން ފާޅުކަން ބޮޑު ގޮތެއްގައި އޭނާ މެރީ އެ މީހުން ކަމަށް ބުނާ އިރު، އަދި ވާރިސުން މަރަށް މަރުހިފުމަށް އެދި ގޮވަމުންދާއިރު މިއީ އެކަން ޓެސްޓްކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވެދާނެ އެވެ.