މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމް( އިސްލާމީ މަރުކަޒު) އިމާމު ކަމުގެ މަގާމަށް މިނިސްޓަރުގެ ނައިބު ފެންވަރުގައި ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިއްޔެ އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ދެ މަގާމަށް ހަމަޖައްސެވީ ދ. މީދޫ ފެހިގޭ ޝައިޚް މުޙަންމަދު ލަޠީފާއި ރ. އަލިފުށީ ޕްލާޒާ އަލްއުސްތާޛު ހައިޝަމް މުޙަންމަދެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ދީނީ ރޮނގުން މަތީ ތަޢުލީމު ހާޞިލް ކުރައްވާފައިވާ ދެބޭފުޅުންނެވެ. ޝައިޚް މުޙަންމަދު ލަޠީފް މަތީ ތަޢުލީމް ޙާޞިލް ކުރެއްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޒުގެ އިމާމު މުޙަންމަދު ބިން ސަޢުދު އިސްލާމިކް ޔުނިވަރސިޓީންނެވެ.

އަދި އަލްއުސްތާޛު ހައިޝަމް މުޙަންމަދު، މަތީ ތަޢުލީމު ޙާޞިލް ކުރެއްވާފައި ވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަސިޓީއިންނެވެ.

މިއީ މިނިސްޓަރުގެ ނައިބު ފެންވަރުގައި އިމާމުކަމުގެ މަގާމަށް ބޭފުޅުން ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ.