އިސްލާމްއާބާދު (ޖުލައި 5): އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ޢަސްކަރީ ބާރުތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި އެނޫން ސަޕްލައި ޕާކިސްތާން މަގުން ގެންދިޔުމުގެ ހުއްދަ އަލުން ދިނުމަށް ޕާކިސްތާން ސަރުކާރުން ނިންމައިފި އެވެ.

ޕާކިސްތާނުގެ މަސްއޫލުވެރިއެއް ކަމަށްވާ ޖާވީދު ޙަފީޒު ވިދާޅުވީ މި ހުއްދަ އަލުންދިނުމަށް ޕާކިސްތާން ސަރުކާރުން ނިންމީ މިދިޔަ ޖަނަވަރީ މަހު އެމެރިކާގެ ޙަމަލާތަކެއްގައި ޕާކިސްތާން ސިފައިންގެ 24 މީހަކު މަރުވި މައްސަލާގައި އެމެރިކާ އިން ރަސްމީ ސިފައެއްގައި ޕާކިސްތާނުގެ ކިބައިން މަޢާފަށް އެދުމުންނެވެ. މިކަމަށް އެމެރިކާ މަޢާފަށް އެދުމަކީ ނޭޓޯގެ ޢަސްކަރީ ބާރުތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލުގެ ސަޕްލައި ޕާކިސްތާން މަގުން ގެންދިޔުމުގެ ހުއްދަ އަލުން ދިނުމަށް ޕާކިސްތާނުން ކުރިމަތިކޮށްފައިވާ ޝަރުތެކެވެ.

އެމެރިކާގެ ފަރާތުން މިކަމަށް މަޢާފަށް އެދިވަޑައިގަތީ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ކަމަށާއި މި މަޢާފް ޕާކިސްތާނުގެ ފަރާތުން ބަލައިގަތީ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީ ކަމަށް ވެސް ޖާވީދު ވިދާޅުވި އެވެ. އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ބާރުތަކަށް ބޭނުންވާ ސަޕްލައި ޕާކިސްތާން މަގުން ގެންދިޔުން ޕާކިސްތާނުން މަނާކުރީ މިދިޔަ ޖަނަވަރީމަހު އެމެރިކާގެ ޙަމަލާތަކެއްގައި ޕާކިސްތާން ސިފައިންގެ 24 މީހަކު މަރުވުމާގުޅިގެން އެކަމަށް މަޢާފަށް އެދުމަށް އެމެރިކާ ދެކޮޅު ހެދުމުންނެވެ. މިމައްސަލާގައި އެމެރިކާ ކުރިން ބުނެފައި ވަނީ ޙަމަލާދެވުނީ އޮޅުމަކުން ކަމަށާއި ނަމަވެސް ޕާކިސްތާނުގެ ކިބައިން މަޢާފަށް ނޭދޭނެ ކަމުގަ އެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ޢަސްކަރީ ބާރުތަކަށް ބޭނުންވާ ސަޕްލައި ޕާކިސްތާން މަގުން ގެންދިމުން މަނާކުރުމުން ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ސަތޭކައެއްހާ މިލިޔަން ޑޮަލަރުގެ ގެއްލުން ނޭޓޯ އަށް ލިބިފައިވާ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ. ނޭޓޯގެ ސަޕްލައި ޕާކިސްތާނުގެ މަގުން ނުގެންދެވޭތީ މީގެ ބައެއް ގެންދަނީ ކިްރގިސްތާނާއި އުޒްބަކިސްތާނުގެ މަގުން ވަރަށް ޚަރަދުބޮޑުކޮށް އަދި އުނދަގޫގޮތެއްގަ އެވެ.

ނޭޓޯގެ ސަޕްލައިއަށް ޕާކިސްތާނުން އަލުން ހުއްދަ ދިން ނަމަވެސް ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ތާލިބާން ހަނގުރާމަވެރިން ވަނީ ޕާކިސްތާނުގެ މަގުންގެންދާ ނޭޓޯގެ ސަޕްލައި ލޮރީތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު ދީފަ އެވެ. ޕާކިސްތާން މަގުން ސަޕްލައި ގެންދާ ނަމަ މާއްދީ ގޮތުންނާއި އިންސާނީ ފުރާނައިގެ ގޮތުން ނޭޓޯ އިން ބޮޑުއަގެއް ދައްކަން ޖެހޭނެ ކަމަށާއި ސަޕްލައި ގެންދާ ލޮރީތަކުގެ ޑްރައިވަރުން ވެސް މަރާނެކަމުގެ އިންޒާރު ތާލިބާނުންވަނީ ދީފަ އެވެ. އެމެރިކާއަކީ ވައިގެ މަގުން ޙަމަލާދީ ޕާކިސްތާނުގެ ތާލިބާނުންގެ އތުރުން ޕާކިސްތާނުގެ ޢާންމުން ވެސް މަރަމުންގެންދާ ޤައުމެކެވެ. (އީ- ޕާކިސްތާން ނިއުޒް)