ނިއުދިއްލީ (ޖުލައި 5): 2008ގެ ބޮންބޭގެ ޙަމަލާތަކަށް ފަހު ގޯސްވެގެންދިޔަ އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށް ޓަކައި ދެޤައުމުގެ ދެމެދުގައި އަނެއްކާ ވެސް ސުލްޙައިގެ ވާހަކަތަކެއް ފަށައިފި އެވެ.

ނިއުދިއްލީގައި އިއްޔެ ފެށުނު މިވާހަކަތައް ކުރިޔަށް ދަނީ ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ވަކީލުންގެ ފެންވަރުގަ އެވެ. މިވާހަކަތަކުގައި އިންޑިޔާގެ ފަރާތުން ބައިވެރިވަނީ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއި އެވެ. ޕާކިސްތާނުގެ ފަރާތުން އެޤައުމުގެ ޚާރިޖިއްޔާގެ ވަކީލު ޖަލީލް ޢައްބާސް ގީލާނީ އެވެ.

ދެ ޤައުމުގެ ސުލްހައިގެ ވާހަކަތައް އަލުން މިފެށުނީ 2008ގައި ބޮންބޭ އަށް ދިން "ޓެރަރިސްޓް" ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް އިންޑިޔާ އިން ތުހުމަތުކުރާ މީހެއް ކަމަށްވާ ސައްޔިދު އަންސާރީ ހައްޔަރުކުރިކަން އިންޑިޔާ އިން އިޢްލާންކުރިތާ ހައެއްކަ ދުވަސްފަހުންނެވެ. އަންސާރީގެ އަތުގައި ވަނީ ޕާކިސްތާނުގެ ޕާސްޕޯޓެއް ކަމަށާއި އޭނާއަކީ ޕާކިސްތާނުން އެހީތެރިވާ ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތައިބާއަށް ނިސްބާތްވާ ހަނގުރާމަވެރިއެއްކަމަށް އިންޑިޔާ ބުނެ އެވެ.

އަންސާރީ ހައްޔަރު ކުރުުމާގުޅިގެން އިންޑިޔާއިން ވަނީ ބޮންބޭގެ ޙަމަލާތައް ރާވައި ހިންގުމުގައި ޕާކިސްތާނުގެ ދައުލަތުގެ ތެރޭގައި ހިމެނޭ ބަޔަކު އެހީތެރިވެދިފައިވާ ކަމުގެ ތުހުމަތު ވެސް ޕާކިސްތާނުގެ މައްޗަށް ކޮށްފަ އެވެ. މިތުހުމަތު ތަކާގުޅިގެން ދެ ޤައުމުގެ ދެމެދުގައިވާ "ޒަޚަމް"ތަކުން އަނެއްކާ ވެސް "ލޭ" އައުމުގެ ފުރްސަތު ބޮޑުވެފައިވާ ކަމަށް ސްޓްރެޓީޖިކް ދިރާސާތަކާ ބެހޭ އިންޑިޔާގެ މަރުކަޒެއް ކަމަށްވާ "އޮބްޒާވަރ ރީސާޗް ފައުންޑޭޝަން" އިންބުނެ އެވެ.

މިމައްސަލައާ ގުޅޭ ގޮތުން އިންޑިޔާގެ ނޫސްވެރިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނިއުދިއްލީގައި މިހާރު ހުންނެވި ޕާކިސްތާނުގެ ޚާރިޖިއްޔާގެ ވަކީލު ޖަލީލް ޢައްބާސް ގީލާނީ ވިދާޅުވީ ޓެރަރިސްޓުންނަކީ ވަކިޤައުމަކަށް ނިސްބަތްވާ ބައެއްނޫން ކަމަށާއި ޓެރަރިސްޓުން ޕާކިސްތާނުގައި އުޅޭފަދައިން އިންޑިޔާގައި ވެސް ޓެރަރިސްޓުން އުޅޭނެ ކަމަށެވެ.

ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓަކު އިންޑިޔާ އިން ހައްޔަރުކުރުމަކީ އެމީހެއްގެ ފަހަތުގައި ޕާކިސްތާން އޮތުން ނޫން ކަމަށާއި ބޮންބޭގެ ޙަމަލާތަކުގެ ހަޤީޤަތް ހޯދައި އެކަމުގެ ފަހަތުގައިވާ މުޖްރިމުން ޢަދާލަތަށް ޙާޒިރުކުރުމުގައި ޕާކިސްތާނުން އިންޑިޔާ އަށް އެހީތެރިވާނެ ކަމަށް ގީލާނީ ވިދާޅުވި އެވެ. ޕާކިސްތާނާއި އިންޑިޔާގެ ސުލްޙައިގެ ވާހަކަތަކުގެ މިބުރަށް ފަހު ޕާކިސްތާނުގް ޚާރިޖީވަޒީރާ ހީނާ ރައްބާނީ އާއި އިންޑިޔާގެ ޚާރިޖީ ވަޒީރު އެސްއެމް ކްރިޝްނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއި އާއި ޕާކިސްތާނުގެ ޚާރިޖިއްޔާގެ ވަކީލު ޖަލީލް ޢައްބާސް ގީލާނީގެ މަޝްވަރާތަކުގައި ދެ ޤައުުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި އަންނަ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުުމުގެ އެޖެންޑާ އެކުލަވާލުން ވެސް ހިމެނެ އެވެ. (ރޮއިޓާސް)