14:36


އަށާރަ އަހަރުގެ ކުއްޖެއްގެ ގަޔަށް ރޭ ވަޅިހަރައި ޒަޚަމްކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.


ބުރުޒުމަގުގައި ރޭ 11:45 ހާއިރު ހިނގި އެ ހާދިސާގައި އެ ޒުވާނާގެ ބުރަކަށިން ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.


ވަޅީގެ ހަމަލާއެއް ރޭ ޒުވާނަކަށް މި އަމާޒުވީ އިއްޔެ ރޭ ވެސް ޒުވާން ކުއްޖަކަށް ވަޅިން ހަމަލާ ދިންތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އަދި އެ ދެ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ.


މިދިޔަ ތިން ހަފްތާތެރޭ މާލެތެރޭގައި ހިންގާ މާރާމާރީތަކުގެ އަދަދު މިވަނީ އަނެއްކާވެސް އިތުރުވެފަ އެވެ. އެގޮތުން މިއީ ވޭތުވެދިޔަ ތިން ހަފްތާތެރޭ ހިނގި މިފަދަ ފަސްވަނަ މަރާމާރީ އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައެވެ.