ނ. މާފަރުގައި ގެއެއްގެ ތެރޭ ދެފައި ބަނދެ މަރާލާފައި އޮއްވައި ފެނުނު 65 އަހަރުގެ މީހާ މަރާލާއި އެގެއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު މަރާލާފައި އޮއްވައި ފެނިފައި ވަނީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ތެރެއިންނެވެ.

އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގ. އިރުފާ، އަހުމަދު ނައުޝާދު 27 އާއި މާފަރު ފެހިވިލާގެ، އަކްރަމް ޢަބްދުލް ފައްތާހު 18، އާއި ލ. އިސްދޫ އެވަލާސްޓް، މުޙައްމަދު ފައިސަލް 26، އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.

އަބޫބޫކަރުގެ ހަށިގަނޑު ފެނިފައި ވަނީ އަވަށްޓެރިން އޭނާގެ ހަބަރެއް ނުވާތީ އެގެއަށް ވަދެ ބެލުމުންނެވެ. އޭރު އޭނާގެ އަންހެނުންނާއި ދަރިން ރަށަކު ނެތެވެ.

މާފަރުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އަބޫބަކުރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލީ ކަމަށެވެ. އަދި ބައެއް މީހުން ބުނީ އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާ ދާދިފަހުން އޭނާ އަށް އެއްފަހަރާ ލިބިފައިވާ ކަމަށާއި އެ ފައިސާގެ ދަހިވެތިކަމުގައި ބަޔަކު އޭނާ މަރާލީ ކަމަށް ރަށުތެރޭގައި މީހުން ކިޔާ ކަމަށެވެ.