ރާއްޖޭގައި މަރަށް މަރު ހިފުން ތަންފީޒު ކުރަން ޖެހިފައިވާ އަޑުތައް ގަދަވެފައި ވަނިކޮށް މަރަށް މަރު ހިފުމުގެ އަދަބު ނައްތާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.

އދ.ގެ ހަބަރުތައް ގެނެސްދޭ، ރަސްމީ އޮންލައިން ސޮފްހާގައި އިއްޔެ ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް ބާންކީ އެގޮތަށް ވާހަކަ ދެއްކެވީ އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަންރައިޓްސް އިން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންއެއްގެ ތެރޭގައި ވާހަކަ ދައްކަވަމުން ކަމަށެވެ.

ބާންކީ ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ މައިގަނޑު އަސާސަކީ ވެސް ދިރިހުރުމުގެ ހައްގު ކަމަށާއި އެގޮތަށް އެކަންތައް އޮންނަ އިރު އެއްވެސް މީހަކަށް އަނެކެއްގެ ކިބައިން ދިރިހުރުމުގެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އެކަމަކުގައި ގާނޫނީ ނިޒާމު ވެސް އިންތިސްނާ ނުވާ ކަމަށް ވިދާޅުވި އެވެ.

"ގާނޫނީ ނިޒާމުގެ ތެރެއިން ކަމުގައި ވިޔަސް މީހެއްގެ ފުރާނަ ދުއްވާލުމަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން. އެއީ މާ ގެއްލުން ބޮޑު އިއާދަ ނުކުރެވޭނެ ކަމެއް،" ބާންކީ ވިދާޅުވެފައިވެ އެވެ.

އޭނާ އެހެން ވިދާޅުވީ އިރު ރާއްޖޭގައި މީހުން މެރުން އާންމުވަމުން އަންނާތީ މަރަށް މަރުހިފުމަށާއި މަރަށް މަރުގެ އަދަބުދިގެން މެނުވީ އެކަން ނުހުއްޓުވޭނެ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުންނާއި އާންމުން އަންނަނީ ގޮވަމުންނެވެ. އަދި ރާއްޖޭގެ އުއްތަމަ ފަޑިޔާރު ފާއިޒު ހުސެއިން ވެސް މިއަދު ވިދާޅުވީ މަރަށް މަރު ހިފުމުގެ އަދަބު ދިނުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ގޮތުން ކުރެވިދާނެ ކަމެއް ކަމަށާއި އެކަމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މަރަށް މަރު ހިފުމުގެ އަދަބު ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން ބާންކީ ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގައި ޑްރަގުގެ އެކި މައްސަލަތަކާ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި ވެސް މަރުގެ އަދަބުން ދެމުން އަންނަ ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަރަށް މަރު ހިފުމުގެ އަދަބު އޮންނަ ގައުމުތަކުގައި ޝަރީއަތަށް ފަހު ގިނަ މީހުންގެ ހާލަތު ގޯސްވެ ވަރަށް ހިތްދަތި އަދި ބިރުވެރި ދުވަސްތަކެއް އެމީހުން ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އަދިވެސް ގައުމުތަކުގައި 18 އަހަރުން ދަށުގެ ކުދިންނާ މެދު ޝަރީއަތް ކުރެވި ބައެއް ކުށްތައް ސާބިތުވުމުން މަރާލުމަށް ހުކުމްކޮށް އެ ކުދިން މަރާލެވޭތީ،" ބާންކީ ވިދާޅުވި އެވެ.

މަރަށް މަރު ހިފުމުގެ އަދަބާ ދެކޮޅަށް އުފުލާ އަޑު ދުނިޔޭގެ ފެންވަރުގައި އަޑުއުފުލުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން 2007 ވަނަ އަހަރު ވަނީ ފާސްކޮށްފަ އެވެ. އެއާ އެކު އުޒް ބަކިސްތާން ޓޯގޯ އަދި ބުރުންޑީ ފަދަ ގައުމުތަކުން ވަނީ މަރަށް މަރު ހިފުންމުގެ އަދަބު އުވާލައިފަ އެވެ. އދ. ގެ ރެކޯޑްތައް ދައްކާ ގޮތުން މަރަށް މަރު ހިފުމުގެ އަދަބު ކަނޑައެޅިފައި އޮތަސް 150 އަށް ވުރެ ގިނަ ގައުމުން އެ އަދަބު މިހާރު ތަންފީޒެއް ނުކުރެ އެވެ.

ވޭތުވެ ދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެސް 10 މީހަކު މެރުމަށް ހުކުމް ކޮށްފައި ވިޔަސް ރާއްޖެ ވެސް ހިމެނެނީ އެ ހުކުމް ތަންފީޒު ނުކުރާ ގައުމުތަކުގެ ލިސްޓުގަ އެވެ.

ނަމަވެސް ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާ އެކު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ކަމަށް ދޭހަވާ ގޮތަށް ޝަރުއީ ދާއިރާގެ އިސްފަރާތްތަކާއި ސަރުކާރުން ވެސް އަންނަނީ ވާހަކަ ދައްކަމުންނެވެ. މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގެ ސައްހަ ނަސްލުން ސާބިތުވެފައިވާ ހުކުމެކެވެ.