04 Jul 2012, 19:29
ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު ރަހުމް ކުޑަ ގޮތަކަށް އަވަހާރަ ކޮށްލުމުން އެކަމުގެ ހިތާމައިގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފި އެވެ.
މިއަދު 1:30 ގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައި ވަނީ ހައިކޯޓުގެ އިމާރާތް ހުންނަ ސަރަހައްދުގަ އެވެ. އެ ސުކޫތުގައި މާލޭގެ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުއާއި އަދި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ބަންޑާރަ ނައިބް އާޒިމާ ޝަކޫރާއި ބައެއް މިނިސްޓަރުންނާއި މިނިސްޓްރީގައި މަސައްކަތް ކުރައްވާ އެކި މުވައްޒަފުންގެ އިތުރުން ފުލުހުންގެ ތަހުގީގު ޓީމުގައި ހިމެނޭ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނަޖީބުގެ އަވަހާރަކޮށްލުމާ ގުޅިގެން، އެ ހަމަލާދިން ބަޔަކު ހޯދާ ގާނޫނުގައި ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށް ސުޕްރީމް ކޯޓާއި ޖޭއެސްސީ އާއި އޭޖީ އޮފީހާއި ރާއްޖޭގެ ސިޔާސީޕާޓީތަކާއި ވަރަށް ގިނަ މުއައްސަސާތަކުން ވަނީ ގޮވާލާފަ އެވެ.
ނަޖީބުގެ މަރާގުޅިގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ދައުލަތުން ކުރަނީ މަސްރޫރާގޭ، އަހުމަދު މުއްރަތު، 29، އާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18،ގެ މައްޗަށެވެ.
ގާނޫނީ ވަކީލް އަހުމަދު ނަޖީބު ގޮނޑިއެއްގައި ބަނދެ އަތްފަޔާއި އަނގަމަތީގައި ޓޭޕް އެޅުމަށްފަހު ކަރަށް ވަޅި އަހަރައި އަވަހާރަކޮށްލި ކަމަށް އެ ދެމީހުން އިއުތިރާފުވެފައިވާ އިރު، މުރައްތާއި ހަނާގެ ކިބައިން ބޭނުންވަނީ މަރަށް މަރު ކަމަށް ނަޖީބުގެ ހަ ދަރިން އިއްޔެ އޮތް ޝަރީއަތުގައި ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވަރަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު މިއަހަރުގެ ތެރޭގައި ހަތް މީހަކަށް ވަނީ ހަމަލާދީ މަރާލާފަ އެވެ.