ގ. ވޭރު، އަބްދުލް މުހީތު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ތިން މީހުން ވެސް ދައުވާއަށް އިންކާރުކޮށްފި އެވެ.

ދައުވާއަށް އިންކާރު ކުރަމުން ގދ. ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު، 18 އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން، 19، ބުނީ މުހީތަށް ހަމަލާދިން ކަމެއް އެ ދެ މީހުންނަށް އެނގިފައި ނުވާކަމަށެވެ. ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު 20، ބުނީ މުހީތަށް ހަމަލާދިން ރޭ އޭނާ ހުރީ ގޭގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ފެބްރުއަރީ މަހު 18 ވަނަ ދުވަހުގެ ރޭ 1:50 އެހާކަންހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި މުހީތު އިންދައި އެ މައްސަލައިގައި ހިމެނޭ އިސް ކުއްޖާއާ އެކު މުހުޖަތާއި މުޝައްފައު ތޫނު ހަތިޔާރުން މުހީތަށް ބޮޑެތި ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން މުހުޖަތާއި މުޝައްފައުގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މުހީތަށް ހަމަލާދީ ނިމުމުން އިސް ކުއްޖާ ސައިކަލަކަށް އަރުވައިގެން މައިމޫން ގޮސްފައިވާ ކަމަށާއި އެހެންކަމުން ގާނޫނުލް އުގޫބާތުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި ހަވާލާދީ އެ ގާނޫނުގެ 88 ވަނަ މާއްދާގެ ދަށުން މައިމޫންގެ މައްޗަށް ކުރާ ދައުވާ އަކީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެ ތިން މީހުން ދައުވާ އަށް އިންކާރު ކުރުމުން ގާޒީ ވަނީ ދައުވާ ސާބިތުކުރުމަށް ޓަކައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދީފަ އެވެ. އެގޮތުން މާދަމާ ހެނދުނު ލިޔުމުން ހެކި ހުށަހެޅުމަށް ގާޒީ ވަނީ ދައުލަތުގެ ވަކީލާއަށް އަންގާފަ އެވެ.

މިއަދުގެ ޝަރީއަތުގައި މުހުޖަތާއި މުޝައްފައުގެ ވަކީލު ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ މައުލޫމާތު ސިއްރުކުރުމަށް ފަހު ތަހުގީގު ބަޔާންތައް ލިބޭނެގޮތް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ. ގާޒި ވިދާޅުވީ އެ ބަޔާންތައް ކޯޓަށް ލިބުމުން އެކަން ހަމަޖައްސަވާނެ ކަމަށެވެ.

ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަރަށް އަވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.