ފިނޭންސްގެ ހާއްސަ ބަޖެޓުން ހިޔާނާތާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެ ހާއްސަ ބަޖެޓެއް ފިނޭންސަށް ދޫނުކުރުމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ލަފާ އަރުވައިފި އެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ނިޔާޒު މިއަދު ވިދާޅުވީ ފިނޭންސަށް ހާއްސަ ބަޖެޓެއް އޮންނަން ނުޖެހޭ ކަމަށާއި ހާއްސަ ހާލަތެއްގައި ހަރަދު ކުރުމުގެ ބާރު ފިނޭންސް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އެ ގޮތްތަށް މާލިއްޔަތު ގާނޫނުން ކަނޑައެޅިފައިވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާ މެދު ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"ގިނަ ފަހަރަށް މިކަހަލަ ގޮތަކަށް [ހިޔާނާތައްވާ ގޮތަށް] މި އޮންނަނީ އެ ބަޖެޓުން ހަރަދު ކުރެވިފައި،" ނިޔާޒު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ ފިނޭންސްގެ ހާއްސަ ބަޖެޓުން ކުރާ ހަރަދަށް ޒިންމާވާނެ މީހަކު އެނގެން ނޯންނަ ކަމަށާއި އެކަމުގެ ސަބަބުން އޮޑިޓް ކުރުމަށް ވެސް ހުރަސްތަކެއް އެޅޭ ކަމަށެވެ.

އެފްޓެކަށް 11.8 މިލިއަން ރުފިޔާ ވެސް ދޫކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުންނެވެ.

ނިޔާޒު ވިދާޅުވީ ހާއްސަ ބަޖެޓުގައިވާ ފައިސާ މިނިސްޓްރީތަކަށް ނޫނީ އެކަމަށް ހާއްސަ އޮފީސްތަކަށް ނޫނީ ފިނޭންސް މިނިސްޓްރީގެ ސީދާ ބަޖެޓުގައި ހިމެނުމުން އެ ފައިސާއާ މެދު ޒިންމާވާނެ ފަރާތެއް ހުންނާނެ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ކޮމެޓީ އަށް އެކަން ފާހަގަވެ ފިނޭންސްގެ ހާއްސަ ބަޖެޓާ މެދު ވިސްނަމުން އަންނަ ކަމަށާއި މީގެ ކުރިން ވެސް ހާއްސަ ބަޖެޓް އުވާލުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ބަޖެޓް އެގޮތައް ހެދުމާއި މެދު ފިނޭންސުން އެއްބަސް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެބޭފުޅުން ވިދާޅުވީ ގައުމީ ސަލާމަތާ ގުޅުންހުރި، ހަތިޔާރު ގަތުން ފަދަ ބައެއް ކަންކަން އެ ބަޖެޓުން ކުރަން ޖެހޭ، އެހެންވެ އެ ބަޖެޓް މުހިންމޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އެދުމުގެ މަތިން ހާއްސަ ބަޖެޓާއި މެދު ހެނދޭނެ ގޮތްތަކަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މިހާރު ވެސް އެ ބަޖެޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރަދުތައް ވަނީ ބައިބަޔަށް ބަހާލާފައި ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާ ގޮތުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން 2.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްދައްކަ އެވެ. އަދި މިދިޔަ އަހަރު ވެސް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓް ވަނީ އަމިއްލަ ކުންފުންޏެއްގެ ދަރަނި އަދާ ކުރުމަށް ވެސް ބޭނުންކޮށްފަ އެވެ.