ތެހެރާން (ޖުލައި 4): އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވުމަށް އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދު ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމުން އެކަމާ ކުރިމަތިލުމުގެ ޕްލޭނެއް އީރާނުން އެކުލަވާލައިފި އެވެ.

އީރާނުގެ ތެލާބެހޭ ވަޒީރު ރުސްތުމް ޤާސިމީ ވިދާޅުވީ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމުގެ މަޤްސަދްގައި އެމެރިކާ އާއި ޔޫރަޕުން އީރާން ބަނޑަށް ޖައްސަން މަސައްކަތްކުރި ނަމަވެސް ނިއުކްލިޔާ ޕްރޮގްރާމް ނުހުއްޓުވޭނެ ކަމަށާއި އެޕްރޮގްރާމް ކުރިޔަށްގެންދާނެ ކަމުގަ އެވެ. އަދި މި މައްސަލާގައި އީރާނަށް ކުރިމަތިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ ކުރިމަތިލުމަށް ޓަކައި 150 ބިލިޔަން އެމެރިކާ ޑޮލަރުގެ ރިޒާވް އެއް އީރާނުގައި އެބަހުރި ކަމާއި މިރިޒާވުން އީރާނަށް ކުރުމުއްދަތުގެ އިޤްތިސާދީ ރައްކާތެރިކަން ލިބިގެންދާނެ ކަމުގަ އެވެ.

އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާ އާއި ޔޫރަޕުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާކުރި މަތިލުމަށް އީރާނުން އެކުލަވާލި ޕްލޭން ހާމަކޮށްދެއްވަމުން އީރާނުގެ ނައިބު ރައީސް ރިޒާ ރަޙީމީ ވިދާޅުވީ މިޕްލޭން ބިނާވެފައި ވަނީ މައިގަނޑު ފަސްކަމެއްގެ މައްޗަށް ކަމުގަ އެވެ. ފުރަތަމަ ކަމަކީ އީރާނުން މިހާރު ކުރަމުންގެންދާ ތެލުގެ މުޢާމަލާތްތައް އެމެރިކާ ޑޮލަރުގެ ބަދަލުގައި ވިޔަފާރިކުރެވޭ ޤައުމުގެ ފައިސާއިން ކުރުމެވެ. ދެވަނަކަމަކީ އީރާނުގެ ތެޔޮއުފުލާ ތެޔޮޓޭންކަރުތައް އިންޝުއާ ކުރުމުގެ ކަންތައް އީރާން ސަރުކާރުން ގެރެންޓީ ދޭގޮތަށް އީރާނުގެ އަމިއްލަ ކުންފުނިތަކުން ކުރުމެވެ. މިކަމަށް ބޭނުންވާ ޓްރެޝަރީ ބޮންޑްތައް މިހާރު ވިއްކަމުންގެންދާ ކަމަށް ވެސް ރަޙީމީ ވިދާޅުވި އެވެ.

ތިންވަނަ ކަމަކީ ކުރިއެކޭ ވެސް އެއްވަރަށް އީރާނުގެ ތެޔޮވަޅުތަކުން ތެޔޮ އުފެއްދުމަށް ފަހު އެކްސްޕޯޓް ނުކުރެވޭ ތެޔޮ ބޮޑެތި ޓޭންކަރުތަކުގައި ރައްކާކުރުމެވެ. ހަތަރުވަނަ ކަމަކީ އީރާނުގެ ތެލާއި ތެލުގެ އުފެއްދުންތައް ވިއްކާނެ އައުގޮތްތަކެއް ހޯދުމެވެ. ފަސްވަނަކަމަކީ ތެލުގެ ބަދަލުގައި އީރާނުގެ ސިނާޢީ އެހެން އުފެއްދުންތައް އިތުރުކޮށް އެއުފެއްދުންތައް ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމެވެ.

މިޕްލޭން ތަންފީޒުކުރެވިއްޖެ ނަމަ އީރާނުގެ ތެޔޮ ޔޫރަޕަށް އެތެރެކުރުން މަނާކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ތަންޒީކުރަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން އެމެރިކާގެ ބިރުދެއްކުންތަކާ ގުޅިގެން އީރާނުން ތެޔޮ އިމްޕޯޓްކުރާ މިންވަރު ބައެއްޤައުމުތަކުން މަދުކުރުމުގެ ސަބަބުން އީރާނުގެ ތެލުގެ އާމްދަނީ އަށް ލިބޭ ގެއްލުންތައް ފޫބެއްދޭނެ ކަމަށް އީރާނުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން އީރާނުގެ ތެލާދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ މިނިވަން ވިޔަފާރީގެ އުސޫލުތަކާއި ޚިލާފަށް ސިޔާސީ ނުބައި މަޤްސަދްތަކެއް ޙާސިލްކުރުމަށް ޓަކައި މިދެފަރާތުން އަޅާފައިވާ ބިރުދެއްކުމުގެ ފިޔަވަޅުތަކެއް ކަމަށް ވިޔަފާރީގެ ޤާނޫނާ ބެހޭ ތަޖްރިބާކާރުން ދެކެ އެވެ. މިފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ތެލުގެ އާމްދަނި ކުރުމުއްދަތެއްގައި 40 ޕަސެންޓަށް ދަށަށްދާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އަދި މިކަމުގެ ސަބަބުން އިޤްތިސާދީ ބޮޑެތި ދަތިތަކެއް އީރާނަށް ކުރިމަތިވެ އީރާނުގެ ފައިސާގެ އަގު އިތުރަށްވެއްޓޭނެ ކަމަށް ވެސް މިފަރާތްތަކުން ދެކެ އެވެ.

ނަމަވެސް ތެޔޮނޫން އީރާނުގެ ސިނާޢީ އުފެއްދުންތައް ކުރިޔަށްތަނުގައި އިތުރުކޮށް އެތަކެތި އެކްސްޕޯޓްކުރާ މިންވަރު ވެސް އިތުރުކޮށް ތެލަށް ބަރޯސާމިންވަރު ކުޑަކޮށްފި ނަމަ މުސްތަޤްބަލްގައި އީރާނަށް ބޮޑެތި ފައިދާތަކެއްލިބި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް އީރާނަށް ކުރިހޯދިދާނެ ކަމަށް މިފަރާތްތަކުން ދެކެ އެވެ. (އަލްޖަޒީރާ+މީޑިޔާ ރިޕޯޓްތައް)