04 Jul 2012, 16:48
ޓްރިޕޮލީ (ޖޫން 4): ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާގައި ހިނގަމުންދާ އިންތިގާލީ މަރްޙަލާގައި އިންތިޚާބުކުރަން ޖެހޭ ޕާލަމެންޓް އިންތިޚާބު ކުރުމަށް ޓަކައި ގައުމުން ބޭރުގައިތިބި ލީބިޔާގެ ރައްޔިތުން ވޯޓުލައިފި އެވެ.
މިއީ މިއިންތިޚާބުގެ ފުރަތަމަ މަރްޙަލާ އެވެ. ދެވަނަ މަރްޙަލާގައި އޮންނާނީ ލީބިޔާގަ އެވެ. އިއްޔެ ބޭއްވި ވޯޓުލުމުގެ ކަންތައް ކުރިޔަށް ދިޔައީ ރޭވިފައިވާ ގޮތަށް ކަމަށާއި ވޯޓުގުނުމުގެ ކަންތައްކުރިޔަށްގެންދާ ކަމަށް ލީބިޔާގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ބުނެ އެވެ. މިއިންތިޚާބުގައި ބޭރުގައުމުތަކުގައި ދިރިއުޅޭ ލީބިޔާގެ ރައްޔިތުން ވޯޓުލި ނަމަވެސް މި ވޯޓުގެ ނަތީޖާ އިޢްލާންކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 7 ގައި ލީބިޔާގައި ބާއްވާ ވޯޓުލުމުގެ ބުރަށްފަހުގަ އެވެ. ޤައުމުން ބޭރުގައިތިބި ލީބިޔާގެ ރައްޔިތުން ވޯޓުލުމުގެ ކަންތައް ކުރިޔަށް ދިޔައީ އަދި މިކަންތައް އިންތިޒާމްކުރީ ލީބިޔާގެ އިންތިޚާބުތަކާބެހޭ ކޮމިޝަނާއި ބޭރު ޤައުމުތަކުގައި ހުންނަ ލީބިޔާގެ އެންބަސީތައް ގުޅިގެންނެވެ.
ލިބިޔާގައި އިންތިޚާބުކުރާ ޕާލަމެންޓްގައި ހިމެނުމަށް އެ ޤައުމުގެ އައު ދަސްތޫރުގައި ކަނޑައަޅާފައި ވަނީ ދުއިސައްތަ މެންބަރުންނެވެ. މިއީ މުޅިން ވެސް އިންތިޚާބުކުރެވޭ މެންބަރުންނެވެ.
މިއިންތިޚާބުގައި ހަތަރުހާހެއްހާ ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ލީބިޔާގެ ރައްޔިތުންގެ ޢަދަދަކީ 2.8 މިލިޔަން މީހުންނެވެ. ހަތް މިލިޔަން މީހުންގެ ޒުވާން އާބާދީއެއް އޮންނަ ލިބިޔާގެ ރައްޔިތުންގެ ތިންބައިކުޅަ ދެބަޔަކީ ވޯޓުލުމުގެ އުމުރު ހަމަނުވާ ކުޑަކުދިންނެވެ.
މިއީފާއިތުވި 50 އަހަރުތެރޭގައި ލީބިޔާގައި ބާއްވާފުރަތަމަ އިންތިޚާބެވެ. ގައްޒާފީގެ ވެރިކަމުގައި ލިބިޔާގައި ވޯޓުލައިގެން އިންތިޚާބު ބާއްވާފައެއްނުވެ އެވެ. ގައްޒާފީގެ ދުވަސްވަރު ކަންކަމަށް މީހުން ހޮވަނީ ވޯޓު ކަރުދާސްކޮޅުގެ ބަދަލުގައި އަތްއުފުލައިގެންނެވެ. ލީބިޔާއަށް ޑިމޮކްރެޓިކް އިސްލާހްތައް ގެނައުމަށް މަގުފަހިވީ ރައްޔިތުންގެ އުތުރި އެރުމެއްގައި އެ ޤައުމުގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލް ގައްޒާފީގެ ވެރިކަން މިދިޔަ އަހަރުގެ ފަހުކޮޅު ވައްޓާލުމަށް ފަހުގަ އެވެ. (އަލްޖަޒީރާ)