04 Jul 2012, 16:46
ހުސްވި ޖޫން މަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމް އެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދަށް ލިބުނު އިރު، 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މިޑްފީލްޑަރު އަހުމަދު ސަކީބަށް ލިބިއްޖެ އެވެ.
ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ހުސްވި މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އިމްރާނަށް ލިބުނު އިރު، އޭނައާ އެންމެ ކާރިން ދެން ވާދަކުރި އަނެއް ދެކުޅުންތެރިންނަކީ ހުސްވި މޭ މަހު މޮޅު ކުޅުންތެރިޔާގެ މަގާމް ދިފާއު ކުރި ބިދޭސީ ކުޅުންތެރިޔާ ކިންގްސްލޭއާއި ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) ކަމަށެވެ. އަދި އެ ދެކުޅުންތެރިންގެ މައްޗަށް އިމްރާން މިފަހަރު ކުރި ހޯދީ އެންމެ ޕޮއިންޓެއްގެ ތަފާތުން ކަމަށް ވެސް ބަލަކް ވިދާޅުވި އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ކުރީ ކޮޅު ނިއުން ދޭންފެށި، މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ ސަބަބުން އެކުލަބުގެ ކުޅުންތެރިންގެ މެދުގައި ވަރަށް ވާދަވެރި ކަމާއެކު އެ އެވޯޑް ހޯދުމުގެ މަސައްކަތް ކުޅުންތެރިން ކުރަމުން އަންނަ އިރު، މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ އެންމެ ކުރީގައި ވެސް އޮތީ އެ ޓީމެވެ.
ސީޒަންގެ އެންމެ ކުރީގައި ނިއު އޮތީ 21 ޕޮއިންޓާ އެކު އެވެ.