14:35


ޑިޕާޑްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަންގެ ބަދަލުގައި، ޖަލުތަކާބެހޭ ކަންތައްތައް ބަލައި ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް ކޮމިޝަނުގެ ނަމުގައި އާ މުއައްސަސާއެއް، އުފެއްދުމަށް، ޖަލުތަކާއި ޕެރޯލްގެ ބިލުގައި ހިމަނައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިބުތިދާއީ ބަހުސްގެ މަރުހަލާގައި މިހާރު އޮތް މި ބިލުގައި ވާގޮތުން، ބިލު ގާނޫނަކަށް ވެގެންދާއިރު، އާއްމު ޖަލުތަކާއި، ރިމާންޑް ޖަލުތައް ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަން ސާވިސް ކޮމިޝަނުން ނެވެ. އަދި އެއީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ ހިދުމަތެއް ކަމަށް ކަނޑައެޅުމަށާއި، އެ މުއައްސަސާގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ހިންގުމުގެ ޒިންމާ އަދާކުރުމަށްޓަކައި ކޮމިޝަނަރ އޮފް ކަރެކްޝަނަލް ސާވިސް އަކާއި ޑެޕިއުޓީއެއް، މިނިސްޓަރ އައްޔަން ކުރަންވާނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި މި މުއައްސަސާގެ ދަށުގައިވާ، ކޮންމެ ޖަލެއްގައި ވެސް މި ގާނޫނުގެ މަގްސަދުތައް ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު ލިބިފައިވާ ސުޕްރިންޓެންޑެންޓަކު ހުންނަންވާނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.


ޖުމަލް 138 މާއްދާ އާއި ސާދަ ބާބު ހިމެނޭ މި ބިލުގައި، ކަރެކްޝަން ކޮމިޝަން ސާވިސް އާއި ޖަލުތައް ހިންގުމަށް އައްޔަން ކޮށްފައިވާ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި، ކުށްވެރިންނަށް ގެންގުޅޭންޖެހޭނެ ގޮތްތަކާއި، އެމީހުންނަށް ދޭންޖެހޭ ހިދުމަތްތައް ވަނީ ހިމަނައިފައެވެ. އެގޮތުން ސުޕްރިންޓެންޑެންޓަކު  ކަނޑައަޅާ ޝަރުތުތަކަކާ އެކީގައި، ގައިދީއަކު ވަގުތީ ގޮތުން ދޫކުރުމުގެ ހުއްދަ ދެވިދާނެ ހާލަތްތަކެއް މި ބިލުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި، ހައްޖުގެ އަޅުކަމާއި، ކާވެނިކުރުމާއި، 18 އަހަރުން ދަށުގެ ދަރި ބަލިވެގެން ބެލުމަށާއި، މަރު ބަލީގައި ނުވަތަ އާދަޔާ ހިލާފް ބަލި އާއިލީމެންބަރަކަށް ޒިޔާރަތް ކުރުމުގެ އިތުރުން، އާއިލީ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށާއި، ޖަލުގައި ލިބެންނެތް ފަރުވާއެއް ލިބިގަތުމުގެ ފުރުސަތު ހިމެނެ އެވެ. މި ބިލުގައި ބުނާގޮތުން ޖަލުގައި ހުކުމް ތަންފީޒުކުރާ ފަރާތްތަކަށް ޕެރޯލްގެ ހިދުމަތް ދިނުމަށާއި ކުށްވެރިންގެ ޑިސިޕްލިން ބެލުމަށް، ޕެރޯލް ބޯޑަކާއި، ޑިސިޕްލިނަރީ ބޯޑެއް މިނިސްޓަރު އުފައްދަންޖެހޭނެ އެވެ.


އަދި ޖަލުގައި ބަންދު ކުރެވޭ އަންހެނެއްގެ ތިން އަހަރު ނުފުރޭ ކުއްޖަކު ހުރެފައި، އެ ކުއްޖާ އޭނާގެ މަންމަގެ ގާތުގައި ބެހެއްޓުމަކީ އެ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ސުޕްރިންޓެންޑެންޓަށް ފެނިއްޖެނަމަ ކޮމިޝަނަރ ކަނޑައަޅާ ގަވާއިދެއްގެ ދަށުން، އަދި އޭނާ ކަނޑައަޅާ ޝަރުތުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުއްޖާ އޭނާގެ މަންމަގެ ގާތުގައި ބެހެއްޓިދާނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެ އެވެ. އަދި އެފަދަ އަންހެނަކު ޖަލުގައި ހުންނަންޖެހޭނީ ޖަލުގައި ތިބި އެހެން އަންހެނުންނާ ވަކިން ކަމަށް ވެސް ބިލުގައި ބުނެ އެވެ.


މި ބިލުގައި ޖަލު މީހުންލައްވައި މަސައްކަތް ކުރުވުމާއި އެމީހުންނަށް އުޖޫރަ ދިނުމަށާއި، ޖަލުގެ ގަވާއިދުތަކާ ހިލާފް ވެއްޖެނަމަ ދޭނެ އަދަބުތައް ވެސް ވަނީ ހިމަނައިފަ އެވެ.