އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލް މަޖިލިހަށް ބަލައިގަތުމަށް ފަހު ފޮނުވާނެ ކޮމީޓިއެއްގެ މައްސަލާގައި ހިޔާލުތަފާތުވުން އުފެދި މަޖިލީހުގެ ތަޅުން ހޫނުވެ އެންމެ ފަހުން މަޖިލިހުގެ ޖަލްސާ ހުއްޓާލައިފި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި، އެެއްވެ އުޅުމުގެ ބިލް މަޖިލަހަށް ބަލައި ގަތުމަށް 41 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 21 މެންބަރުންނެވެ.

އެއްވެ އުޅުމުގެ ބިލް ބަލައިގަތުމަށް ފަހު ބިލް ފޮނުވާނެ ކޮމިޓީއަކާ މެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުންތައް އުފެދި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ނިންމެވީ އެ ބިލް މަޖުލިހުގެ ގަވާއިދުގެ 16 ވަނަ މައްދާގެ ދަށުން ވަގުތީ ކޮމިޓީ އަކަށް ފޮނުވުމަށެވެ. ނަމަވެސް އެ ގޮތަށް ވޯޓަށް އައްސަވަން އުޅުއްވުމުން ބައެއް މެންބަރުން އެކަމާ އިހުތިޖާޖުކުރައްވައި އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. އެކަމާ ގުޅިގެން ރިޔާސަތުން ނިންމެވީ އެ މައްސަލަ އަށް ވަކިގޮތެއް ނުނިންމަވައި ޕާކް ކުރެއްވުމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން އަޑުގަދަކުރައްވަމުން ގެންދަވަނިކޮށް މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރުމަށް ޓަކައި ވޯޓަށް އަހައި އެންމެ ފުރަތަމަ ހުށައެޅުއްވި ނަންފުޅުކަމުގައިވާ ލ. މާވަށު އަސްރަފީ ހިޔާ އަހުމަދު ފާއިޒު އެ މަގާމުގައި ހުންނެވުމަށް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. އޭނާ އެމަގާމުގައި ހުންނެވުމަށް މަޖިލިހުގެ 55 މެންބަރުން ވަނީ ވޯޓް ދެއްވައިފަ އެވެ. ނުފެންނަ ކަމަކަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އޭގެ ފަހުން ވެސް މަޖިލިސް މެންބަރުން އަޑުގަދަ ކުރައްވަމުން ދަނިކޮށް މީޑިޔާ ކައުންސިލްގެ އޯޑިޓް ރިޕޯޓާ ގުޅިގެން މީޑިއާ ކައުންސިލް އުވާލުމަށް ފެނޭތޯ އެހީ ވޯޓުގައި އެ ކައުންސިލް އުވާލަން ނުފެންނަ ކަމަށް މެންބަރުން ވޯޓް ދެއްވި އެވެ. ނަމަވެސް މެންބަރުން އަޑުގަދަކޮށް މާލަމް ހަލަބޮލިވުމުގެ ސަބަބުން ވޯޓް ދިން ގޮތް ރިޔާސަތުން އިއުލާނު ނުކޮށް ނިޒާމު ގެއްލުނުކަމަށް ބަލައި މިއަދުގެ މަޖިލިހުގެ ޖަލްސާ ވަނީ ވަގުތީ ގޮތުން މެދުކަނޑާލިކަން އިލުނާނުކޮށްފަ އެވެ. ނަމަވެސް ފަހުން ޖަލްސާ ބާއްވާފައެއް ނުވެ އެވެ.

މިއަދު ވޯޓަށް އެހުން ކުރިއަށް ދިޔައިރު މަޖިލިހުގެ ރައީސް އިންނެވި މޭޒުކޮޅު ކުރިމައްޗަށް ބައެއް މެންބަރުން ވަޑައިގެން އަޑުގަދަ ކުރައްވައި ނައިބު ރައީސް ނާޒިމު ކަންކަން ނިންމަ ވަނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ދިޔައީ އަޑުގަދަ ކުރައްވަމުންނެވެ.