މިދިޔަ މެއި މަހުގެ ތެރޭގައި ނުވަ ކިލޯގެ މާވަހަރެއް ހޮވި ރ. ދުވާފަރު "ކަށަވަރު ހަތަރެއް" ދޯނިން 100 ކިލޯއަށް ވުރެ ބަރު މާވަހަރެއް އަނެއްކާވެސް ހޮވައިފި އެވެ.

މިދިޔަ މޭ މަހު ހޮވި މާވަހަރު އެ ދޯނިން މިހާރު ވަނީ 5.1 މިލިއަން ރުފިޔާއަށް ވިއްކާލައިފަ އެވެ.

އެ ދޯނީގެ ކެޔޮޅު އަހުމަދު ހަމީދު ސަން އޮންލައިންއާ ވާހަކަ ދައްކަމުން މިއަދު ބުނީ ނުވަ މީހުނާއި އެކު ފާނަ މަސްވެރިކަމަށް ނުކުމެ އުޅުނު އެދޯނިން މިއަދު ހޮވީ މާވަހަރުގެ އެންމެ އަގު ބޮޑު ވައްތަރު ކަމަށްވާ ހުދަންބަރު މާވަހަރެއް ކަމަށާއި މާވަހަރުގެ ދިގު މިނުގައި އަށް ފޫޓު ހުރި އިރު ފުޅާމިނުގައި ހަތަރު ފޫޓް ބައި ހުރިކަމަށެވެ.

"މާވަހަރު ހޮވީ މިއަދު 1:15 އެހާކަންހާއިރު ރ އަތޮޅުގެ އެތެރެވަރިން، އޭތި 150 ކިލޯވަރު ބަރުވާނެ، މާވަހަރެއް ކަން ވަނީ ޔަގީންކުރެވިފައި،" ހަމީދު ބުންޏެވެ.

އޭނާ ބުނީ މާކެޓްގައި އަގުތައް ހުރި ގޮތައް ބަލާއިރު ގުރާމެއް 25 ޑޮލަރަށް ވިއްކާލެވިދާނެ ކަމަށެވެ. އެ ރޭޓުން ބަލާނަމަ އެ މާވަހަރުގެ އަގު ގާތްގަނޑަކަށް 3.75 މިލިއަން ޑޮލަރަށް ވިއްކާލެވިދާނެ އެވެ. އެއީ ދިވެހި ރުފިޔާގެ ރަސްމީ ރޭޓުން ނަމަ 46 މިލިއަނެއްހާ ރުފިޔާ އެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން މާވަހަރު ދަނީ ފެންނަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުވެސް ނ. މާޅެންދޫ މީހަކު 12 ކިލޯގެ މާވަހަރެއްވަނީ ހޮވާފަ އެވެ. އަދި މިދިޔަ ހަފްތާގައި ހދ. ހަނިމާދޫ އަތިރިމަތިންވެސް ވަނީ މާވަހަރެއް ހޮވައިފަ އެވެ.

ހޮވި މާވަހަރު ތަކުގެ ތެރެއިން ހދ. ހަނިމާދޫ މީހަކު ހޮވާފައިވާ 25 ކިލޯގެ މާވަހަރަކާއި ފ. ހިމިތި ކިޔާ ފަޅުރަށަކުން ހޮވާފައިވާ 42 ކިލޯގެ މާވަހަރެއްގެ މައްސަލަ ބޮޑުވެ އެ ދެމާވަހަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.