ހެލްތް ކޯޕަރޭޝަންތަކަށާއި އެކި ކުންފުނިތަކަށް ދައުލަތުގެ މިލްކިއްޔާތުން ބަދަލުކުރި އެއްޗިހި ހިސާބުކޮށް ބަލާފައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހިސާބުތައް އެކުލަވާލުމުގައި ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވީ ހެލްތް ކޯޕަރޭޝަންތައް އުފައްދައި ދައުލަތުގެ އެތައް މިލިއަން ރުފިޔާގެ މިލްކިޔާތު ކޯޕަރޭޝަންތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ވެސް އަދި ހެލްތު ކޯޕަރޭޝަންތަކުގެ ހިސާބުތަކުން ވެސް ބަދަލުކުރެވިފައި ހުރި މިލްކިއްޔާތު ފެންނަން ނެތް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"މިގޮތަށް މިލްކިއްޔާތު ބަދަލު ކުރެވޭ އިރު އެނގޭކަށް ނޯވޭ، ހިސާބު ކުރެވިފައި އަގު ކުރެވިފައެއް ނުހުރޭ. އެކަމަކު އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ މުދާ އެނގެން ހުންނަން ޖެހޭނެ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީ ނޫނަސް ދައުލަތުގެ ބައެއް ވުޒާރާތައް އެހެން ވުޒާރާތަކަށް ބަދަލުކުރާ އިރު އަދި ބައެއް ތަންތަން އުވާލާއިރު އެތަންތަނުގައި ހުންނަ މިލްކިއްޔާތުތައް ވީގޮތެއް ނޭނގިފައި ހުންނަން ކަމަށާއި އެގޮތަށް ދިމާވަނީ ބަދަލުކުރެވޭ މުދާ އަގުކުރެވިފައި ނެތުމުން ކަމަށެވެ.

"މިއީ ވަރަށް އާންމުކޮށް ދިމާވާ މައްސަލައެއް، ހެލެތް މިނިސްޓްރީ އެކަންޏެއް ނޫން، އެހެން ބައެއް ތަންތަނުގައި ވެސް އެބަ ހުރި، ވަރަށް ދޯދިޔާކޮށް މިހިރީ އެސެޓްގެ ކަންތައް ގޮސްފައި،" ނިޔާޒު ވިދާޅުވި އެވެ.

ދައުލަތުން ކުންފުންޏަކަށް މުދަލެއް ބަދަލުކުރި ކަމުގައި ވިޔަސް އެ ތަފްސީލްތައް ފެންނަ ހުންނަޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ އެ ހިސާބުތަކާ މެދު އިތުބާރު ނުކުރެވޭނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. އަދި އެކަންތައްތައް ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅައި އިސްލާހު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުހަންމަދު ނަޝީދުގެ ދުވަސް ވަރު އެކި ޔުޓިލިޓީޒްތަކާއި ހެލެތް ކޯޕަރޭޝަންތައް ހަދައި އަދި އިތުރު ބައެއް ކުންފުނިތައް ހަދައި އެއް ކުންފުނި އަނެއް ކުންފުނީގެ މެދުގައި މިލްކިޔާތު ބަދަލުކުރުމުގެ ގިނަ މުއާމަލާތްތަކެއް ވަނީ ހިންގައިފަ އެވެ.