04 Jul 2012, 15:57
މަރަށް މަރު ހިފުމަކީ ނުވަތަ މަރުގެ އުގޫބާތް ދިނުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ގޮތުން ކުރެވިދާނެ ކަމެއް ކަމަށާއި އެކަމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު، އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބުގެ ހަނދާނުގައި މިއަދު ގެނައި ހަމަހިމޭން ކަމުގެ ސުކޫތަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އުއްތަމަަ ފަނޑިޔާރު ވިދާޅުވީ މަރަށް މަރުހިފުގެ ހުކުމް މީގެ 10 ވަރަކަށް އަހަރު ކުރީން ވެސް ކޮށްފައިވާ ކަމަށާއި އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެ 10 އަހަރުގެ ތެރޭގައި ވެސް 10 މީހުންނަށް ވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
"އިސްލާމީ ހުދޫދުގެ ތެރެއިން ރާއްޖޭގައި މިހާރު ވެސް ދަނީ މައްސަލަތަކުގައި ހުކުމް ކުރެވެމުން. އެހެންވީމާ މަރުގެ އުގޫބަތަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތަފާސް ހިސާބުތަކަށް ބާލާ އިރު ވެސް މިހާރު ޝަރުއީ ނިޒާމުގައި އޮތް ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގައިގައިވާ ގޮތުން މަރުގެ އުގޫބާތް ދިނުމަށް ކޯޓުން ހުކުމް ކުރި ނަމަވެސް އެ ހުކުމް ތަންފީޒު ވާނީ ތަންފީޒީ އިދާރާތަކުން ތަންފީޒު ކުރުމުން ކަމަށާއި މަރުގެ އުގޫބާތް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
"ރާއްޖޭގައި ގާނޫނީ ނިޒާމް ބައްޓަންވެފައި އޮންނަ ގޮތުން މި އޮންނަނީ ކޯޓުތަކުން އުގޫބާތް ކަނޑައެޅުނީމާ، ތަންފީޒު ކުރުން ތަންފީޒީ ބާރުގައި. އެހެންވީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަކި ބާވާތެއްގެ ހުކުމެއް ނޫން ތަންފީޒުކުރަން ޖެހެނީ. ހުރިހާ ބާތެއްގެ ހުކުމެއް ވެސް ތަންފީޒު ކުރުން ވަރަށް މުހިންމު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މަރުގެ އުގޫބާތް ދިނުމަށް ޝަރުއީ އަދި ގާނޫނީ ހުރަހެއް ނެތް އިރު ވެސް މަރުގެ އުގޫބާތް ދިނުމަށް ކޯޓުތަކުން ހުކުމް ކުރުމުން ތަންފީޒީ ބާރު ކަމަށްވާ ސަރުކާރުން، އެމީހަކަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެމީހާ އުމުރަށް ޖަލަށް ލުމަށް ބަދަލުކުރެ އެވެ.