04 Jul 2012, 14:53
ޖަރުމަނު ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔެންސް ޕްލޯޓްނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމަށް ފަހު ސަރުކާރަށް ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ވެސް އެމަނިކުފާނު ދެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ޖަރުމަން ސަފީރު ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމަށް ފަހު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުން ކޮންމެ ވެސް ވަރެއްގެ އަލިމަގެއް ފެންނަމުންދާ ކަމަށް ވިދާޅުވެ އެ މަސައްކަތްތަކަށް ހިތްވަރު ދެއްވި އެވެ.