ސެޓެލައިޓް މެދުވެރިކޮށް މުޅިރާއްޖެ އަށް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ރާއްޖެ ޓީވީ އަށް ދިނުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

އައިއެފްޖޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެޓެލައިޓް މެދުވެރިކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ހަމަ އާއްމު އުސޫލުން ރާއްޖެ ޓީވީ އަށް ވެސް ލިބެންވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ގަވައިދެއް އިސްލާހު ކުރުމަކީ ޓީވީ ސްޓޭޝަނަކަށް ހުއްދަ ނުދޭންވީ ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ބްރޯޑްކާސްޓް ޕޮލިސީއެއް އިސްލާހު ކުރަން ޖެހިފައި އޮތުމަކީ ހުއްދަ ނުދިނުމަށް އޮތް ބިންގަލެއް ނޫނެވެ. އެހެނީ އަދުގެ ދުނިޔޭގައި އެފަދަ ކޮންމެ އިސްލާހެއް ވެގެން ދާނީ ގިނަ ފިކުރުތަކަށް ޖާގަ ދެވޭ އިސްލާހަކަށެވެ. ހަނިކުރާ އިސްލާހަކަށް ނޫނެވެ." އައިއެފްޖޭގެ ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީ އަށް ހަ މަސް ދުވަހުގެ ވަގުތިީ ހުއްދައެއް ދިން ދިނުމަކީ ވެސް ހިތްހަމަޖެހޭ ކުރިއެރުމެއް ކަމަށް އައިއެފްޖޭ އޭޝިއާ ޕެސިފިކް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ހުއްދަ ވެސް ދިނީ އައިއެފްޖޭއާ ގުޅިފައިވާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ( އެމްޖޭއޭ) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ކަން އައިއެފްޖޭ އޭޝިއާ ޕެސިފިކް އިން ފާހަގަކޮށްފައިވެ އެވެ.

އައިއެފްޖޭގެ ބަޔާނުގައި އަދި ބުނެފައި ދައުލަތުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނަކީ ވަކި ފަރާތަކަށް ނުޖެހި ހަބަރާއި މައުލޫމާތު ގެނެސް ދިނުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތް ކަމަށް ވިޔަސް ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުކުރި ފަހުން، އެ ކޯޕަރޭޝަން ވެސް ވަރަށް ބޮޑަށް ސަރުކާރާ އެއްކޮޅަށް ޖެހިފައިވާ ކަމަށް މިނިވަން ނޫސްވެރިންނާއި އިދިކޮޅުފަރާތްތަކުން ގަބޫލުކުރާ ކަމަށެވެ.