21 Aug 2010, 09:25
14:26
ޕާކިސްތާނުގެ ފެންބޮޑުވުމުގެ ކާރިސާގައި ގެދޮރު ހަލާކުވެ، ޓެންޓުތަކުގައި އުޅެން ޖެހިފައިވާ ހަތަރު މިލިއަނަށްވުރެ ގިނަ މީހުންނަށް އަލުން ބޯހިޔާވަހިކަން ހޯދައިދޭން އެތައް އަހަރުތަކެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
ޕާކިސްތާނަށް މެދުނުކެނޑި ކުރި މޫސުމީ ވިއްސާރާގައި، ކޯރުތައް ބަންޑުވެ، އެގައުމުގެ ފަސް ބައިކުޅަ އެއްބައި ގައި ވަނީ ފެންބޮޑުވެފައެވެ. 1600 އެއްހާ މީހުން މަރުވެ، 20 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ގޮތްތޮތުން މި ކާރިސާގެ އަސަރުކޮށްފައެވެ.
މި ކާރިސާގައި ޕާކިސްތާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފެން ގޮސްފައި ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ގޮވާމުގެ ބާވަތްތައް ހަލާކުވެ، 6.8 މިލިއަން ޑޮލަރުގެ އަގުހުރި ދަނޑުބިންތައް ވަނީ ނެތިގެންގޮސްފައެވެ. އަދި މަގުތަކާއި އިމާރަތްތައް ހަލާކުވުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ނިޒާމަށް ވަނީ ބުރޫ އަރާފައެވެ. ސަރުކާރު އިމާރާތްތައްވެސް ބިމާ ހަމަވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ހޯދޭނެ މަގު ވަނީ ބަންދުވެފައެވެ.
އެހެން ނަމަވެސް ކަންބޮޑުވާންޖެހޭ ހަގީގަތަތަކީ، "ފެނަށް" ވެފައިވާ ޕާކިސްތާނުގެ އަވަށްތަކާއި ޕްރޮވިންސްތައް އަލުން އާރާސްތުކުރުމަށް އެތައް އަހަރެއް ނަގާނެ ކަން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް އެތައް ބިލިއަން ޑޮލަރެއް ބޭނުންވާއިރު، އެ އަދަދަށް ފައިސާ ލިބެނެ ކަމާމެދު އެމީހުން ސުވާލު އުފައްދަ އެވެ.
އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ޕާކިސްތާނުގެ އިގްތިސާދީ މާހިރެއް ކަމުގައިވާ އޭ.ބީ ޝާހިދު ވިދާޅުވީ، ޓެންޓުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެކަނިވެސް، ތިން ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އަދި ސްކޫލާއި ސަރުކާރުގެ އިމާރާތްތައް ބިނާކުރުމަށާއި މަގުތަކާ ބްރިޖުތައް އަލުން ބިނާކުރުން ފަދަ މަޝްރޫއުތަކަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ކަންމިހެން އޮތްއިރު، ޕާކިސްތާނަށް އިންސާނީ އެހީގެ ގޮތުގައި ބޭނުންވާ ކަމަށް އދ. އިން ބުނި 460 މިލިއަން ޑޮލަރުގެ ތެރެއިން މިހާރު ލިބިފައިވަނީ 320 މިލިއަން ޑޮލަރެވެ. އަދި އޭޑީބީން ވަނީ ދެ ބިލިއަން ޑޮލަރުގެ ލޯނެއް ޕާކިސްތާނަށް ދޭން ނިންމައިފަ އެވެ. ނަމަވެސް، މިއަދަދު އަދިވެސް މަދުކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ގޮތް ހުސްވެ، ހާލުގައި ޖެހިފައިވާ މީހުންނަށް އަވަހަށް އެހީތެރިކަން ފޯރުކޮށްނުދީފި ނަމަ، އެގައުމުގައި ހާލި ހަދައިގެން އުޅޭ ހަނގުރާމަވެރިންގެ އަތް ދަށަށް އެމީހުން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.