އަހުސަން ބަޝީރު ގަޔަށް ޝަހުމް ވަޅިހެރި ކަމަށް ހޮސްޕިޓަލުގައި އޮވެ އަހުސަން ބުނެފައިވާ ކަމަށް ހަތަރު ހެކިން ބުނެފައިވާތީ، އިސްލާމީ ޝަރީއަތުގައިވާ ގޮތުން މަރުގެ ތުންފަތް މަތީ އޮވެ މީހަކު ދޮގު ހެދުމަކީ މުސްތަހީލު ކަމެއް ކަމަށް ދައުލަތުން ބުނެފި އެވެ.

މިދިޔަ އަހަރުގެ މާޗް 17 ވަނަ ދުވަހުގެ ފަތިހު 3:20 އެހާކަންހާއިރު އަލިކިލޭގެފާނުމަގާ މަޖީދީމަގު ގުޅުނު ކަންމަތީން ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލުމާއި ގުޅިގެން މަރުވި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ގ. ކޯޒީ އިބްރާހިމް ޝަހުމް، އަހުސަންގެ ގަޔަށް ވަޅިޖެހި ކަމަށް ހޮސްޕިޓަލުގައި އޮވެ އަހުސަން ބުނެފައިވާ ކަމަށް ދައުލަތުން ހުށަހެޅި ފަސް ހެކީންގެ ތެރެއިން ހަތަރު ހެކީން ވަނީ ބުނެފަ އެވެ. އަދި އެވަގުތު އަހުސަން އޮތީ މަރަށް ހާޒިރުވެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހެކިބަހާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުގެ ވަކީލު ވިދާޅުވީ އިސްލާމީ ޝަރީއަތުގައިވާ ގޮތުން މަރުގެ ތުންފަތްމަތީގައި އޮތް މީހަކު ދޮގު ހެދުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. އެހެންކަމުން އެ ހަތަރު ހެކީންގެ ހެކި ބަހަށް ހާއްސަ ބުރަދަނެއް ދޭން ޖެހޭ ކަމަށް ދައުލަތުން ފާހަގަ ކުރެ އެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އެކަކު ބުނެފައި ވަނީ ހަމަލާދިން އިރު އެތަނާ ތިން ފޫޓު ކައިރީ އޭނާ ހުރި އިރު އަހުސަން ބަޝީރުގެ ކަރާއި މޭމައްޗާއި ދިމާލަށް ތިން ފަހަރު ޝަހުމް ވަޅިން ޖެހިތަން ދުށް ކަމަށެވެ.

ހެކިބަހާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ޝަހުމްގެ ވަކީލަށް މިއަދު އެރުވުމުން ވިދާޅުވީ ހެކިބަހާ ބެހޭ ގޮތުން ދައްކަން ބޭނުންވާ ވާހަކަތައް ހުލާސާ ބަޔާނުގައި ހިމަނާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތެއްގެ މަޖިލީހުގައި ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހެޅުމަށް އެންގުމަށްފަހު އެވެ.

އަހުސަން ބަޝީރު މަރާލި މައްސަލައިގައި ޝަހުމްގެ އިތުރުން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ވެސް ކުރެ އެވެ. އަދި އަހުސަންގެ މަރާ ގުޅިގެން ކުޑަކުދިންގެ ކޯޓުގައި ވަނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ވެސް އުފުލާފަ އެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި ވާރިސުން ބުނެފައި ވަނީ އަހުސަންގެ މަރުގެ ބަދަލުގައި ބޭނުންވަނީ ދެ ކުޑަކުދިންގެ ކިބައިން މަރަށް މަރު ހިފަން ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދި ވަކި ގޮތެއް ޝަރީއަތުން ނުނިންމަ އެވެ.