ބޭސް ސަޕްލައިކުރަން ހަވާލުކުރި އެފްޓެކް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑުން އެތަކެތި ސަޕްލައިނުކޮށް 11.8 މިލިއަން ރުފިޔާ ނެގި، ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ފިނޭންސް މިނިސްޓްރީއަށް އެންގި ނަމަވެސް އެ މުވައްޒަފުންނާ މެދު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރަމުން އަންނަ އެ މައްސަލައިގައި މާލިއްޔަތު ކޮމެޓީން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ކޮމެޓީއަށް ދެއްވަން އޮޑިޓާ ޖެނެރަލާއެކު އެ އޮފީހުގެ ހަ އޮފިޝަލަކު މިއަދު ކޮމެޓީއަށް ވަޑައިގެންނެވި އެވެ.

އެފްޓެކްގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ލިބުނު ބޮޑު ގެއްލުމަށް ކަންބޮޑުވުން ފާޅު ކުރައްވާ ނިޔާޒު ވިދާޅުވީ އޭސީސީން އެ މައްސަލައިގައި ތަހުގީގު ކުރަމުން އަންނަނީ ސިވިލްސާވިސްގެ މުވައްޒަފުންގެ މައްސަލަތައް ކަމަށާއި ފުލުހުން ތަހުގީގު ކުރަނީ އެފްޓެކްގެ މައްސަލައިގައި ހިންގާފައިވާ ޖިނާއީ ކުއްތައް ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ހިޔާނާތް ނުހިމެނޭ މައްސަލައެއް ކަމަށް ނިންމެން ނެތް ކަމަށެވެ.

"މި މައްސަލަ ވެސް ދާ ސްޕީޑް އެންމެ ރަނގަޅެއް ނޫން، މީގައި މިއުޅޭ މައްސަލައަކީ ވެސް ފުލުހުންނާއި އަދި އެންޓި ކޮރަޕްޝަންގެ ރިސޯސް މަދުވުން. މިތަންތަން ވަރުގަދަ ކުރަން އެބަޖެހޭ، މި މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އަޅަން ޖެހޭ،" ނިޔާޒު ވިދާޅުވި އެވެ.

އެފްޓެކްގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް އެކުލަވައިލި އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މަސައްކަތް ހަވާލުކުރުމުގައި ޓެންޑާ ބޯޑުގެ އިހުމާލު ހިމެނޭތީ އޭރުގެ ބޯޑު މެންބަރުންނާއި މެދު ވެސް ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން 100 ޕަސެންޓް މާޖިންގައި އެލްސީ ހުޅުވައިދީފައިވާތީ ފިނޭންސް މިނިސްޓްރީގައި އޭރު ހުންނެވި ސްޓޭޓް މިނިސްޓަރެއްގެ މައްޗަށް ވެސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. އަދި ތަކެތި ލިބުނުކަން ޔަގީންނުކޮށް ފައިސާ ދޫކުރުމުގެ ހުއްދަ ދީފައިވާތީ ފިނޭންސްގެ އޭރުގެ ޑެޕިއުޓީ ޖެނެރަލްގެ މައްޗަށް ފިޔަވަޅު އަޅަންވެސް ރިޕޯޓުގައި ރެކޮމެންޑްކޮށްފައިވެ އެވެ.

މައްސަލައިގައި ހިމެނޭ ފިނޭންސްގެ މުވައްޒަފުންގެ މައްޗަށް ފިޔަވަޅު އަޅަން އެދުމުން ފިނޭންސުން ދިން ޖަވާބާބެހޭ ގޮތުން ނިޔާޒު ވިދާޅުވީ މުވައްޒަފަކާ މެދު ސިވިލްސާވިސް އިން ފިޔަވަޅު އަޅަނީ އޭސީސީން އެކަމަށް އެދުމުން ކަމަށް ފިނޭންސް އިން ބުނެފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"އަދިވެސް އެބަތިއްބެވި އެބޭފުޅުން [އެފްޓެކްގެ މައްސަލައިގައި ހިމެނޭ ސިވިލްސާވިސްގެ މުވައްޒަފުން]، އެބޭފުޅުން މަގާމުތަކުގައި ތިއްބެވީ، އަޅުގަނޑު ފިނޭންސްގައި ދަންނަވާފައި އޮންނާނީ ފިޔަވަޅު އަޅަން، ފިޔަވަޅު ނާޅާނަމަ މި ކަންކަން ތަކުރާރުވާނެ،" ނިޔާޒު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް އެގޮތައް ވިދާޅުވުމުން މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ އެ މުވައްޒަފުންނަށް ފިޔަވަޅު އަޅައި އެކަހެރި ކުރަން ކޮމިޝަނެއް މެދުވެރިކުރަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.

"އެ މުވައްޒަފުން އެކަހެރި ކުރަން މި ކޮމެޓީން އަޅުގަނޑު މަސައްކަތް ކުރާނަން. ދެން ސިޔާސީ މީހުންނެއް އެ މަގާމުތަކުގައި މިހާރު ނެތް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ހެލެތް މިނިސްޓްރީގައި ފައިސާއަށް ޒިންމާވާނެ މީހަކަށް ހުންނެވީ ކޮން ބޭފުޅެއްތޯ ސާފުކުރައްވާފަ އެވެ. ނިޔާޒު ވިދާޅުވީ އޭރު އެކަން ކުރެއްވީ ސިޔާސީ ބޭފުޅެއް ކަމަށާއި ފައިސާއަށް ޒިންމާވާން ސިޔާސީ ބޭފުޅަކު ނުބަހައްޓަން އޭރުގެ ފިނޭންސް މިނިސްޓަރުގެ އަރިހުގައި ވެސް ދެންނެވި ކަމަށެވެ.

"ތަނެއްގައި ހުންނަ ފައިސާއަށް ޒިންމާވާންޖެހޭ މީހާ ސަރުކާރެއް ބަދަލުވާއިރަށް ބަދަލުވަންޏާ އެއީ މައްސަލައެއް، އެއީ އިންސްޓިޓިއުޝަނަލް މީހަކަށް ވާން މިޖެހެނީ، އޭރު، މިނިސްޓަރު [އަހުމަދު] އިނާޒަށް އެ ވާހަކަ ދެންނެވީމަ ވިދާޅުވީ އެއީ މައްސަލައެއް ނޫނޭ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްޓެކްގެ ހިޔާނާތުގެ އެންމެ ބޮޑު މައްސަލައަކީ ފިނޭންސް މިނިސްޓްރީން ހެލެތް މިނިސްޓްރީގެ ޕްރޮސީޖާގެ ތެރެއަށް ވަނުން ކަމަށާއި މުޅި ޕްރޮޖެކްޓް ކަހަލަ ގޮތަކަށް އެ މިނިސްޓްރީން ކުރިއަށް ގެންދިޔުމުން ކަމަށެވެ.

"މާލިއްޔަތުގެ އުސޫލު ބައިފާސް ކުރުން މި މައްސަލައަކީ، އެލްސީތައް ހުޅުވައިގެން ފިނޭންސުން މި އޮތީ އުސޫލު ބައިޕާސްކޮށް މިކަން ކޮށްފައި، މިއީ އެންމެ ބޮޑު މައްސަލަ، އަނެއްކާ ޕްރޮޑަކްޓް ލިބުނު ކަން ކިހިނެތްތޯ ޔަގީން ކުރާނީ ފިނޭންސް މިނިސްޓްރީގައި ފައިސާ ދޫކުރައްވަން ހުންނަ ބޭފުޅާ، އެކަންވެސް މިއޮތީ ފިނޭންސުން ކޮށްފައި،" ނިޔާޒު ވިދާޅުވި އެވެ.

އެފަދަ ބޮޑެތި މައްސަލަތައް ހުއްޓުވަން ބައެއް ފިޔަވަޅުތައް އަޅައި ދިނުމަށް ނިޔާޒު ވަނީ ކޮމެޓީގައި އެދިވަޑައިގެންފަ އެވެ. ވިދާޅުވީ ލޯކަލް އެލްސީތައް ހުޅުވުން ހުއްޓުވައިދޭން ޖެހޭ ކަމަށެވެ. އެކަމަށް ކޮމެޓީން ބާރު އެޅުމަށް އޮޑިޓް އޮފީހުގެ އޮފިޝަލުން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

"އެލްސީ މި ހުޅުވަނީ ބޭރުން އެއްޗެއް ގަންނަން، އެކަމަކު ލޯކަލް އެލްސީތައް ހުޅުވައިގެން އެގޮތައް އެކަން ކުރުމެއް ނޯންނާނެ، ޖެހޭނީ ވަކި ޕޭމަންޓްތަކެއް ގޮތުގައި މިކަހަލަ ޕްރޮޖެކްތަކަށް ޕޭމަންޓް ހަދަން، މިފަދަ އެލްސީތައް ހުޅުވައިގެން އެބަ ހުރި މި ނޫން އެހެން އޮފީސްތަކުން ވެސް މިޒާތުގެ ކަންކަން ކޮށްފައި،" އެހެންވީމައި މިކަން ހުއްޓުވަން އެބަޖެހޭ،" އޮޑިޓް އޮފީހުގެ ސީނިއާ އޮޑިޓް މެނޭޖަރަކު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ކޮމެޓީގެ މެންބަރުން ވެސް ވަނީ އެފްޓެކްގެ ހިޔާނާތުގައި ހިމެނޭ މުވައްޒަފުންނާއި މެދު ވަގުތުން ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އަދި އެފަދަ ހިޔާނާތްތަކަށް މަގުފަހިވާނެ ކޮންމެ ކަމެއް ހުއްޓުވާނެ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 12.7 މިލިއަން ރުފިޔާގެ ތަކެތި ސަޕްލައިކުރުމަށް އެ ކުންފުންޏާ ހަވާލުކުރި ނަމަވެސް އެތެރެކޮއްފައި ވަނީ ނުވަ ލައްކަ ރުފިޔާގެ ތަކެއްޗެވެ. ނަމަވެސް 11.8 މިލިއަން ރުފިޔާގެ ތަކެތި ސަޕްލައިކުރި ކަމަށް ބުނެ އޮޅުވާލާފައިވާ އިންވޮއިސްތަކެއް ފިނޭންސް މިނިސްޓްރީ އަށާއި ހެލްތު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެތަކެތި ލިބުނު ކަމުގެ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި ހިމެނޭ މީހަކު ހޯދަން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ. ސަން އޮންލައިނަށް އެގިފައިވާ ގޮތުގައި އެފްޓެކް ކުންފުނީގެ އިސް މަގާމުތަށް ފުރުއްވަމުން ގެންދަވާފައި ވަނީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ އިސް އެކްޓިވިސްޓުންތަކެކެވެ.