މާފަންނު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ މުއްދަތު ޖެހުމަށް ފަހު އެކަކު ދޫކޮށްލައިފި އެވެ.

މ. އޮޅާލި ގެއިން އިއްޔެ ހަވީރު ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން މިއަދު ހެނދުނު ގެންދިއުމުން ހައްޔަރުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކޯޓުން ދޫކޮށްލާފައި ވަނީ އުމުރުން 27 އަހަރުގެ މީހާ އެވެ.

އަދި އިއްޔެ ހައްޔަރު ކުރި އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 29 އަހަރުގެ އަންހެން މީހާގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

އޮޅާލި ގެއަށް ފުލުހުން ވަދެ ހައްޔަރު ކުރި މީހުންގެ ތެރެއިން 20 އަހަރުގެ މީހާގެ ޖީބުން 30،000ރ. ފެނިފައިވާ ކަމަށާއި އަދި27 އަހަރުގެ މީހާގެ ޖީބުން 1،100 ޑޮލަރާއި 3،000ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 10 ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަރީދީމަގުގައި ހުރި އެގެއަށް ފުލުހުން މިއަދު ވަދެ ބަލައި ފާސްކޮށް ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ އެގޭގެ ދެ ވަނަ ބުރިން ނެވެ.