04 Jul 2012, 12:33
އެންޝޯންޓާ މޯލްޑިވްސް ފިލްމް އެވޯޑް 2012ގެ އެންމެ މޮޅު އަދި އެންމެ މަގުބޫލް ފިލްމަކަށް "ލޫދިދާ" ހޮވިއްޖެ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ދިވެހި ފިލްމް ލޫދިފާ އަށް އެންމެ މަގުބޫލް އަދި އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިފައިވާ އިރު އެންމެ މޮޅު ބަތަލުގެ މަގާމު ވެސް ލިބިފައި ވަނީ އެ ފިލްމްގެ އިސްމާއިލް ރަޝީދު (ކޮޕީ އިއްސޭ) އަށެވެ.
ރޭގެ އެ ހަފްލާގައި އެންމެ މޮޅު ފީޗާ ފިލްމަކަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވާފައިވާ ހަދާނީ ފިލާ ވެސް ލިބިފައި ވަނީ ފިލްމް "ލޫދިފާ" އަށެވެ.
މުނިފޫހި ފިލުވުމުގެ ތަފާތު އައިޓަމްތައް ވެސް ގެނެސްދިން މިހަފްލާގައި އެންމެ މޮޅު ޑައިރެކްޓާގެ މަގާމާއި އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ލިބިފައި ވަނީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދަށެވެ. ނިއުމާ އަށް އެންމެ މޮޅު ޑައިރެކްޓާގެ އެވޯޑް ލިބުނީ ދިވެހި ފިލްމް "ނިއުމާ" އިން ނެވެ.
މިފަހަރުގެ ފިލްމް ފެއާ އެވޯޑްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ އާރިފާ އިބްރާހީމަށެވެ. އާރިފާއަށް އެއެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދެވެ.
ރޭގެ ރަސްމިއްޔާތުގައި އެވޯޑްތައް ހާސިލް ކުރި ފަރާތްތަކަށް ރައީސް ވަހީދު ވަނީ ތަހުނިޔާ ވިދާޅުވެ، މުބާރަކްބާދީ އަދާކުރައްވައި އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހިތްވަރު ދެއްވައިފަ އެވެ.
އެ ހަފްލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ހަފްލާއަށް ދައުވަތު އެރުވިކަމަށް ޓަކައި ފިލްމް އެސޯސިއޭޝަންގެ ވެރިންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރެއްވި އެވެ. އަދި އެހަފްލާއަށް ދަރުބާރުގެއަށް ވަޑައިގަތުމުން ލިބިވަޑައިގަތީ ހައިރާން ކަމެއް ކަމަށާއި ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ ފަންނާނުންނަކީ ވަރަށް ހުނަރުވެރި ކުޅަދާނަ ބައެއް ކަން އެނގިވަޑައިގެންފި ކަމަށް ރައީސް ވިިދާޅުވި އެވެ. އަދި އެ އިންޑަސްޓްރީގެ މަސައްކަތްތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.