މި އަހަރުގެ ގައުމީ އަންހެން ވޮލީ ބޯޅަ މުބާރާތް ހއ. އިހަވަންދޫގައި ބޭއްވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ، މި އަހަރުގެ މުބާރާތް އިހަވަންދޫގައި ބޭއްވުމަށް ނިންމީ، މުބާރާތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭއްވުމުގެ ގޮތުން ކަމަށެވެ. އެގޮތުން މީގެ ހަތަރު އަހަރު ކުރިން ފެށި މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ އައްޑޫ ސިޓީގައި ކަމަށާއި އެއަށް ފަހު ދެން ބޭއްވީ ލ. އަތޮޅުގައި ކަމަށެވެ. އަދި އެންމެ ފަހުން މިމުބާރާތް ބޭއްވީ ޅ. ނައިފަރުގައި ކަމަށް ވެސް ހުސެން ވިދާޅުވި އެވެ.

"ހއ. ގައި މިމުބާރާތް ބާއްވަން ކުރިން ވެސް ނިންމިން. މި މުބާރާތަކީ ރާއްޖޭގެ އެކިއެކި ހިސާބްތަކުގައި ބޭއްވޭ މުބާރާތެއް. އެންމެ ފުރަތަމަ މިމުބާރާތް ބޭއްވީ އައްޑޫގައި،" ހުސެން ވިދާޅުވި އެވެ.

ހުސެން ވިދާޅުވީ، މި އަހަރުގެ މުބާރާތް އިހަވަންދޫގައި ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.