04 Jul 2012, 12:10
ޔޫތު މިނިސްޓްރީ އާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިފައިން ހެދުމަށް ހަމަޖެހިފައިވާ ހަތް ދަނޑުގެ ތެރެއިން ހުޅުމާލޭގައި ސިފައިން ހަދަމުން އަންނަ ފުޓްސަލް ދަނޑުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް ބުނީ، ހުޅުމާލޭގައި ހަދާ ފުޓްބޯޅަ ދަނޑުގެ ބޮޑު ބައެއް ނިމިފައިވާ އިރު، މިހާރު ވަނީ ދަނޑުގެ ފެންސުގައިދާ ޖެހުމުގެ މަސައްކަތާއި ސްލެބް ވެސް އަޅާ ނިމިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ގޯލް ޕޯސްޓާއި ބެންޗް ހަރުތައް ވެސް ހަދާ ނިމިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގައި ހަދާ ދަނޑުގައި މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި އެތެރޭގައި ވަށައިގެންގާ އެތުރުމާއި ލައިޓް ޕޯސްޓް ހަރުކުރުމުގެ އިތުރުން މެޓް އެތުރުން ހިމެނެ އެވެ. އެގޮތުން ތަކެތީގެ ދަތިކަމެއް ނެތި މަސައްކަތް ތާވަލް ކުރެވިފައިވާ ގޮތާ އެއްގޮތަށް ކުރިއަށްދާ ނަމަ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ނިންމާލެވޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފުޓްސަލް ހަތް ދަނޑެއް ހެދުމުގެ އެގްރީމެންޓްގައި އެމްއެންޑީއެފް އިން ސޮއިކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ.