މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުނު މެޗްތައް އެސްޓީއޯ އާއި ކުލަބް ޕީކޭ އިން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް އެސްޓީއޯ އިން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދުމަށް ފަހު އެވެ. އަދި އިއްޔެގެ ދެ ވަނަ މެޗް ކުލަބް ޕީކޭ އިން ކާމިޔާބު ކުރީ ސްޕޯޓްސް ކުލަބް ގްޑީސްގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކުރި ހޯދުމަށް ފަހު އެވެ.

އިއްޔެގެ މެޗުގައި އެސްޓީއޯ އިން ސިފައިންގެ ކުލަބްގެ މައްޗަށް ކުރި ހޯދައި ސެޓްތައް ކާމިޔާބު ކޮށްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 30-28 އިންނެވެ. ދެ ވަނަ ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 25-23 އިންނެވެ. އަދި ފަހު ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިސްމާއިލް ސާޖިދެވެ.

ކުލަބް ޕީކޭ އިން ގްޑީސްގެ މައްޗަށް ކުރި ހޯދައި، ސެޓްތައް ރޭ ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ ޕީކޭއިންނެވެ. އެއީ 25-18 އަދި 25-18 އިނެނެވެ. އެހެން ނަމަވެސް ތިން ވަނަ ސެޓް ގްޑީސް އިން ކާމިޔާބު ކުރީ 26-24 އިންނެވެ. އަދި މެޗުގެ ފަހު ސެޓް ޕީކޭ އިން ކާމިޔާބު ކުރީ 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިސްމާއިލް ރިފާއު އެވެ.

މިމުބާރާތުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ޕޮލިސް ކުލަބާއި ކުލަބް ޕީކޭއެވެ. މެޗުގެ ކުޅުން ފަށާނީ މާދަމާ ރޭ 8:30 ގަ އެވެ.

މުބާރާތުގައި ވާދަކުރަނީ މިދިޔަ އަހަރުގެ ލީގުގެ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނޭ ލީގުގެ ޗެމްޕިއަން ކްލަބް ޕީކޭ އާއި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި އެސްޓީއޯ އަދި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. މިދިޔަ އަހަރު ލީގުގެ ހަ ވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މި އަހަރުގެ މުބާރާތުގައި ބައިވެރިނުވާތީ ލީގުގެ ހަ ވަނަ ޖާގަ ދިނީ މިދިޔަ އަހަރުގެ ހަތް ވަނަ ހޯދި ސްޕޯޓްސް ކްލަބް ސިޓީ އަށެވެ.

މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރު ފަށާ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ޖުމްލަ 15 މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.