04 Jul 2012, 11:57
އަހަރެމެން މިތިބަހަލާކުވެ ގެއްލިދަނީ އެވެ. އަޅާލާނެ މީހަކުނެތި ބިކަވެ އަނަރޫފަވަނީ އެވެ. މިކަމާ ހާސްވެ ކަންބޮޑުވުމުގައި ކޮއްކޮމެން އެތިބަގެން "އަތުންފައިން ގޯސްހަދާ" ހޭބުއްދިއަށް ލޮޅުން އަރައިފިއޭ ބުނެވޭވަރުވެ ދަނީއެވެ. މިކަން ބޮޑު ކަމަކަށް ނުވަނީ ހެއްޔެވެ. ވިސްނާފިކުރުކުރާ އެއްމެންމެ އެތިބެނީ ތަލިން ކުޅުހިކި އަންތަރީސްވެފަ އެވެ. ހާލަތުއޮޅުން ފިލުވާ ރައްޓެހިން ހައިރާންވެ ދެ ލޯ ބޮޑުކޮށްފައި ސުވާލުތައް ކުރަން ފަށައެވެ. އަހަރެމެންނަކަށް ޖަވާބެއް ނުދެވެއެވެ. ދޭނެ ޖަވާބެއް ނޭނގޭތީ އެވެ. ލޮލަށްފެނި އަތުން ހިފެމުން މިހިރަދާ ކަންކަން ގަބޫލު ނުކުރެވޭތީ އެވެ.
ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނެތެކޭ ބުނެވޭކަށް ނެތެވެ. އެބަހުރިކަން ނުދެނެހުރި މީހަކު ހަމަ ނޫޅެއެވެ. ވީމާ ބަހަނާއެއްގެ ގޮތުން އެހެންވެސް ބުނާނެތަނެއް ނެތެވެ. ބައްޕައަކީ ނުވަތަ ބެލެނިވެރިޔާއަކީ އުޑެއް ބުޑެއް ނުދަންނަ މައްގަމާރެކޭ ބުނާނެ ޖާގައެއްވެސް ނޯވެއެވެ. އެއީ ބައްޕަގެ ފެންވަރާއި ގޮތްބާވަތް ގިނަ ބަޔަކު ދަންނާތީ އެވެ. ބެލެނިވެރިކަން ކުރެވޭނެކަން ޔަގީން ކުރެވޭތީ އެވެ. ދެން ބުނެވެންއޮތީ ކީކޭހެއްޔެވެ. ސުވާލަކީ މިއެވެ. އަހަރެމެންނާއި އަޅާނުލައި ދޫކޮށްލެވިފައި މިތިބީ ކީއްވެގެން ކަމެވެ.
ދަރިންކޮޅު އުޅޭނެ ގޮތަކަށް އުޅޭއިރު ބެލެނިވެރިޔާއާއި ވާބެހޭކަމެއް ވެސް ނޫންކަހަލަ އެވެ. އެއްދަރިޔަކު އޭނާގެ ބައިވެރިންނާއިއެކު މުޅިރަށުގައި އެނބުރެނީ އެވެ. ހިތަށްއެރި ގޮތަކަށެވެ. އެފަހަރަކު ބޭނުން ކޮންމެކަމެއް ކުރުމުގައެވެ. ގޮތެއްފޮތެއް ހަމައެއްލަމައެއް ނުބަލައެވެ. ބައްޕަ ހަމަ އަޅާވެސްނުލައި އޭނަ އެގޮތަށް އުޅެން ދޫކޮށްލައިގެން ހުންނާތީ އަޖައިބުވާންޖެހެ އެވެ. އަނެކަކީ އޮފީސްހިންގަން ހަވާލުކޮށްފައިހުރި ދަރިއެވެ. ދީފައިއޮތް ބަޖެޓުން ފައިސާނަގައިގެން އޮފީހުގައި ކުރަނީ ކުރާނެކަމެކެވެ. ބައްޕަ ބުނިއެއްކަމެއްވެސް ކުރާކަށް ފަރުވާލެއް ނުބަހައްޓައެވެ.
އެހެންމީހުންނަށް އެކަން ބޮޑުވެގެން އެވާހަކަދެއްކީމާ ހަމަފާޅުގައި "ބައްޕައަކީ މަށަށްގޮތްކިޔާދޭން" ހުރިމީހެއް ނޫންކަމުގައި ބުނެލަނީ ކުޑަވެސް ޖެހިލުމެއްނެތި އެވެ. ބުނާގޮތެއް އަހަރެން ނުހަދާނަމޭވެސް ހަމަ އެއްމެންގެ ތެރޭގައި ބާރަށް ބުނަނީއެވެ. ބައްޕައަށް ވަރިހަމަ އެވެ. އެކަންހުއްޓުވާކަށް ނުއުޅެއެވެ. ރަނގަޅޭ ތިގޮތުގައި ކުރިއަށް ދާށޭ ބުނާކަހަލައެވެ. އެކަމާއެއްޗެއް ނުބުނާ ތާނގައި ދޭފައިސާ އަށްވެސް ހިފެހެއްޓުމެއް ނުގެނެއެވެ. ދެންހުރީ ފިހާރަ ހަވާލުވެގެންހުރި ކޮއްކޮ އެވެ. ގަންނަ މުދަލުގެ އަގު ދިހަބާރަގުނަ އިތުރަށް ޖަހައިގެން އުޅޭކަން ހަމަ ރަނގަޅަށް އެނގޭއިރުވެސް ބައްޕަ ދެނީ ހިއްވަރެވެ. ސާބަހޭ ފިރިހެނުން ތިބޭނީ ތިޔަހެނޭ ބުނެލާކަހަލަ އެވެ.
މުޅި ރަށުގައި މިހާރު ބައްޕަގެ އެކަށީގެންނުވާ ވާހަކަ އެކިގޮތަށް އެކިމީހުން ދައްކަން ފަށައިފި އެވެ. ފާހަގަކޮށްލެވޭ އެކިވަކި ދަރިންނަށްވުރެ ބައްޕަ މާ ދެރައީއޭ ކިޔައެވެ. އަނެއް ބަޔަކު ބުނަނީ ދަރިންގެންގުޅެވޭ ފެންވަރު ބެލެނިވެރިޔަކަށް ހުންނަމީހާގައި ނެތީމާ ވާނެގޮތްވަނީ ކަމަށެވެ. ބައްޕަ އަށް ލިބިފައި ތިބި ދަރިންކުރެ "ހައްދުފަހަނަ އަޅައިގެން" އެއުޅޭ ދަރިން މައިތިރިކުރާހާ ހިއްވަރެއް ނެތް "ބޮޑު ފިނޑިއެކޭ ކިޔާ މީހުންވެސް މަދެއްނޫނެވެ. އަދި އެދަރިންނާއި އެކު އަޑިއަޑިން ރާވައިގެން މިހުރިހާ ކަމަކުން އެމީހުންނާއިއެކު ބައިއެޅެ ގޮތަށް އަމިއްލަ ފައިދާ ތަކެއް ބައްޕަވެސް ނަގަނީ ކަމަށް ތުހުމަތުކުރާ ބަޔަކުވެސް އުޅެއެވެ.
ކަންކޮންމެ ގޮތަކަށް އޮތަސް ކުރިން ގިނަބަޔަކު ބައްޕައަށް ކުރި އިހުތިރާމާއި ގަދަރު ކުޑަވެ އެތަކެއް މީހުންގެ ބަދުބަސްތައް މިހާރު އަބަދާއި އަބަދު އެހުންނަނީ ރައްދުވޭވެއެވެ. ނިކަމެތިވެ ކަރުއެލިފައިތިބި ދަރިން ބަދު ދުޢާކުރާ އަޑުވެސް ނުއިވެއެއްނޫނެވެ. ހިފިނުހުރެގެން އެއުޅޭ އެކިދަރިންނަކީ ވެސް ބައްޕަޔަށް ހެވެއް އެދޭ އަޅާލާނެ ބައެއް ނޫނެވެ. ދެން އޮތީ އެމީހުންގެ ފަރާތުން އަމިއްލަ ފައިދާގަނޑެއް ލިބުމެވެ. އެހެންނޫނީ އެމީހުން ދެކެ ހަމަ ހަގީގަތުގައިވެސް ބިރުން، ފިނޑިކަމުން އެމީހުންނަށް ގޮތެއްހަދަން ނުކެރުމެވެ. ބޮޑަށްވައްތަރުވަނީ ފަހުން މިބުނިހެން ވާ ކަމަށެވެ.
ދެން އެކަމަކު މިފަދަ ގާނޫނީ ދުވަސްވަރެއްގައި ބެލެނިވެރިކަން އޮވެގެން ތިޔަގޮތަށް ފިތި ތާށިވެގެން ހުރުމުގައި އެއްވެސް ފައިދާއެއް އޮވެދާނެއެކޭ ނުބުނެވޭނެ އެވެ. އަމިއްލަ ބެންކުއެކައުންޓަށް ވައްދާލެވިދާނެ މަދު ޑޮލަރުކޮޅަކަށްޓަކައި ތިމާގެ ހަފަރާތުން އަލިފާން އަންދަން ބޭނުންވުމަކީ ހޭބުއްދިނެތް މޮޔައެއްގެ ދަރަޖައިގައި ހިމަނަންޖެހޭ ކަމެކެވެ. ހަމަޖެހިލައިގެން ހީލާ އުފާވެރިވެލެވޭނެ ވަގުތެއް ނުލިބޭނެއެވެ. ހެޔޮހިތުން ބައިވެރިވާނެ ހަމައެކަކުވެސް ނުވާނެއެވެ. ދެފަރާތަށް ހޫރެމުން ކަނަކުއިޝާނަމާދަށްދާ ގޮތަށް ދިރިއުޅުމުގައި އޮތީ ކޮން ބޭނުމެއްބާވައެވެ. ސާފުރަތުރަނުން ހަދާފައި ހުއްޓަސް ޖަލުގެ ކުޑަގޮޅިއެއްގައި އިނދެގެން ހިތަކަށް ފުރާނައަކަށް ނުވަތަ ހަށިގަނޑަކަށްވެސް ވާނެ އެއްވެސް އަރާމެއް ނޯންނާނެކަން ކަށަވަރެވެ. އެއްމެ މުހިންމު ކަންތައް ކަމުގައި އަހަރެމެން ގަބޫލުކުރާ ފަހުދުވަހު ވެސް ދަރިންނުބެލި، އަލާނުލި، އަމިއްލަ ފައިދާއަށް އަނެކުންނަށް ގެއްލުންދިން ކަމުގެ ސުވާލުކުރެވި ކުށްވެރިވެ، އެފަދަކަންކަންކުރި ކޮންމެ މީހަކަށްވެސް ބޮޑު އަދަބު ލިބޭނެ ކަން ޔަގީނެވެ. މިތާނގައިވެސް މޮޅެއް ހަމަޖެހުމެއްނެތި ހުރިހާގޮތަކުން ވެސް " ތާށީގައި " އުލެފައި އަދި ފަހުން ވެސް ދެރަގޮތްތައް ދިމާވުމަކީ ހަމަހޭ ހުންނަ މީހަކު ބޭނުންވާނެކަމެއް ނޫންކަން އެއްމެންވެސް ގަބޫލުކުރާނެއެވެ.
ބައްޕައިންނާއި ބެލެނިވެރިން ދަރިން ބަލަހައްޓަން ޖެހޭނެއެވެ. އުޅޭނޫޅޭ ބަލއި ނުބައިމަގަކުން ދާނަމަ ހުއްޓުވައި ހިފަހައްޓަން ވާނެއެވެ. އެހެން ނޫނީ އިސާހިތަކު ބައެއްކަހަލަ ދަރިން ބައްޕަގެ ބޮލަށް އަރައި ދަމާވީދާ ނޮޅާ ކާލަފާނެއެވެ. މިއީ ދުނިޔެ ދައްކައިދީފައިވާ މިކަން އޮންނަ ގޮތެވެ.
ނޫނެކޭ ބުނެ މިވާހަކަ ތަކާއި ދެކޮޅުހަދާނެ ކިތަކަށް މީހުން އުޅޭނެ ބާވައެވެ!