21 Aug 2010, 08:32
13:30
މިހާރު މާލޭގައި ދެމުންދާ ވަޅީގެ ނުރައްކާތެރި ހަމަލަތައް ކޮންޓްރޯލް ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު މިއަދު ވިދާޅުވީ މާލޭގައި ގްރޫޕް މާރާމާރީ ހިންގައި ވޭތުވެ ދިޔަ ދެރޭ މަތިން ޒުވާން ދެ ކުއްޖެއްގެ ގަޔަށް ވަޅި ހަރާފައި ވުމުން އެ ހަރަކާތާއި ހަމަލަތައް އުފެދިގެން އަންނަ ގޮތް ބަލަމުން އަންނަ ކަމަށާއި ކޮންމެ ރެއަކު ދެމުންދާ ނުރައްކާތެރި ހަމަލަތައް ހުއްޓުވާނެ ކަމަށެވެ. އެކަމުގައި ފުލުހުން ހަރަތާކާތްތެރިވާނީ ކޮން އިރަކު ކޮން ގޮތަކަށް ކަމެއް ނުބުނެ އެވެ.
ގޭންގް ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން މި އޯގަސްޓް މަސް ފެށުނު އިރު ވެސް 50 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ފަހުން މި މަހުގެ 17 ވަނަ ދުވަހު ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައިވެ އެވެ. އޭގެ ފަހުން އިއްޔެ ރޭ ވަޅިން ހަމަލާދީ 16 އަހަރުގެ ކުއްޖަކު ޒަމްކޮށްލީ ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރާ ބިލާއި ގޭންކުށްތައް ހުއްޓުވުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 10 ގަޑިއިރު ނުވަނީހެވެ. އޭގެ ފަހުން ރޭ ވަޅީގެ ދެވަނަ ހަމަލައެއް ދިނީ ކުރީރޭގެ ހަމަލަ ހިނގިތާ 24 ގަޑިއިރު ނުވަނީހެވެ.
ބުރުޒުމަގުގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ރޭ ބަޔަކު ހަމަލާދީ އޭނާގެ ބުރަކަށީގެ ތިން ތަނެއް ފުންކޮށް ޒަހަމްކޮށްލި ހަމަލައާ ގުޅިގެން ވެސް ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ. އޭގެ ކުރީރޭ އަމީނީ މަގު ބިލަބޮން އިންޓަނޭޝަލް ސްކޫލް ކައިރިން ވަޅިން ހަމަލަ ދިން ހާދިސާއާ ގުޅިގެން ވެސް ފުލުހުން މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ވަޅިން ހަމަލާދީ ޒަހަމްކޮށްލި ކުއްޖާ މިއަދު ދޫކޮށްލާފައިވާ ކަމަށާއި ފުރަތަމަ ރޭ ބުރައްކައްޓަށް ވަޅި ހަރައިޒަހަމްކޮށްލި ކުއްޖާ އަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ އޮފިޝަލު ވިދާޅުވީ ފަރުވާ ދެމުންދާ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް އާއިލާގެ ފަރާތުން ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. ވަޅީގެ ދެވަނަ ހަމަލާއަށް ފަހު ފަރުވާދީ ދޫކޮށްލި ކުއްޖާގެ މައުލޫމާތު ހާމަ ކުރުމަށް ވެސް އައިޖީއެމްއެޗުން ވަނީ އިންކާރުކޮށްފަ އެވެ.