04 Jul 2012, 11:44
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާމެދު ކޮމިޝަންގެ މުވައްޒަފުން ހިތް ހަމަ ނުޖެހިގެން އުޅެނީ ކޮމިޝަންގައި ތެރޭގައި ބޮއްސުންލައިގެން ގޮސްފައި ހުރި ގިނަ ކަންތައްތަކެއް ހައްލުކުރުމަށް ކޮމިޝަންގެ މެންބަރުން މަސައްކަތް ކުރައްވާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިލެކްޝަންސްގެ ފަސް މެންބަރުން ވަނީ ވަނީ ކޮމިޝަންގެ މެންބަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ. މެންބަރުން މާލިއްޔަތު ކޮމެޓީއާ ބައްދަލުކުރެއްވިރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ގުޅުންހުރި ގިނަ ޝަކުވާތަކެއް ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅައިފަ އެވެ. އެ ކޮމެޓީން އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ.
ކޮމިޝަންގެ މެންބަރު މަނިކު ވިދާޅުވީ އެބޭފުޅުން ކޮމިޝަނާ ހަވާލުވެ ވަޑައިގެންއިރު ބައެއް މުވައްޒަފުން އިތުރު ގަނޑީގެ ފައިސާއާ އެކު ކޮންމެ މަހަކުވެސް 60000ރ. އަށް ވުރެ ގިނައިން ފައިސާ ލިބޭ މުވައްޒަފުން އުޅޭ ކަމަށާއި މިހާރު އިތުރުގަޑީގައި މަސައްކަތް ކުރެވޭނީ ހުއްދަ ލިބިގެން ކޮންމެހެން ކުރަން ޖެހިއްޖެ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންނާ ހަވާލުވިއިރު ކޮމިޝަންގެ ކަންތައްތައް ހުރީ އެހެން ކަހަލަ ގޮތަކަށް، 60000ރ. އިން މުސާރަ ގެންދަވާ މުވައްޒަފުން އުޅުއްވި، އަޅުގަނޑުމެން އައިސްފައި މި ކަންކަން ހަމަޔަކަށް އަޅުވަން ފެށުމުން މުވައްޒަފުން [ހިތްޖަމަނުޖެހިގެން] މި އުޅުއްވަނީ، މީގެ ކުރިން މުވައްޒަފުން ވެސް ހޮވާފައި ހުރީ އިއުލާން ކުރުމެއް ނެތި އާއިލާ މީހުންނަށް ވަޒީފާދޭ އުސޫލުން، މިހެން އޮތް ތަނެއް ހަމަޔަށް އަޅުވަންވީމަ ވާނެ ގޮތް މި ވަނީ،" މަނިކު ވިދާޅުވި އެވެ.
ކޮމިޝަންގެ ރައީސް ފުއާދު ވެސް ވަނީ އޭނާ ކޮމިޝަނުގައި މަސައްކަތް ކުރައްވަން ފެއްޓެވިއިރު ކަންތައްތައް ހުރިގޮތުގެ ބައެއް ވާހަކަތައް ކޮމެޓީއާ ހިއްސާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކޮމިޝަންގައި އޭރު ކޮންމެ ވަގުތަކުވެސް ކެއުން ހުންނަ ކަމަށާއި ރޭގަނޑު 12:00 ޖަހަންދެން ބައެއް މުވައްޒަފުންނާއި މެންބަރުން ވެސް އުޅުއްވަނީ ކޮމިޝަންގެ ތެރޭގައި ކަމަށެވެ. އަދި އެވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ނަގަމުންދިޔަ ކަމަށެވެ.
"އަޅުގަނޑު އޭރު ހަމަ އޮފީހަށް ވަންނައިރަށް ހެނދުނު ސައި ހުރި ވާހަކަ ބުނާނެ، ހުދު ބިސްގަނޑު ވިއްޔާ ބިސްގަނޑު. ނޫނީ ޔޯކް ލައިގެން ބިސްގަނޑު ވިއްޔާ ބިސްގަނޑު، ހަކުރު ޕްރެސަރު ހުންނަ މީހުންނަށް ހާއްސަ، މިހެން ގޮސް ނަން ހުސްކޮށް ހުންނާނެ، ދެން އޮންނާނެ 11:00 -12:00 ޖަހާ އެހާކަންހާއިރު ކެއުން، އަނެއްކާ ހަވީރު ސައި، ރޭގަނޑު ކެއުން އެންމެ ފަހުން 12:00 ޖަހާއިރު ރޭގަނޑުގެ ސައި، އެކަމަކު މިހާރު އަޅުގަނޑުމެން މި ގެންނަނީ ކޮންމެހެން ބޭނުންވާ ދުވަހަކު ޕާރްސަލެއް! އެ ގެންނާތީވެ ބައެއް މުވައްޒަފުން ހިތްހަމަވެސް ނުޖެހޭ، އެގޮތުން އެ ނުކައި ކާން ގެއަށްގޮސް މިކަހަލަ ކަންކަންވެސް އެބަހުރިވެފައި،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރު އޭނާ ކޮމިޝަނަށް ވަޑައިގެންއިރު އޭނާ ހުންނެވީ މިނިސްޓްރީއެއްގެ ނައިބުގެ ދަށުން އޮންނަ މަގާމެއްގައި ކަމަށާއި އޭނާއަށް މުސާރައާ އިނާޔަތްތަކަށް މުޅި ޖުމްލަ މަހަކު ލިބިވަޑައިގަންނަވަނީ 12000ރ. ކަމަށެވެ. ނަމަވެސް އޭނާ ކޮމިޝަނަށް ވަޑައިގެންއިރު ކޮމިޝަންގެ މަސައްކަތު މީހަކަށްވެސް 15000ރ. ލިބޭ ކަމަށެވެ.
"އަޅުގަނޑު މިދެންނެވީ އެންމެ ދަށް މުސާރަ ލިބޭ މީހާ، އެކަމަކު އަޅުގަނޑަށް ވެސް އެ ވަރު ނުލިބޭ އޭރުގައި، އަޅުގަނޑަށް ޝޮކެއް ލިބުނީ، އެކަމަކު މިހާރު އެގޮތަށް މުސާރަ ލިބޭ ގޮތަކަށް ނޫން އޮންނާނީ،" ފުއާދު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ލިވިން އެލަވަންސްގެ މައްސަލަ ވެސް މުވައްޒަފުންގެ ކޮޅަށް ނިންމާފައިވަނީ ކޮމިޝަންގެ "މުވައްޒަފުން ކޮމިޝަންގެ މެންބަރުން ހައިޖެކްކޮށްގެން" ކަމަށް ދެކިވަޑައިގަންނަވައި ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަންގެ މެންބަރުން ގެންދަވަނީ ކަޑައެޅިގެން މިނިވަން މުއައްސަސާއެއްގެ މެންބަރުން ބަދުނާމު ކުރަން މަސައްކަތް ކުރަމުން ކަމަށެވެ.
"މިފަހަރު މިއޮތީ ސިޔާސީ މީހުންނެއް ނޫން އަޅުގަނޑުމެން ހައިޖެކްކޮށްފައި، މުވައްޒަފުން" މަނިކު ވިދާޅުވި އެވެ.
ކޮމިޝަންގެ ނައިބު ރައީސް ފަޔާޒު ވިދާޅުވީ ގެންނަ ބައެއް ބަދަލުތަކާއި ހިތްހަމަ ނުޖެހޭ ބައެއް މުވައްޒަފުން "ހޭ އަރުވާލާނެ" ކަމަށް ބުނެ އޭނާއަށް ބައެއް މުވައްޒަފުން އިންޒާރު ވެސް ދީފައިވާ ކަމަށެވެ. އަދި އެކަންތައްތައް އެގޮތައް ކުރުމަށް ފުރުސަތެއް ނޯންނާނެ ކަމަށްވެސް ފަޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑާއި ދިމާލަށް އެހެން ބުނެފައި ގޮސްފައި މި ގޮތަށް މުވައްޒަފުން ކަންތައް މި ކުރައްވަނީ، ކޮންމެ ކަމެއް މި އޮންނަނީ ގޮސް މަގުމަތީގައި، ސިއްރު ޖަލްސާއެއް ބޭއްވިޔަސް،" ފަޔާޒު ވިދާޅުވި އެވެ.
ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކޮމިޝަނުން ގެއްލިފައިވާ ބައެއް ލެޕްޓޮޕްތަކުގައި ޒިންމާވާންޖެހޭ މުވައްޒަގުންގެ އަތުން ގެއްލިފައިވާ ލެޕްޓޮޕްތަކުގެ ބަދަލު ހޯދުމަށެވެ. އަދި ކޮމިޝަންގެ ބަޖެޓުން ގަނެފައިވާ ފޯނު ހުރި މުވައްޒަފުންގެ އަތުން ފޯނު އަތުލައި ނޫނީ އޭގެ އަގު އަތުލުމަށެވެ.
ކޮމިޝަންގެ މުވައްޒަފުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ކޮމިޝަންގެ މެންބަރުން ވަކި އަތަކަށް ޖެހި މަސައްކަތް ކުރާ ކަމަށާއި މުވައްޒަފުންނާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ކަމަށާއި ކޮމިޝަންގެ ވަސީލަތްތައް އަމިއްލަ ބޭނުމަށް ބޭނުން ކުރައްވާ ކަމަށެވެ. އަދި ކޮމިޝަންގެ ބައެއް މެންބަރުން ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަސައްކަތް ކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް އެ ހުރިހާ ތުހުމަތަކުން ކޮމިޝަންގެ މެންބަރުން ވަނީ ބަރީއަވެ ވަޑައިގަތް ވާހަކަ ދައްކަވައިފަ އެވެ. ކޮމެޓީގެ ބައެއް މެންބަރުން މިއަދު ވިދާޅުވީ މުބައްޒަފުންނާއި ކޮމިޝަންގެ މެންބަރުންނާއި ދެމެދު ޖެހިގެން އުޅޭ ބައެއް މައްސަލަތައް އަވަހަށް ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެއްވުމަށްވެސް ބައެއް މެންބަރުން އެދިވަޑައިގަތެވެ.