04 Jul 2012, 11:25
ކުރިގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަށް ކުރެއްވި ދަތުރު ފުޅުގައި ރާއްޖެ އަށް ޓޫރިސްޓުން ނައުމަށް ގޮވާލައްވާފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމު އަލީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އޭނާ ވިދާޅުވެފައި ވަނީ ރާއްޖެ އަށް ދަތުރު ކުރަން ނިންމާފައިވާ ފަތުރުވެރިންނާއި ޒިޔާރަތްކުރަން ވިސްނާ ފަތުރުވެރިން ރާއްޖެ ނައުމަށް ކުރީގެ ރައީސް ގޮވާލެއްވުމަކީ ގައުމުގެ އިގުތިސާދުގައި ނުއުފުއްލޭ ވަރު ބުރަޔަކާ ގައުމު ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް ފިޔަވަޅު ނެޅިއްޖެ ނަމަ އިގުތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމަށް ފެނިވަޑައިގަންނަ ވާތީ ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.
ވިސާމު ވިދަޅުވީ ޓޫރިޒަމްގެ ސިނާއަތަކީ ރާއްޖޭގެ އެންމެ މުހިން ސިނާއަތު ކަމަށްވާ އިރު ޓޫރިޒަމް ބޯއިކަޓް ކުރުމަށް ކުރީގެ ރައީސް ކަން ކުރައްވާފައިވާ ބޭފުޅެއް ގޮވާލެއްވުމަކީ ގަބޫލު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެކަމުން ރައްޔިތުން ނިކަމެތިވެ ރާއްޖޭގެ އިގުތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިގެން ހިނގައި ދާނެ ކަމަށެވެ.
"ޓޫރިޒަމްގެ ސިނާއަތަކީ ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިންމު ސިނާއަތަށްވީ ހިނދު އަދި އެ ސިނާއަތަށް ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ނިކަމެތިކަމަކާއި ދެރަކަމެއް. ޓޫރިސްޓުން ރާއްޖެ އަށް އަންނަ މިންވަރު ދަށަށް ހިނގައްޖެ ނަމަ ރާއްޖޭގެ އިގުތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ކުރިމަތިވާނެ،" ވިސާމް ވިދާޅުވި އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ މި ސަރުކާރަކީ ބަޣާވާތަކުން އައި ސަރުކާރަކަށްވާ އިރު ސަރުކާރު ހިންގުމަށް ބެނުންވާ ފައިސާ ދޭން ޓޫރިސްޓުން މި ގައުމަށް އަންނަން ނުޖެހޭ ކަމަށެވެ.
އެމްޑިޕީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސަލާމަތުން ބޭއްވުމަށް ވާހަކަ ދެއްކުމަކީ އެމްޑީޕީ އިން އަބަދު ވެސް ދައްކާ ވާހަކައެއް ކަމަށާއި ނަމަވެސް ގަނޫނު އަސާސީގެ ދަށުން ފަސް އަހަރު ދުވަހަށް އިންތިހާބުކޮށްފައިވާ ސަރުކާރެއް، ރިސޯޓްތަކުން ލިބިފައިވާ ލާރީގެ ބާރުގެ ބޭނުންކޮށްގެން ނުކުމެ ރައީސުލްޖުމުހުރިއްޔާ ތަޅައި ސުންނަފަތިކޮށްލީމާ އެކަންކަން ބައިނަލްއަގުވަމީ މުޖުތަމައުއަށް ފެންނާނެ ކަމަށެވެ.
"ދިވެހި ޓޫރިޒަމް ހަލާކުކުރުމަށް ކޮންބައެއްތޯ މަސައްކަތްކޮށްގެން މިއުޅޭނީ. ދިގު މުއްދަތަކަށް ބޭރު ބަޔަކަށް ދީފައި އޮތް އެއާޕޯޓެއް ޓޫރިސްޓުން ގޮވައިގެން ފުރަތަމަ ވެސް އައިސް ޖައްސަން އޮތްތަން އެތަން ނަގައި އެއްލާލާ އިރު ދުނިޔޭގެ ވިޔަފާރިވެރިން އެވާހަކަ ނުދައްކާނެތޯ،" މޫސަ ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބުދްﷲ ޖާބިރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޯއިކަޓް ކުރުމުގެ ވާހަކަތަކީ އެމްޑީޕީގެ މެންބަރުން ވެރިކަމަށް އައުމުގެ ކުރިންނާއި ވެރިކަމުގައި ތިބި އިރު ވެސް ދައްކަމުން އައި ވާހަކައެއް ކަމަށާއި އެކަން އެގޮތަށް ކުރުމުގެ މައިގަނޑު ސަބަބަކީ ދިވެހި ރައްޔިތުން ނިކަމެތިކޮށްލުން ކަމަށެވެ.
"ދިވެހިން ހާލުގައި ޖައްސައި އަލުން މުންޑުލައިގެން ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުމެ ގަރުދިޔަ ބޯތަށި ހިއްސާކޮށްގެން ވެރިކަން ކުރާ ބީދައިން ވެރިކަން ކުރާނެ އުސޫލެއް ހޯދުމަށް. އޭރުން ހިސާބު ކިތާބު ބަލަކަށް ނުޖެހޭނެ މާކެޓިން ބަލާކަށް ނުޖެހޭނެ. ތަނަވަސްކޮށް ނެތީމާ ރައްޔިތުން ތިބޭނީ އަޅުވެތިކޮށް،" ޖާބިރު ވިދާޅުވި އެވެ.
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވީ ގައުމެއް ފަގީރުކުރުމަށް ގޮވާލައި ގައުމުގެ ރައްޔިތުންނަށް ކާންބޯން ނުލިބޭނެ ގޮތަށް އަދި ރައްޔިތުންނަށް ކުރިއެރުން ނުލިބޭނެ ގޮތަށް ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަދި ހާއްސަކޮށް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ގޮވާލެއްވުމަކީ ކޮށްގެން ވާނެ ކަމެއްނޫން ކަމަށާއި ރާއްޖެ އަށް ލިބޭ އާމްދަނީ ހޯދުމުގެ ދޮރު ބަންދުކުރުމަކީ އެއްވެސް މީހަކަށް ކުރުމުގެ ހައްގު އޮންނާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ އަމަލުތައް ކުރާ ބަޔަކީ އެއީ ރާއްޖެ ދެކެ ލޯބިނުވާ އަދި ރާއްޖޭގެ ތަރައްގީ އަށް ލޯބިކުރާނެ އަދި ރާއްޖޭގެ އެއްވެސް މަސައްކަތެއް ކުރެވޭނެ މީހެއް ކަމަށް އަޅުގަނޑުމެން އެއްވެސް މީހަކު ދެކިގެން ނުވާނެ،" ޝިޔާމު ވިދާޅުވި އެވެ.
މިއަދު މަޖިލިހުގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވިދާޅުވީ ޓޫރިޒަމަށް ގެއްލުން ދިނުމަށް މަސައްކަތްކުރުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ގައުމުގެ އިގުތިސާދަށް ގެއްލުން ލިބޭ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ އެއީ ގައުމާ ދޭތެރޭ ކުރެވޭ ވަރަށް ބޮޑު އިހާނަތެއް ކަމަށެވެ.