04 Jul 2012, 11:11
ކަރަށް ވަޅި ހަރައި އަވަހާރަކޮށްލާފައި އޮއްވާ ފެނުނު ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ވާރިސަކު ހުރިނަމަ އެކަން ކްރިމިނަލް ކޯޓަށް އަންގަން އެ ކޯޓުން އިއުލާން ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނަޖީބު 65، ގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ވާރިސަކު ހުރިތޯ ބަލަން ބެނުންވާ ކަމަށެވެ. ނަޖީބުގެ ވާރިސަކު ހުރިނަމަ އަންނަ އަންގާރަ ދުވަހުގެ 3:00 ޖެހުމުގެ ކުރިން ލިއުމަކުން އެ ކޯޓަށް އަންގަން ވެސް ބުނެފައި ވެއެވެ.
މ. މަސްރޫރާގެއަށް ނަޖީބު ގެންގޮސް ގޮނޑިއެއްގައި ބަނދެ އަތްފައި ބަނދެ، އަނގަމަތީގައި ޓޭޕް އެޅުމަށްފަހު ކަރަށް ވަޅި އަހަރައި އަވަހާރަކޮށްލި ކަމަށް މައްސަލައާ ގުޅިގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މ. މަސްރޫރާގޭ އަހުމަދު މުރައްތު 29، އާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، ޝަރީޢަތުގައި ވަނީ އިއުތިރާފުވެފަ އެވެ.
އެ ދެމީހުންގެ އިއުތިރާފަށްފަހު ނަޖީބުގެ ވާރިސުންގެ ބަސް ހޯދަން ރޭ ވަނީ ޝަރީއަތުގެ މަޖިލީހެއް ބާއްވާފަ އެވެ. އެ މަޖިލީހުގައި ނަޖީބުގެ ވާރިސުންގެ ތެރެއިން ހަ ވާރިސަކު ބުނެފައި ވަނީ ބޭނުން ވަނީ މަރަށް މަރުހިފަން ކަމަށެވެ.
ނަޖީބުގެ އަށް ބޭފުޅުންގެ ތެރެއިން ރޭގެ ޝަރީއަތަށް ހާޒިރުވީ ހަ ބޭފުޅެކެވެ. އަނެއް ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ހުންނެވީ ރިސޯޓެއްގަ އެވެ. އަނެއް ބޭފުޅަކު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.