އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފަސް މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފި އެވެ.

މެލޭޝިއާގައި ކުރިއަށްދާ މިމުބާރާތުގައި ރާއްޖެ އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލު ކުރީ ކުވައިތާ ދެކޮޅަށެވެ. މިމެޗް ނިމުނީ 8-0 ލަނޑުން ރާއްޖޭގެ މައްޗަށް ކުވައިތުން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވެސް ގަތަރު އަތުން 2-0 ލަނޑުން ބަލިވެފައިވާ އިރު، ދެވަނަ މެޗުން ރާއްޖެ ބަލިބީ ތަޖިކިސްތާން އަތުން 2-1 ލަނޑުންނެވެ. ތިން ވަނަ މެޗުން ރާއްޖެ ބަލިވީ އިރާނާ ވާދަކޮށް 7-0 ލަނޑުންނެވެ. އަދި ހަތަރު ވަނަ މެޗުން ރާއްޖެ ބަލިވީ ބަހުރޭނާ ވާދަކޮށް 2-1 ލަނޑުން ނެވެ.

މުބާރާތުގެ ރާއްޖެ ހިމެނުނު ގްރޫޕް ސީ ފަޅިން އެއް ވަނަ ލިބުނީ އިރާނަށެވެ. އެއީ ގުރޫޕް އިސްޓޭޖްގައި އެ ޓީމް ކުޅުނު ހަތަރު މެޗް ކާމިޔާބު، އަނެއް މެޗް އެއް ވަރު ކޮށްގެންނެވެ.