04 Jul 2012, 10:53
އައްޑު އަތޮޅުގެ މިސްކިތްތަކުގެ މަރާމާތަށް 1.1 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރޯދަ މަސް އައުމުގެ ކުރިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވާނެ ފައިސާ ހޯދަން ހުޅުވި ފަންޑަށް ލިބިފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން އައްޑު އަތޮޅުގެ ހުރިހާ ރަށްތަކެއްގެ މިސްކިތްތަކުގެ މަރާމަތަށް 1.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެހެން ގިނަ ރަށްރަށުގެ މިސްކިތްތައް ފަދައިން އައްޑޫގެ މިސްކިތްތައް ވެސް ހުރީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި ކަމަށާއި އެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ. އައްޑޫ މިސްކިތްތަކުގެ އަބާތުރަ ފިލުވަން އެމްއެންޑީއެފާއި އެސްޓީއޯގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އައްޑު އަތޮޅުގެ ހުރިހާ މިސްކިތްތަކެއް މަރާމާތު ކުރުމަށް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހިތެރިކަމާއިއެކު އެސްޓީއޯ ވެސް މެދުވެރިވެގެން މިމަސައްކަތް ކުރަނީ،" ޝަހީމު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހެން އަތޮޅުތަކުގެ މިސްކިތްތަކުގެ މަރާމާތުތައް ފަށާފައިވާ ކަމަށާއި މިސްކިތްތައް ބާވެފައިވާ މިންވަރު، މިސްކިތަތަށް މަރާމާތުކުރާނެ ފައިސާ ހޯދަން ރަށްރަށުން ފޮނުވާފައިވާ ޕްރޮޕޯސަލްތަކުން އެނގޭ ކަމަށެވެ.
މިސްކިތު ފަންޑަށް ލިބިފައިވާ ފައިސާ އިން 17 މިސްކިތެއް މަރާމާތު ކުރަން ނިންމާފައިވާއިރު 31 މިސްކިތެއް މަރާމާތު ކުރުމަށް ވަނީ އެދިފަ އެވެ. މިނިސްޓްރީ ބުނެފައި ވަނީ އެހީއަށް އެދޭ އިރު މާލިއްޔަތު ގާނޫނުގައި ބުނާ ގޮތަށް އެސްޓިމޭޓް ފުރިހަމަކޮށްފައި ހުށަހެޅުމަށެވެ.
އެހީގެ ގޮތުގައި ލިބޭ ފައިސާ 15 މިލިއަން ރުފިޔާއަށް އަރާނަމަ އެ ފައިސާއިން މިސްކިތްތައް ބިނާކުރަން ވަނީ ނިންމާފަ އެވެ. ގަބުރު ފެނިގެން މިހާތަނަށް ރާއްޖޭގެ 25 މިސްކިތެއް ވަނީ ބަންދުކޮށްފަ އެވެ.