ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ހުރި މީހަކު ގދ. ރަތަފަންދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 41 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އޭނާ ރަތަފަންދުއަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް މައުލޫމާތު ލިބުމުން އެ އަތޮޅުގައި ތިބޭ ތިނަދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ ރަތަފަންދޫ ބަނދަރުގައި ހުއްޓައި ކަމަށެވެ.

ފުލުހުންނަށް އޭނާ ފެނުމާއެކު އޭނާ ވަނީ އަތުގައި އޮތް ކޮތަޅު އެ މޫދަށް އެއްލާލާފަ އެވެ. ނަމަވެސް އެ ކޮތަޅު ބެލިއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު އޮތެވެ.

ރަތަފަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރިއިރު އެ އަތޮޅު ފިޔޯރިއަށް މަސްތުވާތަކެއްތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި 18 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް އަދި އެރަށު ކައުންސިލް މެމްބަރެއް ވެސް ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފަ އެވެ.