04 Jul 2012, 10:20
ހަސަދައިގެ ރާގުގެ ބަސްތައް ކަންފަތަށް އަރާއިރު އެކަމާއި އެއްގޮތަކަށްވެސް ފިކުރުކުރާނެކަމެއްނެތެވެ. ހަސަދައަކީ އާއެއްޗެއް ނޫނެވެ. އެއީ ދުނިޔެ ފެށުނީންސުރެން އިންސާނުންގެ ތެރޭގައި އޮތްކަމެކެވެ. ޅެންވެރިއަކު ބުނާފަދައިން؛
ކުއްތަންވާންވީ ދަރުމަ ހޯދުމަށް މަސައްކަތްކުރުމަށެވެ.
ފުރަގަސްދޭންވީ ތިމާއަށް ހަސަދައާއި ބަދުބަސްބުނާ މީހުންނަށެވެ.
އަހަރެމެންގެ ހަޔާތުގެ ދުވަސްތަކަކީ ހެޔޮ ކަންކަން ކުރަންވީ މޫސުމެވެ.
ހެޔޮކަންކަން ގަބޫލު ކުރައްވާނީ ދުނިޔެވީ ހަޔާތުގައެވެ. އެއަށްފަހު ވަނީ މަރެވެ.
މަރަކީ ހުރިހާ ހަސަދަވެސް ނިމޭ ހިސާބެވެ.
ހަސަދައަކީ ހަމަ ދިމާވާކޮންމެ ދެމީހެއްގެ ދެމެދު ހިނގާކަމެއް ނޫނެވެ. ހަސަދަވަނީ ކޮންބައެއްތޯ މިކުރުވާހަަކައިން ދޭހަވާނެއެވެ. އެއްދުވަހުހަކު ރަށްފުށުގައި އުޅޭ ކުއްތާއެއް ސަހަރަށް ޒިޔާރަތް ކުރުމަށް ގަސްދުކޮށްފިއެވެ. ސަހަރުގައި އުޅެފައި އެނބުރި ރަށަށް އައުމުން އޭނާގެ ރަހަމަތްތެރިން އައިސް އޭނަކައިރީ ހާލު އަހުވާލު އެހުމަށްފަހު ސަހަރުގެ ވާހަކައެހިއެވެ. ސަހަރަށް ދިޔަ ކުއްތާ ބުންޏެވެ. އަހަރެން އެންމެ ހައިރާންވީ ސަހަރުގައި އުޅޭ ކުއްތާތައް އަހަރެން ފެނިގެން ހަޅޭއްނުލަވާތީއެވެ.
މިކުރު ހިޔާލީ ވާހަކައިން ލިބިދޭ ފިލާވަޅަކީ ނުދަންނަ ދެކެފަރިތަނޫން މީހަކާއި މީހުން އަޅާނުލާކަމެވެ. އަޑުލާ ހަސަދަވަނީ އަހަރެމެން ދަންނަ ދެކެފަރިތަ ރައްޓެހިނާއި ތިމާގެ މީހުންނާއެވެ. އަހަރެމެން ނުދަންނަ މީހުންދެކެ އަހަރެމެން ހަސަދައެއް ނުވާނެއެވެ. ޝާހްރުކް ހާން ކިތަންމެ މައްޝޫރުވެ މުއްސަނދިވިޔަަސް އަހަރެމެން ކަންބޮޑުވެ ދެރެވެ ހަސަދައެއް ނުވާނެއެވެ. އެކަމަކު އަހަރެމެން ތެރޭން މީހަކު އަހަރެމެންނަށްވުރެ މޮޅުވެ ކުރިއަރައި ދާކަމަށްވަނީނަމަ އަހަރެމެން ހަސަދަލައެވެ. އަދި އޭނާ ބަލިކުރަން އެކި ފެންވަރުގައި މަސައްކަތްކުރެއެވެ.
އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ހަސަދައިގެ ކުރީގައި އުފެދޭ އުދާހަކީ އެހެންމީހެއްގެ ފަރާތުން ފެނުނުކަމެއް ނުވަތަ އެއްޗެއް ބޭނުންވެގެން ހިތަށް ކުރެވޭ ހިތްނުތަނަސްވުމެކެވެ. މިފަދަ ހާލަތުގައި އެކި މީހުން ކަންކުރާ ގޮތް ތަފާތު ވާނެއެވެ. ހަސަދަވާ ކަންކަމުގެ ތެރޭގައި މީހުންގެ ޝަހްސިއްޔަތު، ރީތިކަން، ފައިސާއާއި ބޭނުންކުރާ ގަހަނާ، އަންނައުނާއި، ނަސަބާއި، ރަހްމަތްތެރީންނާއި މާއްދީ އެހެން ކަންކަން ހިމެނެ އެވެ. ހަސަދަވަނީ ހަމައެކަނި ލޮލަށްފެންނަ ކަންކަމަށް އެކަންޏެއް ނޫނުވެ. ބުއްދިވެރިކަމާއި ތަގްވާވެރި ކަމަކީވެސް މީހުން ހަސަދަވާ ކަންކަމެވެ.
އާންމު ގޮތެއްގައި މަސައްކަތު މާހައުލުގައި މުއައްޒަފުންގެ މެދުގައި ހަސަދަ ވަނީ ތަނުގައި ބައެއްކަންކަން ރޭވި ހަމަޖެހިފައިވާ ގޮތުންނެވެ. އަދި ވެރިން ކަންކަން ކުރާ ގޮތުން މުއައްޒަފުން އެކަކު އަނެކަކަށް ހަސަދަ ވުމަށް މަގުފަހިވެ އެވެ. ތިރީގައި މިލިޔެލަނީ މަސައްކަތު މާޙައުލުގައި، މީހުން އެކަކު އަނެކަކަށް ހަސަދަވެރި ވުމަށް މަގުފަހި ވެދާނެ ބައެއް ކަންކަމެވެ.
ވަޒީފާގެ ކުރިއެރުން
މުއައްޒަފުންނަށް ކުރިއެރުން ދެވޭއިރު ފެންވަރަށާއި މަސައްކަތަށް ނުބަލާ ވައިޖަހައިގެން އުޅޭ މުއަޒަފުންނަށް ކުރިއެރުން ފޯރުކޮށްދިނުމުން މަސައްކަތު މާހައުލުގައި ހަސަދަވެރިކަން އުފެދޭނެއެވެ. އެއް ފެންވަރުގެ ދެމީހުންކުރެ އެކަކަށް ކުރިއެރުން ދޭނަމަ ކުރިއެރުން ނުލިބޭ މީހާއަށް ނުލިބެނީ ކީއްވެގެންކަން ހާމަކޮށްދީ އެނާއަށް ކުރިއެރުން ލިބުމަށް ބޭނުންވާ ހުނަރު ނުވަތަ އުޅެންޖޭހޭ ގޮތް ކިޔާދިނުމުން މަސައްކަތު މާހައުލު ހަސަދައިން މިންޖު ކުރެވޭނެއެވެ.
ކުރާމަސައްކަތް ފާހަގަކުރުން
މަސައްކަތެއް ނިންމީމައި ޝުކުރު އަދާކުރާއިރު އެކަމުގައި ޝާމިލުވާ އެންމެންގެ މަސަކަތް ފާހަގަކުރަން ވާނެއެވެ. ވަކި ބައެއް ހުނިޖަހާލާފައި ޝުކުރު އަދާކޮށްލުމުން މުއައްޒަފުންގެ މެދުގައި ހަސަދައިގެ އުދާސް އުފެދޭނެއެވެ. މުއައްޒަފުންނަށް ސެޓްފިކެޓްއެއް ނުވަތަ ސަރވިސް ޗާޖެއް ދޭނަމަ ވަކި ބަޔަކަށް އެކަން ޙައްގުވާ ސަބަބު އާންމުކުރަން ވާނެއެވެ. އަދި ނުލިބުނު މުއައްޒަފުންނަށް އެނުލިބުނީ ކީއްވެކަން އަންގައިދޭން ވާނެއެވެ.
ވަކިމުއައްޒަފެއް ގާތްކުރުން
ހިތްރުހޭ މުއައްޒަފެއް ހުރުމަކީ އިންސާނީ ތޮބިއްޔަތެކެވެ. އެހެންނަމަވެސް މަސައްކަތު މާހައުލެއްގައި އެކަކާއި ދިމާއަށް ހުރިހާ މަސައްކަތެއް ދިނުމަކީ އެހެން މުއައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުމަށް މަގު ތަނަވަސްވާނެކަމެކެވެ. ވީމާ ހުރިހާ މުއައްޒަފުނަނަށް ވެސް މަސައްކަތް ދިނުމުގައާއި ހިޔާލު ހޯދުމުގައި އެއްމިންގަނޑެއް ގެންގުޅުން ރަނގަޅުވާނެއެވެ.
ޓީމް އެއްބާރުލުން ނެތުން
ވަކި ސެކްޝަނެއް ނުވަތަ ޑިޕާރޓްމަންޓެއް އެހެން ސެކްޝަންތަކަށް ވުރެ މުހިންމުކަމާއި އަހްމިއްޔަތު އިތުރުވާކަން އެހެން ފަރާތްތަކަށް އިހްސާސް ކުރެވުމަކީ ހަސަދަވެރިކަން އިތުރުވާނެ ކަމެކެވެ. ބައެއް ސެކްޝަންތަކުން މަސައްކަތް ލަަސް ވިޔަސް އެކަން ކަމަކަށް ނުވެ ދެއެވެ. ވެރިންގެ މެދުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުމާއި އެއްބާރުލައި އެއް ލަނޑުދަނޑިއަކަށް މަސައްކަތް ނުކުރެވުމަކީ ހަސަދަ އިތުރުވާކަމެކެވެ. ވަޒީފާގެ މާހައުލުގައި ތިމާ ކުރިއަރާ ދާއިރު ހަތުރުންނާއި މިތުރުން ތިބޭނެއެވެ. ހަތުރުންނާއި އަބަދު ކުރިމަތިލާން ޖެހޭނެ އެވެެ. އެމީހުން ތިމާއަށް ނަފްރަތު ކުރާނެ އެވެ. ތިމާ ހާސިލު ކުރާ ކާމިޔާބު ތަކަށް ނަފްރަތުކޮށް ސައިޒް ކުޑަކުރަން މަސައްކަތް ކުރާނެއެވެ. އަދި ބައްދަަން ވެގެން އެކިކަހަލަ ދަންތުރަޖަހަމުން ގެންދާނެއެވެ. ހަސަދަލައިގެން އުޅޭ މީހުން އަމަލުތައް ހުންނަގޮތުން ފާޅުކަން ބޮޑުކޮށް އެނގޭނެއެވެ. އަނެއްބައި ހަސަދަވެރިން ތިބޭނީ ފުރުސަތަކަށް ބަލަބަލައެވެ. ފުރުސަތު ލިބޭވަގުތު އަޅާވިހެލާނެއެވެ. މިއީ އެންމެ ނުރައްކާ ވައްތަރުގެ މީހުންނެވެ. މިފަދަ މީހުންނަށް ފުރުސަތު ނުދީ ވޭތޯ ބަލަންވާނެއެވެ. އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން ހަސަދަލައިގެން އުޅޭ މީހުންނާއި ކުރިމަތި ލެވޭނެ އޮތީ ދެ ގޮތެކެވެ. އެއީ އެމީހުންގެ ހަސަދަވެރިކަން ހުއްޓުވާލުމެވެ. އަނެއްގޮތަކީ އެމީހުންނާއި ކެރިގެން ކުރިމަތިލުމެވެ.
ހަސަދަވެރިކަން ހުއްޓުވާލަން ކުރެވިދާނެ ކަންކަން:
ތިމާގެ ތަބިއްޔަތުގައި އެހެންމީހުން ނުރުހޭނެ ސިފަތަކެއް އެބަހުރިތޯ ބަލައިލާށެވެ. ތިމާގެ އަމަލުތަކުގެ ސަބަބުން އެހެންމީހުންގެ ހަސަދައިގެ އަލިފާން ހިލޭފަދަ ކަމެއް ކުރެވޭތޯ ބަލައިލާށެވެ. ތިމާގެ ބަހާއި އަމަލުން އެހެންމީހުން ކުޑައިމީސްކުރެވި އިހްތިރާމްކުޑަ ކުރެވޭތޯ ބަލައިލާށެވެ. އެހެންމީހުންގެ ކުރިއެރުމަށް ހުރަހެއް އެޅިފައި ވޭތޯ ބަލާށެވެ. މިއިން ކަމެއް ހުރިނަމަ އަވަހަށް ތިމާގެ އަމަލުބަދަލު ކުރެވޭތޯ މަސައްކަތްކުރާށެވެ. ތިމާ އެންމެ އަހައްމިއްޔަތުކަން ދޭ ކަމަކީ މުއައްޒަފުންނާއި ޓީމްކަމުގައި ހަދައި އެމަގަށް މަސައްކަތްކުރާށެވެ. މީގެ ސަބަބުން މުއައްޒަފުންގެ އިހްތިރާމް ލިބެން ފައްޓާނެއެވެ. އަދި ހަސަދަވާ ފަރާތް އެކަހެރިކުރާށެވެ. އެކަހެރިވުމުން ހަސަދަވެރިކަން މަޑުމަޑުން ތިރިވެ ގުރޫޕްއާއި ގުޅެން ބޭނުންވާނެއެވެ. މުއައްޒަފެއްގެ ފަރާތުން ހަސަދައިގެ ކޮޅުމަތި ފެންނަން ފަށާއިރަށް ތިމާގެ ފަރާތުން އެފަދަ ކަމެއް ނެތްކަން އަންގައިދޭންވާނެއެވެ. އެފަދަ މުއައްޒަފަކަށް ކުރިއެރުމެއް ނުވަތަ މަރުހަބާ ކިޔަން ޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ ތިމާއަކީ އެންމެ ކުރީގައި އެފަރާތަށް މަރުހަބާ ކިޔާ މީހެއް ކަމުގައި ވާންވާނެ އެވެ.
ކެރިގެން ކުރިމަތިލުން
މިއީ ބޮޑު ޒުވާބަކަށް ދިއުމެއްނޫނެވެ. ޒުވާބު ކެންޕޭނެއް ފައްޓައިފިނަމަ އެއީ ހަސަދަވާ ފަރާތަށް ލިބޭ ކާމިޔާބެކެވެ. އެފަރާތުން ބޭނުުންވާ ހުރިހައި ވާހަކައެއް ގޮވައި މަސައްކަތު މާހައުލުގައި ނެތިނުބައި ކިޔުމުގެ އެއްވުންތަކެއް ހިންގަން ފައްޓަން ލިބޭ ފުރުޞަތެކެވެ. އެހެންކަމުން މިކަހަލަ ހަރަކާތަކަށް ނުގޮސް އެހެން މުއައްޒަފުންނަށް އިހްތިރާމްކޮށް ނެތިނުބައި ކިޔުމާ އެކަހެރި ވާންވާނެއެވެ. ތިމާއަށް ދިމާވެގެން އުޅޭ މައްސަލަ ވެރިންނާއި ހިއްސާކުރަންވާނެއެވެ. އަދި އެމީހުންގެ ރުހުން ހޯދައިގަންނަން ވާނެއެވެ. ހަސަދަ ވެރީންނަށް އަބަދުވެސް އެމީހުންގެ އަމަލުތައް އަނބުރައި ގެންދެވޭ ގޮތަށް ފުރުޞަތު އޮންނަންވާނީ ހުޅުވާލެވިފައެވެ. އެމީހަކު ވާހަކަ ދައްކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް މަރުހަބާ ކިޔަންވާނެއެވެ. ރާއްޖެއަށް ވަޑައިގެންނެވި ދީނީ އިލްމުވެރިއެއް ކަމުގައިވާ ޒިމްބާބްވޭގެ މުފްތީ މެންކުގެ ފޭސްބުކްގެ ސްޓޭޓަސްގައި މިއަހަރުގެ މާޗް މަހުގައި ލިޔުއްވާފައި އޮތް އިބްރަތްްތެރި ބަސްކޮޅެއް ނަކަލުކޮށްލާނަމެވެ. "މީހެއްގެ ހަސަދަވެރިކަން އޮންނާނީ އެމީހަކަށް ވުރެ ކޮންމެވެސް ގޮތަކުން މަތިވެރިކަމެއް ނުވަތަ ފުދުންތެރިކަމެއް ނުވަތަ ހުނަރުވެރިކަމެއް އެހެންމީހެއްގެ ކިބައިގައި ހުރިމީހަކަށެވެ. ވީމާ މިފަދަ ނިއުމަތެއް ލިބިފައިވާ މީހަކު އެކަމަށް ޝުކުރުވެރިވާށެވެ. ހަގީގަތުގައި އަހަރެމެން ކަންބޮޑުވާންވީ މީހަކު ހަސަދަވެރިވާނެ ސިފައެއް ނެތްނަމައެވެ. މިފަދަ ސިފައެއް ނެތްނަމަ ނަފްސު އިތުރަށް ކުރިއަރުވާނެ ފުރުސަތު އެބައޮތެވެ. މީހުން ބުނެއެޅެއެވެ. ގާއުކާނީ މޭވާ އަޅާ ގަސްގަހަށެވެ."