އަޅުގަނޑުގެ ރައްޓެހި ފަރަންސޭސިއަކު އަޅުގަނޑަށް ކިޔައިދިން ވާހަކައެކެވެ. ފްރެންޗް އެކަޑެމީގެ ފަރާތުން، ފަރަންސޭސި ޅެންވެރިކަމުގެ ފޮތެއް ޝާއިއު ކުރުމަށް ޓަކައި އެ ފޮތުގެ މަސައްކަތް ފުރިހަމަކޮށް، ފޮތް ޗާޕަށް ފޮނުވައި، ވިހިހާސް ކޮޕީ ޗާޕު ކުރެވުނު ފަހުން، ލިޔުމުގެ ހަމަ އެންމެ ކުށެއް ފޮތުގައި އޮތްކަން ފާހަގަ ކުރެވުނެވެ. އާދައިގެ ލިޔުމުގެ ކުށެކެވެ. ކިޔާ ކޮންމެ މީހަކަށް ވެސް އެއީ ލިޔުމުގެ ކުށެއް ކަން ނުހަނު ފަސޭހައިން ފަހުމު ކޮށްގަނެވޭ ފަދަ އާދައިގެ ކުށެކެވެ. އެހެން ނަމަވެސް، އެ ކުށާ އެކު ފޮތް ޝާއިއު ކުރާކަށް، ފްރެންޗް އެކަޑެމީގެ އިސް ބޭފުޅުން ބޭނުންފުޅެއް ނުވިއެވެ. އެހެންކަމުން ޗާޕު ކުރެވިފައި ހުރި ވިހިހާސް ކޮޕީ ނެއްތައިލެވުނީއެވެ. އެތައް ހާސް ފްރޭންކެއްގެ ބޮޑު ގެއްލުމާ އެކު ވެސް، އެކަޑެމީން ބޭނުންވީ ފޮތް ފުރިހަމަ ކޮށްގެން ނެރޭށެވެ.

މިއީ ފެންނަ ފެނުމުގައި ވަރަށް ކުޑަކުޑަ ކަމެކެވެ. ނަމަވެސް ހަގީގަތުގައި މިއީ ވަރަށް ބޮޑު ކަމެކެވެ. ޢިލްމީ މައިދާނުގައި ތިމާމެން ކުރާ މަސައްކަތްތަކުގައި، މި ދެންނެވި ދަރަޖައަށް ކަމަށްކަމޭހިތައިގެން ނޫން ގޮތަކަށް މުޖުތަމައެއް ޢިލްމީ ގޮތުން ތަރައްގީ ވެގެނެއް ނުދާނެއެވެ. ޢިލްމަށާއި ފޮތްތެރިކަމަށާއި، ލިޔުންތެރިކަމަށް މި ދެންނެވި މިންވަރަށް އިހުތިރާމު ކޮށްގެން ނޫނިއްޔާ، އެއްވެސް ގައުމެއް ޢިލްމީ ގޮތުން ދުނިޔޭގައި ފަތިފިރުކާލެވޭ ފަދަ ގައުމަކަށް ވެފައެއް ނެތެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ނެރެވޭ ފޮތެއް، ނޫހެއް ނުވަތަ މަޖައްލާއެއް ފަދަ އެއްޗެއް ހުޅުވާލައިގެން ކޮންމެ ލިޔުމެއް ބަލައިލިޔަސް، އަދި އޮންލައިންކޮށް ނެރެވޭ ނޫހާއި މަޖައްލާ ފަދަ ތަކެތީގައި ހުންނަ ލިޔުންތަކަށް ބަލައިލިޔަސް، އެ ލިޔުންތަކުން އެންމެ އަޅައިގަންނަ އެއް ސިފަޔަކަށް ވަނީ ކިޔާ މީހުންގެ ބޮލުގައި ރިހުން އުފައްދާ ފަދަ މިންވަރަކަށް ހުންނަ ލިޔުމުގެ ކުށްތަކެވެ.

ޢިލްމީ މައިދާނުގައި ފަރުވާ ކުޑަކުރުމަކީ ވަރަށް ބޮޑު ކުށެކެވެ. ނަމަވެސް އެއަށްވުރެ ވެސް ބޮޑު ކުށަކީ އިލްމީ އުސޫލުތަކަށާއި ހަމަތަކާ ޚިލާފަށް ލިޔެވިފައި ހުންނަ ލިޔުންތަކަކީ ޢިލްމީ ދިރާސާތައް ކަމުގައި ބުނެ ޝާއިއު ކޮށް އާއްމު ކުރުމެވެ.

ރާއްޖެއާ ޚިލާފަށް، ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ، ނުވަތަ އެތައް ހާސް ޢިލްމީ ފޮތްތަކެއް ޝާއިއު ކުރެވެއެވެ. މިފަދަ ފޮތްތަކުގެ ތެރެއިން އެ ގައުމެއްގެ ޔުނިވަރުސިޓީތަކާއި ބަހުގެ އެކަޑެމީ ފަދަ މުއައްސަސާތަކާއި ދިރާސާ ކުރާ މުއައްސަސާތަކުން ޝާއިއު ކޮށްދިނުމުގެ ޝަރަފު ލިބެނީ ޢިލްމީ ގޮތުން ޚާއްސަ މަގާމެއް ލިބިގެންދާ ފޮތްތަކަށެވެ. ޢިލްމީ މައިދާނުގައި ގަބޫލު ކުރެވޭ ހަމަތަކާއި އުސޫލުތަކާއި މަންހަޖަށް ފުރިހަމަޔަށް ތަބާވެގެން ލިޔެފައި ހުންނަ ފޮތްތަކަށެވެ. ފޮތެއްގެ މައުޒޫއަކީ ޢިލްމީ މައުޒޫއަކަށް ވިޔަސް، އެ ފޮތެއްގައި ޢިލްމީ އުސޫލުތަކާ ޚިލާފު ވާހަކަތައް ލިޔެ، ޢިލްމީ ގޮތުން ތަސައްރަފު ނުފުދޭ ދައުވާތައް ކޮށްފައި ހުންނަ ނަމަ، އެފޮތެއް ޔުނިވަރުސިޓީތަކާއި ބަހުގެ އެކަޑެމީ ފަދަ މުއައްސަސާތަކުން ޝާއިއު ކޮށެއް ނުދޭނެއެވެ. އަދި ކީއްތޯއެވެ. ޒިންމާދާރު އެއްވެސް ޕަބްލިޝަރަކު އެފަދަ ފޮތްތަކާއި ލިޔުންތައް ޝާއިއު ކޮށެއް ނުހަދައެވެ. ޚާއްސަކޮށް، ޢިލްމީ ގޮތުން ތަސައްރަފު ފުދިފައިވާ، ޢިލްމަށް ކަމޭ ހިތާ މުޖުތަމައުތަކުގައި މިކަން އޮންނަނީ މިހެންނެވެ.

މިހައި ހިސާބުން އެހެން ވާހަކައެއް ދައްކަން ޖެހެއެވެ. ޢިލްމީ ގޮތުން ޒިންމާދާރު ވުމާ ގުޅޭ އެހެން ވާހަކައެކެވެ.
ދަރުމަވަންތަ ރަސްގެފާނަކީ އަޅުގަނޑުމެންގެ ރާއްޖެ އިސްލާމް ދީނަށް އެނބުރުނު އިރު ދިވެހި ސިންގާސަނާގައި އިންނެވި ރަދުން ކަމަށް ދިވެހި ތާރީޚު ބުނެއެވެ. އަދި ރާއްޖެ އިސްލާމް ވުމުގެ ކުރީން، ކަނޑުން އަރާ ރަންނަމާރިއަކަށް ކޮންމެ މަހަކު ވެސް ބިކުރުވެރި ޒުވާން އަންހެން ކުއްޖަކު "ގުރުބާން" ކުރުމަކީ ރާއްޖޭގައި އޮތް އާދައެއް ކަމަށް ފުލޯކު ވާހަކައެއްގައި ކިޔެއެވެ. ނަމަވެސް އެ ރަންނަމާރިއަކީ ކާކުކަން އަންގައިދޭ އެއްވެސް ޢިލްމީ ހެތްކެއް އަޅުގަނޑުމެންނާ ހަމަޔަށް ވާސިލުވެފައެއް ނެތެވެ. ކިތާބީ ހެތްކެއް، ނުވަތަ މުތަވާތުރު ޝަހާދާއެއް، ނުވަތަ އާރކިއޮލޮޖިކަލް ހެތްކެއް ނެތް ތާނގައި، އެފަދަ ދައުވާއަކަށް ބާރުދޭ ނުވަތަ އިޝާރާތް ކުރާ "ފޯލްކް އެވިޑެންސް" އެއް ވެސް ފެންނާކަށެއް ނެތެވެ.
އެހެންކަމުން، އެއްވެސް ހެތްކަކަށް ބުރަވުމެއް ނެތި، ވައިގެ ތެރޭގައި ބިނާކުރެވޭ ރައުޔެއްގެ ގޮތުގައި، "ދަރުމަވަންތަ ރަސްގެފާނަކީ ރަންނަމާރިއޭ، އެ ހުރިހާ ބިކުރުވެރި އަންހެން ކުދީންގެ އިއްފަތްތެރިކަމާއި އިސްމަތްތެރިކަން ފޭރިގަންނަވައި، އެކުދީންގެ ފުރާނަތައް ދިރުވަމުން ގެންދިޔަ ނުބައި ފުރޭތައަކީ ދަރުމަވަންތަ ރަސްގެފާނޭ" މިހެން ބުނެ ކުރެވޭ ދައުވާ އަކީ އެއްވެސް ހާލެއްގައި ޢިލްމީ ދައުވާއަކަށް ނުވާނެއެވެ. އަދި ކީއްތޯއެވެ! އެއީ ދޮގު ހެދުމެވެ. އެފަދަ ދައުވާއެއް ކުރާ ފޮތްތައް ޝާއިއު ކުރުމަކީ ދޮގު ޝާއިއުކޮށް ފެތުރުމެވެ. އެއީ ޢިލްމީ ދިރާސާގެ ތެރެއިން ނެރެވޭ ރައުޔެއް ޝާއިއު ކުރުމެއް ނޫނެވެ. އެހެނީ ކަމެއް ހިނގާފައި ވޭތޯ ނުވަތަ ނޫންތޯ މިއީ ރައުޔާ ގުޅޭ ސުވާލެއް ނޫނެވެ. މިއީ "ފެކްޓް" ނުވަތަ ޙަޤީޤަތަކާ ގުޅޭ ސުވާލެކެވެ. މިކަމުގައި ވަކި ގޮތެއް ހާމަކުރާން ޖެހޭނީ، ހާމަ ކުރެވޭނީ ފެންނާން ހުރި ހެކިތަކުގެ އަލީގައެވެ. ތިމާގެ އަމިއްލަ ރައުޔުގެ ބަހެއްގެ ގޮތުގައެއް ނޫނެވެ.

ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރީން، ވަކި ދުވަސްތަކެއްގައި ބިކުރުވެރި ޒުވާން އަންހެން ކުއްޖަކު "ރަންނަމާރި" އަށް ގުރުބާން ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އޮތް ކަމަށް ބުނަނީ ދިވެހީން ކިޔައިއުޅުނު ފުލޯކު ވާހަކައެއްގައެވެ. އެ ވާހަކައިގައި އެ "ރަންނަމާރި" އަކީ ރަސްގެފާނޭ، ނުވަތަ ބޮޑުވަޒީރޭ، ނުވަތަ ބޮޑުކަތީބޭ، ނުވަތަ ބޮޑު ހާމުދުރޭ ބުނެފައެއް ނެތެވެ. ކުރީންވެސް ދެންނެވި ފަދައިން، އެ "ރަންނަމާރި" އެއްގެ ހަގީގަތް ބަޔާން ކޮށްދޭ، ނުވަތަ އެ ރަންނަމާރިއެއްގެ ހަގީގަތާ ދިމާޔަށް އިޝާރާތް ކުރާ އެއްވެސް ތާރީޚީ ހެތްކެއް އަޅުގަނޑުމެންނާ ހަމަޔަށް ވާސިލު ވެފައެއް ނެތެވެ.
މިހެން ކަން އޮތުމުން، ރަންނަމާރީގެ ހަގީގަތާ މެދު ކުރެވޭ ބަހުސެއްގައި، އަޅުގަނޑުމެންނަށް ކިރިޔާ ވެސް އަލިކަމެއް ފޯރުކޮށްދޭނީ އެއިރު ދިވެހީންގެ ތެރޭގައި އޮތް ދީނީ ސަގާފަތް ފަދަ ސަގާފަތެއް، އެތަންތަނުގައި އޮތް ދުނިޔޭގެ އެހެން މުޖުތަމައުތަކުންނެވެ. އެފަދަ ތަންތަނުގައި މިފަދަ ހާދިސާތަކެއް ހިނގާފައި ވޭތޯ ބަލައި، އެ ތަންތާނގައި އެރި "ރަންނަމާރި"ތަކަކީ ކޮން ބައެއްތޯ ބަލަން ޖެހެއެވެ. މިފަދަ ދިރާސާއަކުން، ރާއްޖޭގައި އުޅުނު ރަންނަމާރީގެ ހަގީގަތާ މެދު ހިސާބެއްގެ އަލިކަމެއް ލިބިދާނެއެވެ. ނަމަވެސް އެފަދަ ދިރާސާއަކުން ވެސް، މަންޠިޤީ ގޮތުން މުޅީން ސާބިތު ކުރެވޭ ދަރަޖައަކަށް ނަތީޖާއެއް ނުނެރެވޭނެއެވެ.

އަޅުގަނޑުމެންގެ ރާއްޖެ އިސްލާމް ވުމުގެ ކުރީން ރާއްޖޭގައި އޮތް ފަދަ ދީނީ ސަގާފަތްތަކެއް އިންޑިއާ ފަދަ ގައުމުތަކުގައި އެއް ޒަމާނެއްގައި އޮތެވެ. އެތަންތަނުގެ ތާރީޚުން ވެސް ރަންނަމާރި ވާހަކައިގައި ކިޔައިދެވިފައިވާ ހާދިސާތަކާ ދާދި އެއްގޮތް ހާދިސާތައް އަޅުގަނޑުމެންނަށް ފެނެއެވެ. މިފަދަ ހާދިސާތަކަށް ނަޒަރު ހިންގައިލުމުން އަޅުގަނޑުމެންނަށް ފެންނަނީ، މި ދަންނަވާ މުޖުތަމައުތަކުގައި "ރަންނަމާރީ" ގެ ދައުރު އަދާކޮށް، މަހުން މަހުން، ނުވަތަ އަހަރުން އަހަރުން ބިކުރުވެރި ޒުވާން އަންހެން ކުދީން ފައްޅިއަށް ގެންގޮސް ސިއްރިޔާތުގައި އެކުދީންގެ ޢިއްފަތްތެރިކަން ލޫޓުވައި، ކަލާނގެއަށް ޤުރުބާން ކުރުމުގެ ނަމުގައި އެކުދީން މަރަމުން ގެންދިޔައީ ބާޠިލް ދީންތަކުގެ ޕުރޯހިތުންނާއި ހާމުދުރުން ކަމެވެ.

ރާއްޖެއަށް އެރި "ރަންނަމާރި" އަށް ޤުރްބާން ކުރަން ގެންދެވުނު ކުދީން ވެސް ގެންދެވުނީ މާލޭގައި އެއިރު ހުރި ބުދުކޯލަށެވެ. މިއީވެސް އެ ކުދީން ޤުރުބާން ކުރެވުނު ރަންނަމާރިއަކީ ދީނީ ބޮޑުން ކަމަށް އިޝާރާތް ކުރާ ނުކުތާއެކެވެ.
ކޮންމެއަކަސް، މި މައުޒޫއުގައި އަޅުގަނޑުމެން އިތުރަށް ވާހަކަ ދައްކަން ވީއެވެ. ބަހުސް ކުރަން ވީއެވެ. ދިރާސާ ކުރަން ވީއެވެ. ނަމަވެސް ޢިލްމީ ދިރާސާތަކާއި، ބިންގަލެއް ނެތް ވާހަކަތައް ތަފާތު ކުރުމަށް ފަރުވާތެރިވާން ޖެހެއެވެ. އަދި ޢިލްމީ މުއައްސަސާތަކުން ޝާއިއު ކުރާ ފޮތްތަކަކީ ބިންގަލެއް ނެތް ވާހަކަތަކުގެ ބަދަލުގައި، ޢިލްމީ ގޮތުން ތަސައްރަފު ފުދޭ ވާހަކަތައް ހުންނަ ފޮތްތަކަށް ހަދާން ޖެހެއެވެ. ޢިލްމީ ގޮތުން ޒިންމާދާރު ނުވެވުމަކީ މުޖުތަމަޢުތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ.

ދެން އެހެން ވާހަކައެކެވެ.
ޢިލްމީ މައުޟޫޢެއްގައި، ޢިލްމީ ރިފަރެންސްތަކުގެ އަލީގައި ލިޔުންތެރިއަކު ލިޔުމެއް ލިޔުމުން، އެއަށް ރައްދު ދިނުމުގެ ގޮތުން ދައްކާ ވާހަކަ ވާން ޖެހޭނީ "އެޑް ހޯމިނެމް" ޙަމަލާއަކަށެއް ނޫނެވެ. އެ ލިޔުންތެރިއާ އަކީ އެވަނި ދާއިރާއަކުން ކިޔަވައިގެން ހުރި މީހެއް ނޫނޭ، މިވަނި ދާއިރާއަކުން ކިޔަވައިގެން ހުރި މީހެއް ނޫނޭ އެ ދާއިރާތަކުގައި ކިޔަވައިގެން ހުރި މީހަކީ ތިމަންނާއޭ ބުނެ، ތިމާގެ ނަމުގެ ކުރިޔަށް "ޑރ" މި ލަފުޒު އޮތް ކަން ދައްކައިގެން ޒާތީ ގޮތުން ދިމާކުރުމުގެ ވާހަކަތައް ލިޔުމަކީ ރައްދު ދިނުމެއް ނޫނެވެ. އެއީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. މަންޠިޤީ ޢިލްމު އަޅުގަނޑުމެންނަށް ބުނެދޭ ގޮތުގައި، މީހަކު ޢިލްމީ ރައުޔެއް ހާމަ ކުރުމުން، އެ ރައުޔަކަށް ރައްދު ދިނުން ކަމުގައި ބެލެވޭނީ އެ ރައުޔެއް ޢިލްމީ ހަމަތަކުގެ މަތީން ތަހުގީގުކޮށް، ޢިލްމީ ތަރާދަކުން އެ ރައުޔެއް ކިރުމުންނެވެ. އޭގެ ބަދަލުގައި، އެ ރައުޔެއް ހާމަކުރި ލިޔުންތެރިޔާގެ ޝަޚްޞިއްޔަތާއި ޒާތާ ދިމާ ކުރުމަކީ "އެޑް ހޯމިނެމް" ޙަމަލާއެކެވެ. މިފަދަ ޙަމަލާއެއް އެކަކު އަނެކަކަށް ދިނުމުން، އެ ފެންނަނީ އެ ޙަމަލަ ދޭ މީހާގެ ހުރި އުނިކަމެވެ. މި ވާހަކަ ދައްކަން ޖެހެނީ މިއީ ވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދާ ކަމަކަށް ވާތީއެވެ. ނަމުގެ ކުރިޔަށް "ޑރ" މި ލަޤަބު އޮންނަ ބައެއް ބޭފުޅުން ވެސް އެކަން ކުރައްވާ މަންޒަރު ފެންނާތީއެވެ. ދީނީ ޢިލްމީ މަޖައްލާތަކުގެ ގޮތުގައި ތަޢާރަފު ވެފައިވާ މަޖައްލާ ތަކުގައި ވެސް މި ދެންނެވި ފަދަ ތާކުންތާކު ނުޖެހޭ ވާހަކަތައް ޝާއިއު ކުރެވޭތީއެވެ.

ކޮންމެއަކަސް، ޢިލްމީ ގޮތުން ޒިންމާދާރު ވުމަށް ޓަކައި އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ. ވަރަށް ގިނަ ކަންތައްތަކެއް ދޫކޮށްލަން ޖެހެއެވެ. އެހެން ނޫނިއްޔާ ދިވެހި މުޖުތަމަޢު ދުވަހަކުވެސް ޢިލްމީ ގޮތުން ފުރާފުރިހަމައެއް ނުވާނެއެވެ. ތަސައްރަފެއް ނުފުދޭނެއެވެ.