11:55


ކްރެޑިޓްގެ ކާޑްގެ ވަގު ވިޔަފާރިކޮށްގެން 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ހަތް ފިލިޕިނޯ ޑީޕޯޓްކޮށް އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.


ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލިޔާސް ހުސައިން މިއަދު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އެ ހަތް މީހުންނަށް މައާފު ދެއްވުމުން އެ މީހުންނަށް ކޯޓުން ކުރި 25 އަހަރުގެ ހުކުމްގެ ބާކީ އޮތް މުއްދަތަށް ޑީޕޯޓްކޮށްފައިވާ ކަމަށެވެ.


"ރައީސް އެ މީހުންނަށް މައާފު ދެއްވައި އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ޑީޕޯޓް ކުރުމަށް އެންގެވީ. މިދިޔަ ހަފުތާގެ ތެރޭގައި އެ މީހުން ފޮނުވާލައިފިން." އިލްޔާސް ވިދާޅުވި އެވެ.


އެ މީހުން އެނބުރި ރަށަށް ދިޔަ ކަމަށް ފިލިޕީންސްގެ ނޫހެއްގައި ވެސް އިއްޔެ ވަނީ ބުނެފަ އެވެ. ފިލިޕީންސްގެ މެނީލާ ބްލެޓިންގައި ފިލިޕީންސް ސަރުކާރާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ހަތް ފިލިޕިނޯ އެނބުރި ގައުމަށް ގެނެސް، މިދިޔަ ހަފުތާގައި ވަނީ އެ މީހުންގެ އާއިލާއާ ވެސް ހަވާލުކޮށްފަ އެވެ.  


ތިން މީހެއްގެ ކްރެޑިޓް ކާޑް ވަގަށް ނަގައިގެން ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ވަގު ވިޔަފާރި ކުރި، ފިލިޕީންސްގެ ހަތް ވޭޓަރަކަށް މައާފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ނިންމެވީ، މިދިޔަ ޖޫން މަހު އެވެ.


ފިލިޕީންސްގެ ނޫހުން ބުނި ގޮތުގައި އެ ހަތް މީހުންގެ ތެރެއިން ކްރެޑިޓް ކާޑްތައް ވަގަށް ނެގީ ތިން މީހެކެވެ. އަނެއް ހަތަރު މީހުން އެ ކާޑްތައް ބޭނުންކޮށްގެން ވަގު ވިޔަފާރި ކުރީ އެވެ. އެ މީހުން ކްރެޑިޓް ކާޑްގެ ވަގު ވިޔަފާރިކޮށްގެން އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.