07 Mar 2010, 10:16
10:00
ކައުންސިލް އިންތިޚާބްތައް ޑީއާރުޕީން ކާމިޔާބުކޮށްފިނަމަ ސިޔާސީ އަދި އިގްތިސާދީ ތަޑުމަޑުކަމެއް ރާއްޖެ ތަހައްމަލް ކުރަންޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ވިލޭ ރޭ ގއ. ކޮލަމާފުށީގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ފާއިތުވެގެންދިޔަ 30 އަހަރުގެ ވެރިކަމުގެ ނުތަނަވަސްކަމާއި އަދުލު އިންސާފުން އެއްކިބާވެ ތިބެ ކޮށްފައިވާ ކަންތައްތަކަށް ފާޑުކިޔަންޖެހޭ ކަމަށެވެ. އަދި ކޮންމެ ސިފައެއްގައި ނަމަވެސް ބަޔަކު ރަނގަޅު ކަމެއް ކޮށްފައިވާނަމަ އެކަމުގެ ވާހަކަ ވެސް ދައްކަންޖެހޭނެ ކަމަށް އަލްހާން ވިދާޅުވި ކަމަށް އެމްޑީޕީން ބުނެ އެވެ.
ޑީއަރުޕީގެ ލީޑަޝިޕުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިނުވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަމުންދަނީ ގާނޫނީ ގޮތުން އުފެދިފައިވާ އެމްޑީޕީ ސަރުކާރު ވައްޓާލަން ކަމަށް އަލްހާން ވިދާޅުވި އެވެ. އަދި އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ފަޚްރުވެރިވާ ކަމެއް ކަމަށާއި އަޅުގަނޑުމެން މިދެކޭ ވެރިކަމާ މިއަދު ރާއްޖޭގައި ގާއިމްވެފައި މިއޮތް ދުސްތުރީ ނިޒާމް ގެނައުމުގެ އެންމެ ބޮޑު ހިއްސާއެއް، އެންމެ މުހިއްމު ދައުރެއް އަދާކުރީ އެމްޑީޕީއާ އެޕާޓީގެ ފަރާތުން މިރާއްޖޭގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު ކަމަށް އަލްހާން ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިކަމާ ގުޅިގެން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު، އަދި ކުރިން އެމްޑީޕީގައި ހުންނަވައިފައި ޑީއާރްޕީއާ ގުޅިވަޑައިގެންފައިވާ އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އަލްހާނަކީ އިގްތިސާދީ ގޮތުން އަލިފުބާ ވެސް އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި އަދި އަލްހާންގެ އެފަދަ ވާހަކަތަކަށް ޖާވާބުދާރީވާން ބޭނުންނުވާ ކަމަށެވެ.