04 Jul 2012, 09:51
މީހެއްގެ ސައިކަލު މަޑިދަށުގައި ރައްކާކޮށްފައިހުރި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ދެބެންނާއި އިތުރު މީހެއްގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
ބުރުޒުމަގު ޗަންޕާހެވަން ކުރިމަތީ ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ފައިސާގެ ބޮޑު ވައްކަން ކޮށްގެން ހައްޔަރު ކުރުމަށްފަހު ފުލުހުން ދައުވާކުރަން ފޮނުވާފައިވަނީ މ. ގުލްސަންޕާގޭ އަޙްމަދު ޢަރީޝް، 26 އާއި ގދ. ރަތަފަންދޫ، އައްސޭރިވިލާ، ޢާފިރު މުޙައްމަދު 22، އާއި ހަމަ އެރަށު އައްސޭރިވިލާ ވާފިރު މުޙައްމަދު 25، އެވެ.
މި ތިން މީހުންގެ މައްސަލަ ޕީޖީ އަށް ފޮނުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ޗަންޕާހެވަން ކުރިމަތީ ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިގެން އެ ތިން މީހުން ފުލުހުން ހައްޔަރު ކުރީ މޭ މަހުގެ ތެރޭގަ އެވެ. މި ވައްކަމުގައި ހިމެނޭ ތިން މީހުންގެ ތެރެއިން އަމަލީ ގޮތުން ބައިވެރިވި ދެމީހަކު ހައްޔަރުކޮށްފައިވަނީ ދުވަހު ކުއްޔަށް ކޮޓަރިދޭ ހެންވޭރުގެ ގެއެއްގެ ތެރެއިން ނެވެ. އަދި އެމީހުން އެވަގުތު ތިބި ކޮޓަރި ތެރެއިން ގިނަ އަނދަދެއްގެ ފައިސާ ފެނިފައިވާއިރު، އެމީހުން ނެގި ފައިސާ އަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކުޑަކުދިންގެ ހެދުން ފަދަ ތަކެތި އާއިލާ މީހުންނަށް ގަނެދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ އެއްޗިހި އެމީހުން ގަނެފައި ވަނީ ވަގަށް ނެގި ފައިސާއަށްކަން އާއިލާއަށް އެނގޭ ކަމަށް ވެސް ފުލުހުންބު ވަނީ ބުނެފަ އެވެ.