ލަންޑަން (ޖުލައި 4): އިނގިރޭސިވިލާތުގެ އެހެން ކޮމިއުނިޓީތަކުގެ މީހުންނަށް ވުރެ އެ ޤައުމުގެ މުސްލިމުން އިނގިރޭސިވިލާތ ްދެކެ ލޯބިވެ އެ ޤައުމުގެ މުއައްސަސާތަކަށާއި ނިޒާމްތަކަށް އިޙްތިރާމްކޮށް އިތުބާރުކުރާކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެއްޖެވެ އެވެ.

އިނގިރޭސިވިލާތުގެ އިންސްޓިޓިއުޓް ފޯ އިކޮނޮމިކް އެންޑް ސޯޝަލް ރީސާޗް އާއި އިންސްޓިޓިއުޓް އޮފް އެޑިޔްކޭޝަން ގުޅިގެން ކުރި ސަވޭއެއްގެ ނަތީޖާ ދައްކާގޮތުން އިނގިރޭސިވިލާތުގެ އަސްލު ރައްޔިތުން ކަމުގައިވާ ދޮން މީހުންނަށް ވުރެ ވެސް އިނގިރޭސިއުންމަތަށް ވަފާތެރިވެ އިނގިރޭސި ދައުލަތުގެ މުއައްސަސާތަކަށާއި ނިޒާމްތަކަށް އިތުބާރުކުރަނީ އެކިދަރިކޮޅުތަކަށް ނިސްބަތްވާ އެ ޤައުމުގެ މުސްލިމުންނެވެ.

ލަންކެސްޓާ ޔުނިވަސިޓީގެ ފަރާތުން 2009ގައި ޝާއިޢުކުރި މިފަދަ އެހެން ސަރވޭއަކުން ވެސް، އިނގިރޭސިމުސްލިމުންނަކީ އެ ޤައުމުގައި ދިރިއުޅޭ އެހެން ކޮމިއުނިޓީތަކާއި ނަސްލުތަކުގެ މީހުންނާ އަޅާބަލާ އިރު ޤައުމަށް ޚިޔާނާތްތެރިވުމުގެ ފިކުރާ ވަރަށް ދުރު ބައެއްކަން ހާމަވެފައިވެ އެވެ. ބީބީސީގެ އޭޝިޔާ ނެޓްވާކުން 2007 ވަނަ އަހަރު ކުރި ސަރވޭއަކުން ވެސް ހާމަވެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ ހިންދޫންގެ ތެރެއިން 46 ޕަސެންޓް މީހުން އިނގިރޭސިއުންމަތަށް ލޯބިކޮށް އެޤައުމުގެ މުއައްސަސާތަކަށް އިޙްތިރާމްކުރާ އިރު މުސްލިމުންގެ 64 ޕަސެންޓް މީހުން އިނގިރޭސިއުންމަތަށް ލޯބިކޮށް އެޤައުމުގެ މުއައްސަސާތަކަށް އިޙްތިރާމްކުރެ އެވެ.

އިންސްޓިޓިއުޓް ފޯ އިކޮނޮމިކް އެންޑް ސޯޝަލް ރީސާޗް އާއި އިންސްޓިޓިއުޓް އޮފް އެޑިޔްކޭޝަން ގުޅިގެންދާ ދިފަހުން ކުރި ސަވޭގެ ނަތީޖާ ދައްކާ ގޮތުން އިނގިރޭސި މުސްލިމުންގެ ތެރެއިން ތިންބައިކުޅަ ހަތަރެއް އިންސައްތަ މީހުން އިނގިރޭސިއުންމަތަށް ލޯބިކޮށް އެ ޤައުމުގެ މުއައްސަސާތަކަށް އިޙްތިރާމްކުރާ އިރު ދޮންމީހުން ވެސް ހިމެނޭ ގޮތަށް އިނގިރޭސިވިލާތުގެ އެހެން ދީންތަކުގެ މީހުންގެ ތެރެއިން އިނގިރޭސިއުންމަތަށް އިޚްލާސްތެރިވެއެޤައުމުގެ މުއައްސަސާތަކަށް އިޙްތިރާމްކުރަނީ އެންމެ 45 ޕަސެންޓް މީހުންނެވެ.

މިނަތީޖާތަކާ އެކު ވެސް އިނގިރޭސިވިލާތުގެ ރައްޔިތުންގެ ގޮތުގައި ތިބެގެން އެޤައުމަށް ޚިޔާނާތްތެރިވެ އެޤައުމުގެ މުއައްސަސާތަކަށް އިޙްތިރާމްނުކުރާ ބައެއްގެ ގޮތުގައި އިނގިރޭސި މުޖްތަމަޢުގައި ލޭބަލްވެފައި ވަނީ މުސްލިމުންނެވެ. ޔަހޫދީ ޒަޔަނިސްޓް ހަރުކަށި ވިސްނުމާ އަދި ޒަޔަނިސްޓުންގެ ނުފޫޒު އޮންނަ އިނގިރޭސި މީޑިޔާގައާއި ޒަޔަނިސްޓުންގެ ނުފޫޒުގައިޖެހިފައިވާ އިނގިރޭސި ސިޔާސީ ލީޑަރުންގެ ބަޔާންތަކާއި ޚިތާބުތަކުގައި އެޤައުމުގެ މުސްލިމުން ސިފަކުރަމުން ގެންދަނީ ހައްދުފަހަނަޅާފައިވާ މީހުންގެ ގޮތުގައާއި ޓެރަރިސްޓުންގެ ގޮތުގައި ކަމަށް އިނގިރޭސި ނޫހެއް ކަމަށްވާ "ދަ މުސްލިމް ނިއުޒް"ގެ އެޑިޓާ އަހްމަދު ވާސީ ވިދާޅުވި އެވެ.

އިނގިރޭސި މުސްލިމުން އެމީހުންގެ ދީން ކަމަށްވާ މާތްވެގެންވާ އިސްލާމް ދީނަށް ލޯބިކޮށް އެދީނުގައި ވާގޮތަށް އުޅެމުން ވެސް އެމީހުން ދިރިއުޅޭ ވަޒަންކަމަށްވާ އިނގިރޭސިއުންމަތަށް ވަފާތެރިވެއިނގިރޭސި ދައުލަތުގެ ނިޒާމަށާއި މުއައްސަސާތަކަށް އިޙްތިރާމްކުރެވި ދާނެކަމުގެ ރީތި ނަމޫނާ އިނގިރޭސި މުސްލިމުން ދައްކަމުން ގެންދާކަމަށް އަހްމަދު ވިދާޅުވި އެވެ. (ޓައިމްސް)