ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ، ނަޖީބުގެ އަވާރަކޮށްލި ގާތިލުން ކަމަށްވާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ، 18، އާއި މ. މަސްރޫރާ، އަހުމަދު މުއްރަތަކީ ދެ ލޯބިވެރިންނެވެ. ނަޖީބުގެ މަރާ ގުޅިގެން ހަނާއާއި މުއްރަތު ހައްޔަރު ކުރި ހިސާބުން ފެށިގެން އެ ދެ ލޯބިވެރިން ފުރަތަމަ ފަހަރަށް އެކަކު އަނެކަކަށް ފެނުނީ ވަކިވަކިން ބޭއްވި ޝަރީއަތުގައި ދެމީހުންވި އިއުތިރާފަށްފަހު، ނަޖީބުގެ ވާރިސުންގެ ބަސް ހޯދަން ގާޒީ ބޭއްވި މަޖިލީހުގަ އެވެ. މަޖިލިސް އެއްވާން ކޯޓް ރޫމަށް ވަން އިރު މުއްރަތު ވަނީ ހަނާގެ މޫނަށް ވަރަށް ގަދައަށް ބަލާފަ އެވެ. ހާނާއާ ދިމާއަށް ކޮންމެވެސް އެއްޗެއް ބުނަން އޭނާ ބޭނުންވާހެން ހީވެއެވެ. ހަނާ ހުރީ އިސް ޖަހައިގެނެވެ.

ހަނާއާ މުއްރަތު އެކުގައި ތިބި މަޖިލީހުގައި ނަޖީބު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ލާނެ ޑަސްބިނެއް ގަތީ ނަޖީބު ދިރިހުއްޓައި އޭނައަށް ބިރު ދައްކައިގެން އަތުލި ކޭޝްކާޑު ބޭނުންކޮށް ނަޖީބުގެ އެކައުންޓުން ފައިސާ ނަގައިގެން ކަމަށް ނަޖީބުގެ ގާތިލު އަހުމަދު މުރައްތު 29، ޝަރީއަތުގައި މަޖިލީހުގައި ވަނީ ބުނެފައެވެ.

ވާރިސުންގެ ބަސް ހޯދަން ރޭ ބޭއްވި މަޖިލީހުގައި ގާތިލުންގެ ކިބައިން ބޭނުން ވަނީ ކޮން ކަމެއްތޯ ވާރިސުންގެ ކިބައިން ސާފު ކުރުމަށް ފަހު ގާޒީ ވަނީ މުއްރަތާއި ހަނާއާ ދެމީހުންނަށް ވަކިވަކިން ސުވާލުތަކެއް ކޮށް އިތުރު ބައެއް ކަންކަން ސާފު ކުރައްވާފަ އެވެ. ގާޒީގެ ސުވާލުތައް ފުރަތަމަ އަމާޒު ކުރެއްވީ މުއްރަތަށެވެ. އެއްސެވި އެވެ: "[ނަޖީބު] މަރާލުމަށްފަހު ޑިޕޯސްކޮށްލަން ނުވަތަ ހަށިގަނޑު ނައްތާލަން ކަންތައް ކުރީ ކިހިނެއް؟"
ސުވާލު އަމާޒުވިއިރު، ބިޑިން ހައްޔަރުކޮށްފައިވާ މުއްރަތު އެއްއަތުން އަނެއް އަތުގެ އިނގިލިތަކާ ކުޅެމުން ދެއެވެ. އިސްޖަހައިގެން އިނުމަށް ގާޒީއަށް ބަލާލާފައި ޖަވާބު ދިނެވެ. "ޑަސްބިނަށްލީ!"
ދެން ކީއްކުރީ؟ "ޑަސްބިނަށްލާފަ. އެތެރެއަށްލީ. [ހަށިގަނޑު ޑަސްބިނުގެ އެތެރެއަށް ގަންބާލީ]. ދެން ގަލެއް ވެސް ލިން. އެއީ އެޅި ގަލެއް،" ބިޑިއަޅުވައި ހުރި ނަމަވެސް އަތުގެ އިޝާރާތުން ޑަސްބިނުގެ ތެރެއަށް ނަޖީބުގެ ހަށިގަނޑު ގަންބާލިކަން ބުނެދޭން އޭނާ މަސައްކަތް ކުރި އެވެ.
އެއީ ކީއްކުރާ ގަލެއް؟ "ހަމަ ގަލެއް ލީ!"
ދެން އިތުރު އެއްޗެއް އެއަށްލިންތޯ؟ މި ދެންނެވީ ވެލި ބަސްތާއެއް ކަހަލަ އެއްޗެއް؟ "ނޫން ނުލަން، ހަމަ ގަލެއް ލީ!"
ނަޖީބުގެ ފައިސާއެއް ބޭނުން ކުރެއްވިންތޯ؟ "އާދެ، ޑަސްބިނަކާއި މަސްތުވާތަކެއްޗާއި ސިނގިރޭޓް ފޮއްޓެއް ވެސް ގަތިން،"
މަސްތުވާތަކެއްޗާ ބެހޭ ގޮތުން ވެސް އިތުރަށް ފަނޑިޔާރު ސުވާލެއް ނުކުރައްވައެވެ. އެހިސާބުން އޮޅުންފިލުއްވެވީ ފައިސާގެ ވާހަކައެވެ: "ކިހިނެއްތޯ ފައިސާ ނެގީ، ވޮލެޓުންތޯ؟"
"ލައްބަ! އޭނަގެ ވޮލެޓްން ވެސް [ކޭޝް] ކާޑުން ވެސް ނެގިން. ދެ ފަހަރެއްގެ މަތިން 2000ރ. ކާޑުން ނެގިން" މުރައްތު ޖަވާބު ދިނުމެއް ނަޖީބުގެ ވޮލެޓްން ކިހާ ފައިސާއެއް ނެގިތޯ ވެސް ގާޒީ އެވަގުތު ސުވާލެއް ކުރެއްވި އެވެ. "އަދަދެއް ނޭނގޭ! ބާކީ ހުރި ފައިސާ [އަޅުގަނޑު] ހައްޔަރު ކުރި އިރު ފުލުހުންނާ ހަވާލުކުރީ] އެ އަދަދުވެސް ނޭނގޭ!"

އެހެންވީމަ ދެ ފަހަރެއްގެ މަތިން ކޭޝްކާޑުން ނެގީ 2000ރ. އާއެކު ޖުމްލަ 4000ރ. ދެއްތޯ؟ "[ބަހެއް ނުބުނޭ ހަމައެކަނި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި]
ކޮންތާކުން ފައިސާ ނެގީ. މިބުނީ އޭޓީއެމަކަށް ގޮސްގެންހޭ؟ "އާދެ! ފުރަތަމަ ދިޔައީ އައިޖީއެމް ކައިރީގައި ހުންނަ [މާފަންނު ވިލީ ފުލުސް ކުރި މަތީގައި ހުންނަ] އޭޓީއެމަށް. އެތަނަށް ގޮސްފަ 2000ރ. ނެގިން. ދެވަނައަށް ދިޔައީ ކަސްޓަމްސް ކައިރީގައި ހުންނަ އޭޓީއެމަށް އެތަނުން ވެސް 2000ރ. ނެގިން،"
އޭރު ގަޑިން ކިހާއިރެއްވާނެތޯ؟ 30 ޖޫން ވަނަ ދުވަހުގެ ރޭތޯ؟ އެ ރޭ 12:00 އިގެ ފަސް ތޯ؟ "އެހާބޮޑަކަށް ހަނދާނެއް ނެތް!"
އޭރު ނަޖީބު ކޮބައިތޯ؟ ދިރިހުންނެވިތޯ؟ "ލައްބަ! އަޅުގަނޑު އޭރު އޭނާ މަރައެއް ނުލަން. ދިރިހުއްޓާ ފައިސާ ބޭނުންކުރީ!" ގާޒީ މުއްރަތާ ކުރި ސުވާލަށް އޭނާ ޖަވާބު ދިނެވެ. އޭނާގެ މޫނު މަތިން އެއްވެސް ވަރަކަށް ނުތަނަވަސް ކަމެއް ފާހަގައެއް ނުވެ އެވެ. މުއްރަތަށް ފަހު އޭނާގެ ލޯބިވެރިޔާ އަދި ނަޖީބު އަވަހާރަކޮށްލުމުގައި މުއްރަތަށް އެހީވެދިން ހަނާއަށް ގާޒީ ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ: "އެބުނާ ކޭޝްކާޑު ނެގިއިރު އެތާ ހަނާ ހުރިންތަ؟" ގާޒީގެ އެ ސުވާލަށް ހަނާ ޖަވާބު ދިން އިރު އެއްވެސް ހާސް ކަމެއް ނުފެނެ އެވެ. ބޮޑަށް ހީވީ ކުޑަކުއްޖަކު ވާހަކަ ދެއްކިހެނެވެ. ބުނެލި އެވެ: "ލައްބަ!"
ޑަސްބިންގެ ތެރެއަށް، ކޯޗެއްތޯލީ؟ "ގަލެއް! އެޅި ގަލެއް،"
އިތުރު އެއްޗެއް ލިންތޯ؟ "ނޫން ނުލަން،"
އެޅި ގާލީ ކާކު؟ "އަހަންނެއް ނޫން މުއްރަތު!"
ކޭޝްކާޑު ނެގީ ކާކު؟ "މުއްރަތު!" ކުރުކުކޮށް ހަނާ ޖަވާބު ދިނުމުން ގާޒީ ދެން ސުވާލު ކުރެއްވީ ވޮލެޓުން ފައިސާ ނެގީ ކާކުތޯ އެވެ؟ އެސުވާލަށް ވެސް ހަނާ ގެ ޖަވާބަަކަށްވީ "މުއްރަތު" އެވެ. އެހިސާބުން ދެން އެއްސެވީ ނަޖީބުގެ ކޭޝް ކާޑްގެ ޕިން ނަމްބަރާ ބެހޭ ގޮތުންނެވެ. ސުވާލު ކުރެއްވި އެވެ: "ކާޑު ނަންބަރު ހޯދަން ނަޖީބަށް ބިރުދެއްކީ ކާކު؟" ގާޒީ ގެ އެ ސުވާލަށް ވެސް ހަނާ ހަމައެކަނި ބުނެލީ އޭނާގެ ލޯބިވެރިޔާގެ ނަމުގެ ފަހުބަ އެވެ.
އޭޓީއެމުން ނެގި ފައިސާ ބޭނުންކުރީ ކާކު؟ "މުއްރަތު!"
ކިހާ އަދަދެއްގެ ފައިސާއެއް؟ "ދެ ފަހަރެއްގެ މަތިން 2000ރ. ނެގި އަޅުގަނޑު އޭނާއާއެކު [މުއްރަތާއެކު] ދިޔައިން. އެއީ އެބުނާ އައިޖީއެމްއެޗް ކައިރީގައި ހުރި ތަނާއި ބޮޑުތަކުރުފާނު މަހުގައި ހުންނަ ބާޒާރު ބްރާންޗް ކައިރީގައި ހުންނަ ތަނުން،"
އެ ފައިސާއަށް ކޯނޗެއް ގަތީ؟ "އަޅުގަނޑަށް އެނގިގެން ގަތީ ޑަސްބިނެއް. އެއީ ގާތްގަނޑަކަށް 1000ރ. ގެ ޑަސްބިނެއް!"
އިތުރު އެއްޗެއް ގަތްތަ؟ "ނޫން، ނުގަނޭ! އަޅުގަނޑަށް އެނގިގެން ގަތީ ޑަސްބިނެއް،"
ދެމީހުނާ އެއް ހާޒިރުގައި ވަކިވަކިން ސުވާލުތައް ކުރެއްވުމަށްފަހު ދައުލަތުން އިތުރު އެއްޗެއް ސާފުކުރަން ބޭނުންވޭތޯ ގާޒީ އެއްސެވި އެވެ. ހަނާއަށް ސުވާލުތައް އަމާޒު ކުރެއްވި އިރު ޝަރީއަތުގައި އޭނާ ރާބޮއި މަސްތުވި ކަމަށް ބުނާ ވާހަކައިން ވެސް ސުވާލެއް ނާއްސަވަ އެވެ.

ދައުލަތުގެ ވަކީލަށް ފުރުސަތު ދެއްވުމުން ވިދާޅުވީ މުއްރަތާއި ހަނާ ވެސް ތިބީ 15 ދުވަހުގެ ބަންދެއްގައި ކަމަށާއި ނަމަވެސް މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުގައި ބައިތިއްބުމުގެ އަމުރަކަށް އެދޭ ކަމަށެވެ. ދައުލަތުން އެގޮތަށް އެދުމުން ގާޒީ ވަނީ މީގެ ކުރިން ޖުލައި އެއްވަނަ ދުވަހު މުއްރަތާއި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ޖަހައިދިން 15 ދުވަހުގެ މުއްދަތު ބާތިލުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ފުލުހުންނަށް އަމުރުކޮށްފަ އެވެ.

ޝަރީއަތުގެ މަޖިލިސް ރުޅައިލުމަށްފަހު މުއްރަތާއި ހަނާ ކޯޓް ރޫމުން ބޭރަށް ނެރުނު އިރު ހަނާ ފަސް އެނބުރި ބަލަމުން ދިޔައީ މުއްރަތުގެ މޫނަށެވެ. އޭނާ ވެސް މުއްރަތާ ސުވާލެއް ކުރަން ބޭނުންވާކަން މޫނުމަތިން ފެނުނެވެ. އެކަމަކު މުއްރަތު ހުރީ އިސް ޖަހައިގެނެވެ.