03 Jul 2012, 23:02
މާފަންނު ގެއެއްގެ ތެރޭ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އަންހެނަކާ ތިން ފިރިހެނަކު މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މ. އޮޅާލިގެއިން މިއަދު ހަވީރު ހަތަރު މީހަކު ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެއަށް ގޮސް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި ހައްޔަރު ކުރީ އުމުރުން 20 އަހަރާއި 21 އަހަރާއި 27 އަހަރުގެ ފިރިހެނުން ކަމަށެވެ. ހައްޔަރު ކުރި އަންހެން މީހާ އަކީ 29 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އޭގެތެރެއިން އެކަކުގެ ޖީބުން 30،000ރ. ފެނިފައިވާ ކަމަށާއި އަދި އިތުރު މީހެއްގެ ޖީބުން 1،100 ޑޮލަރާއި 3،000ރ. ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 10 ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފަރީދީ މަގުގައި ހުރި އެގެއަށް ފުލުހުން މިއަދު ވަދެ ބަލާ ފާސްކޮށް ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ އެގޭގެ ދެވަނަ ބުރިން ނެވެ.
އަދި އެގެއަށް ވަންނަން ހުރި ދޮރު ހަލާކުކޮށްލައިގެން ފުލުހުން ވަދެ ގިނަ އިރުތަކެއް ވަންދެން އެގޭގެ ތެރެ ވަނީ ބަލައި ފާސްކޮށް ކޮތަޅުތަކެއް ނެރެގެން ގެންގޮސްފަ އެވެ. އަދި އެމީހުން ނެރެގެން ގެންދިޔަ ވަގުތު ގިނަ ބަޔަކު ވަނީ އެސަރަހައްދަށް އެއްވެފަ އެވެ.