ގާނޫނީ ވަކީލް އަހުމަދު ނަޖީބު ގޮނޑިއެއްގައި ބަނދެ އަތްފަޔާއި އަނގަމަތީގައި ޓޭޕް އެޅުމަށްފަހު ކަރަށް ވަޅި އަހަރައި އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެފައިވާ މ. މަސްރޫރާ އަހުމަދު މުރައްތު 29، އާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18ގެ ކިބައިން ބޭނުންވަނީ މަރަށް މަރު ކަމަށް ނަޖީބުގެ ހަ ދަރިން ޝަރީއަތުގައި ބުނެފި އެވެ.

ނަޖީބުގެ އަށް ދަރިންގެ ތެރެއިން މިއަދު ޝަރީއަތަށް ހާޒިރުވި ހަ ދަރިން ވަކިވަކިން ޝަރީއަތަށް ހާޒިރުކޮށް ބައްޕަ މަރާލި ގާތިލުންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލު ކުރުމުން ހަ ދަރިން ވެސް ބުނެފައި ވަނީ މަރަށް މަރު، ނުވަތަ ގިސޯސް ހިފަން ކަމަށެވެ. މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ދަރިން ބުނިއިރު، ފުރަގަހަށް ބިޑިއަޅުވާފައި އިން މުރައްތާއި ހަނާ ޝަރީއަތުގައި އިސްޖަހައިގެން އަޑު އަހަން ތިއްބެވެ. ދެ މީހުންގެ ފަރާތުން އެއްވެސް ހާސްކަމެއް ފާހަގައެއް ނުކުރެވެ އެވެ.

ޝަރީއަތަށް ހާޒިރު ނުވާ ވާރިސުންނަކީ ރާއްޖެއިން ބޭރުގައި ހުރި ނަޖީބުގެ ދަރިފުޅު ޝަމްހާ އަހުމަދު ނަޖީބު އެވެ. އަދި އަނެއް ދަރިފުޅު ޖިނާން އަހުމަދު ނަޖީބު ހުރީ ރިސޯޓެއްގަ އެވެ. ނަމަވެސް އިއްޔެ ބައްޕަގެ ޖަނާޒާއަށް އޭނާ އައެވެ.

މިރޭ ޝަރީއަތުގައި ގިސޯސް ހިފަން ބޭނުންވާ ކަމަށް ބުނީ ނަޖީބުގެ ދޮށީ ފިރިހެން ދަރި އަހުމަދު ފައިސަލްއާއި ދޮށީ އަންހެން ދަރި ޝީލާ ނަޖީބު އާއި ޝިފްނާ އަހުމަދާއި ނިލާ އަހުމަދު ނަޖީބާއި ޝަމާމާ އަހުމަދު ނަޖީބާއި ޖިހާނު އަހުމަދު ނަޖީބެވެ. އެ ދަރިންގެ ތެރެއިން ޝީލާ ނަޖީބު ޝަރީއަތުގައި ފެންކަޅިވެ ހުރެ ބުނީ "އަޅުގަނޑުމެން ހަމަ ބޭނުންވަނީ މަރަށް މަރު، އެއީ" މިހެންނެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބާކީ ތިއްބެވި ވާރިސުން ހޯދުމަށް މިރޭ ކްރިމިނަލް ކޯޓުން އިއުލާންކޮށްފައިވާ ކަމަށާއި އެ އިއުލާން ޖުލައި 10، 2012އަށް ހަމަވާނެ ކަމަށެވެ. އެއަށްފަހު އެ މައްސަލާގައި ހުލާސާ ބަޔާން އިއްވުމަށްފަހު، މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.