ނިއުދިއްލީ(ޖުލައި 3): އިންޑިޔާގެ އިރުމަތީ ފަޅިއަށް ކުރަމުންގެންދާ ވިއްސާރާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލި 2.5 މިލިޔަން މީހުން ހާލުގައިޖެހިއްޖެ ކަން އެ ޤައުމުން ހާމަކޮށްފި އެވެ.

މިވިއްސާރާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އާސާމް، އަރުނާޗަލް ޕްރަދޭޝް، މަނިޕޫރު އަދި މެގަލަޔާ މިސްޓޭޓްތަކަށެވެ. މިހަތަރު ސްޓޭޓްގެ ތެރެއިން ވެސް އެންމެ ބޮޑުގެއްލުމެއް ލިބިފައިވާ ކަމަށް ޚަބަރު ލިބެނީ އާސާމް ސްޓޭޓަށެވެ. މި ސްޓޭޓަށް ލިބުނު މާއްދީ ގެއްލުންތައް އެތައް ބިލިޔަން ޑޮލަރުން ގުނާލެވޭނެ ކަމަށް އެސްޓޭޓްގެ ލޯކަލް މަސްއޫލުވެރިން ވިދާޅުވެ އެވެ.

އާސާމަށް ލިބުނު އެންމެބޮޑު ގެއްލުމަކީ އެތައް ލައްކަގެއެއް ހަލާކުވުމެވެ. މިކަމުގެ ސަބަބުން އެތައް ލައްކަބަޔަކު ވަނީ މަގުމަތިވެފަ އެވެ. އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ މިގެއްލުންތައް ބައްލަވާލެއްވުމަށް އެސްޓޭޓަށް ވަޑައިގެންފަ އެވެ. ސިންގް ވިދާޅުވީ އާސާމަށް ކުރިމަތިވެފައި ވަނީ އާދަޔާޚިލާފު މުސީބާތެއް ކަމަށާއި އެކަމުން ސަލާމަތްވުމަށާއި ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ހިޔާތައް ހެދުމަށް ފެޑްރަލް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގަ އެވެ.
މިގޮތުން ވިއްސާރާއިގާ މީހުން މަރުވެ އަދި މީހުން ގެއްލިފައިވާ ޢާއިލާތަކުގެ ތެރެއިން ކޮންމެ ޢާއިލާއަކަށް ގެދޮރު ބިނާކޮށްދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ވަގުތީ އެހީއެއްގެ ގޮތުގައި 1800 އެމެރިކާ ޑޮލަރަށްވާ މިންވަރުގެ އިންޑިޔަން ރުޕީ، ފެޑްރަލް ސަރުކާރުން ވަރަށް އަވަހަށް ދެއްވާނެކަން މަންމޯހަން ސިންގް ވަނީ ޢިޢްލާން ކުރައްވާފަ އެވެ.

އާސާމާއި އަރުނާޗަލް ޕްރަދޭޝް އާއި މަނިޕޫރާއި މެގަލަޔާ މިސްޓޭޓްތަކުގެ ދަނޑުބިންތަކުގެ ބޮޑުބައެއް ފެނުގެ އަޑީގައިވާއިރު މިސްޓޭޓްގެ ދަނޑުބިންތަކަކީ އިންޑިޔާގައި އެންމެ ގިނައިން ސައިފަތް އުފައްދާ ބިންތަކެވެ. މިސްޓޭޓްތަކަށް ގަދައަށް ވިއްސާރަ ކުރަމުންދާ އިރު އިންޑިޔާގެ އެހެން ސްޓޭޓްތަކަށް ދަނީ ހަނަފަސްކަން އައިސް ހަނަފަސްކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. (އަލްޖަޒީރާ)