ރާއްޖެ ޓީވީ އަށް އަފްލިންކް ކުރުމުގެ ވަގުތީ ހުއްދައެއް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދީފި އެވެ.

ރާއްޖެ ޓީވީގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ރަފީގު މިރޭ ވިދާޅުވީ ރާއްޖެ ޓީވީ އަށް ސެޓްލައިޓް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދެއްކުމުގެ ހުއްދަ ދިނީ މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކަމަށެވެ. އަދި ބުނީ ދީފައި ވަނީ ވަގުތީ ހުއްދައެއް ކަމަށާއި ހުއްދަ ދީފައި ވަނީ މި އަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް ކަމަށެވެ.

"މިހާރު ދީފައި ވަނީ ވަގުތީ ހުއްދައެއް، ދެން އެބޭފުޅުންގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ އަޕްލިންކް ކުރުމުގެ ގަވައިދަށް ބަދަލުގެނައުމަށް ފަހު،" ރަފީގު ވިދާޅުވި އެވެ.

ރާއްޖެ ޓީވީއަށް އަޕްލިންކްގެ ޚިދުމަތް ދިނުމުގައި ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށް ބުނެ ރާއްޖެ ޓީވީން ވަނީ އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ވެސް ހުށައަޅައިފަ އެވެ. އަދި އެކައުންސިލުން ވަނީ އެ މައްސަލަ ބެލުމަށް ފަހު މިއަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމާނެކަމަށް ވެސް ބުނެފަ އެވެ.

ރާއްޖެ ޓީވީ އަށް އަޕްލިންކްގެ ޚިދުމަތް ދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދަތިކުރާ ކަމަށް ބުނާ މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ރާއްޖެ ޓީވީއަށް އަޕްލިންގެ ހިދުމަތް ވަގުތުން ދިނުމަށް ގޮވައިލައިފަ އެވެ.